ފަލަސްތީނު ބަޔަކު އިއްޔެ ޣައްޒާގެ އުތުރުގެ ސަރަހައްދަށް ވަދެވޭނެ އިރެއްގެ އިންތިޒާރުގައި: ޣައްޒާގެ އާންމުން ބުނަނީ ކޮންމެ ހާލެއްގައި ވިޔަސް އެ މީހުން އަމިއްލަ ވަޒަން ދޫކޮށް ނުދާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
27 ޖެނުއަރީ 2025 - 06:28
ފަލަސްތީނުގެ ޣައްޒާގައި އުޅޭ މީހުން އެހެން ގައުމުތަކަށް ފޮނުވާލުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކައާ ގުޅިގެން ފަލަސްތީނުގެ ލީޑަރު މަހްމޫދު އައްބާސް އާއި އޭނާގެ ވާދަވެރި ހަމާސްގެ ޖަމާއަތުން ވެސް ރުޅިވެރިކަމާ އެކު ރައްދު ދީފި އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ 15 މަސް ދުވަހަށް ފަހު ހަމަލާތައް މެދުކަނޑާލާފައި ވާއިރު ޓްރަމްޕް ވިދާޅުވީ މިހާރު އެއީ " ޑެމޮލިޝަން ސައިޓް" އެއް ކަމަށާއި އެތަނުގައި އުޅޭ މީހުން މިސްރާއި އުރުދުންއަށް ގެންދަން އެ ދެ ގައުމާ ވާހަކަ ދައްކަވާނެ ކަމަށެވެ.
ފަލަސްތީނުގެ ޖަމާއަތްތަކުން ޓްރަމްޕަށް ރައްދު ދީފައި ވާއިރު އުރުދުން އިން ވެސް ވަނީ ސާފުކޮށް މި ވާހަކައަށް ޖަވާބު ދީފަ އެވެ.
އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ ވިދާޅުވީ "ފަލަސްތީނުގެ ރައްޔިތުން ވިއްސިވިހާލިކޮށްލުމާ ދެކޮޅު" ކަމަށާއި އެކަން އަބަދުވެސް އޮންނާނީ އެހެން ކަމަށެވެ.
"އުރުދުން އަކީ އުރުދުންގެ ރައްޔިތުންނަށް އަދި ފަލަސްތީނަކީ ފަލަސްތީނަށް އޮތް ގައުމެއް،" އޭނާ ވިދާޅުވި އެވެ.
ޣައްޒާގެ ގިނަ މީހުންނަކީ ފަލަސްތީނުގެ ރެފިއުޖީން ނުވަތަ އެ މީހުންގެ އާއިލާތަކެވެ. އުރުދުންގައި މިހާރުވެސް ފަލަސްތީނުގެ ގާތްގަނޑަކަށް 2.3 މިލިއަން ރެފިއުޖީން ރެޖިސްޓްރީކޮށްފައިވާ ކަމަށް އދ.ގެ ހިސާބުތަކުން ދައްކަ އެވެ.
ފަލަސްތީނުގެ ޣައްޒާގައި ބަޔަކު އިމާރާތެއްގެ ހަލާކުވެފައިވާ ގާތަކެއްގެ މަތީ އިށީނދެލައިގެން. -- ފޮޓޯ: އޭއެފްޕީ
ފަލަސްތީނު މީހުންނަށް، ޣައްޒާއިން މީހުން ގެންދިއުމަށް ކުރާ ކޮންމެ މަސައްކަތަކީ، 1948 ވަނަ އަހަރު އިޒްރޭލު އުފެއްދުމަށް ފަލަސްތީނު ރައްޔިތުން ގިނަ ބަޔަކު ވަޒަނުން ބޭރުކޮށްލި "ނަކްބާ" ނުވަތަ ކާރިސާގެ އަނދިރި ހަނދާންތައް އާވެގެންދާނެ ކަމެކެވެ.
"ޓްރަމްޕާއި މުޅި ދުނިޔެއަށް ވެސް ބުނާނީ ކޮންމެ ކަމެއް ދިމާވިޔަސް ފަލަސްތީނާއި ޣައްޒާ ދޫކޮށްލާފައެއް ނުދާނަމޭ،" ގެދޮރު ގެއްލިފައިވާ ޣައްޒާގެ މީހެއް ކަމަށްވާ ރަޝާދު އަލް ނާޖީ އޭއެފްޕީއަށް ބުންޏެވެ.
ޣައްޒާއިން މިސްރުގެ ސައިނާއީގެ ސަހަރާތެރެއަށް މަޖުބޫރުން މީހުން ގެންދާ ނަމަ އެކަން ވާނީ މިސްރުން 1979 ވަނަ އަހަރު އިޒްރޭލާ އެކު ސޮއިކުރި ސުލްހައިގެ މުއާހަދާއާ ހިލާފްވުމަށް ކަމަށް ވިދާޅުވެ މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވެސް ކުރިން ވާހަކަ ދައްކަވާފައިވެ އެވެ.
ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރެއް ކަމަށްވާ ބާސިމް ނާއިމް އޭއެފްޕީއަށް ވިދާޅުވީ ފަލަސްތީނުން "މިފަދަ މަޝްރޫއުތައް ނާކާމިޔާބުކޮށްލާނެ" ކަމަށެވެ. އެފަދަ ޕްލޭންތަކަށް ކިތަންމެ ޕްލޭނެއް ހަދައި ފަލަސްތީނު ރައްޔިތުން ގައުމުން ބޭރުކުރަން އެތައް ފަހަރަކު އުޅެފި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާގައި ހަމާސް ޖަމާއަތާ އެކު ހަނގުރާމަ ކުރަމުން އަންނަ އިސްލާމިކް ޖިހާދުން ވަނީ ޓްރަމްޕްގެ ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެއީ އަމިއްލަ ވަޒަން ދޫކޮށް ދާން ބާރުއެޅުމާ އެކު، ނަސްލު ނައްތާލުމުގެ ހަނގުރާމައަކަށް ހިތްވަރު ދިނުމުގެ އަމަލެއް ކަމަށް ބުނެފަ އެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެސް ވިދާޅުވީ ޓްރަމްޕް ދެއްކެވީ ވަރަށް ނުރައްކާ ވާހަކައެއް ކަމަށާއި އެ ވާހަކަ ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން ޒަޔަނިސްޓުންގެ ހަރުކަށި ފިކުރުގެ ސިޔާސީ އެތައް ބަޔަކު ދެކޮޅު ހަދާއިރު އެ މީހުން ގޮވާލަމުން ދަނީ ޣައްޒާގައި ޔަހޫދީން ވަޒަންވެރިކުރުވާށެވެ.
ޓްރަމްޕް ވަނީ ޣައްޒާއިން މީހުން ބޭލުމަކީ ވަގުތީ ނުވަތަ ދާއިމީ ކަމަކަށް ވެސް ހެދިދާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
27 January 2025
ލޮލް ޑްރީމް އޮން.. ޔަހޫދީ ޓްރަމްޕްގެ ރޭވުމަށް ވުރެ ﷲ ގެ ރޭއްވެވުން މާ މޮޅު ވާނެ. ތި ބިމުން ފައިބަން ޖެހެނީ ޔަހޫދީ ޒަޔަނިސްޓުން. ސަލާހުއްދީން އައްޔޫބީ ސަލީބީން ބަލި ކުރައްވާ ތިޔަ ބިން ފަތަހަ ކުރެއްވި ފަދައިން ވަގުތު ޖެހުމުން ﷲ ގެ ވާގިފުޅާއެކު މުސްލިމުން ތިބިން އަދި ފަތަހަ ކުރާނެ.