28 ޖެނުއަރީ 2025 - 09:21
ސައޫދީ އަރަބިއްޔާގެ އަލް ހިލާލްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައި ބްރެޒިލް ފޯވާޑް ނޭމާ، އޭނާ ކެރިއަރު ފެށި ކްލަބް ކަމަށްވާ އެ ގައުމުގެ ސަންތޯސް އަށް ބަދަލުވާން ނިންމައިފި އެވެ.
އަލް ހިލާލް އަށް 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ބަދަލުވި ނޭމާ އަށް އެ ކްލަބުގައި ހޭދަކުރި ދޮޅު އަހަރުގެ ތެރޭގައި ކުޅެދެވުނީ އެންމެ ހަތް މެޗެވެ. އަހަރަކު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު މުސާރައަކަށް އެ ކްލަބަށް ބަދަލުވި ނޭމާ އަށް ދިމާވީ އަނިޔާގެ ސީރިއަސް މައްސަލަތަކެކެވެ.
އެހެންވެ އެ ކްލަބުން ވެސް އޭނާގެ ކޮންޓްރެކްޓް ކުރިއަށް ގެންދަން ބޭނުންނުވީ އެވެ. އުމުރުން 32 އަހަރުގެ ނޭމާ މިހާރު ބޭނުންވަނީ އޭނާގެ ކެރިއަރުގެ ފަހު ވޯލްޑް ކަޕުގެ ގޮތުގައި ބެލެވޭ، އަންނަ އަހަރުގެ މުބާރާތުގައި ބްރެޒިލް ޖާޒީގައި މޮޅު ކުޅުމެއް ދެއްކުމަށްޓަކައި އަލުން ފޯމަކަށް އެޅުމެވެ. އޭނާ ދެކޭ ގޮތުގައި އެ ފުރުސަތު އެންމެ ބޮޑު ވާނީ އެނބުރި ބްރެޒިލަށް ގޮސްގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ނޭމާ މިއަދުގެ ވަގުތެއްގައި ބްރެޒިލަށް ގޮސް ސަންތޯސްގެ މެޑިކަލް ޓެސްޓު ހަދައި ކޮންޓްރެކްޓުގައި ސޮއިކުރާނެ އެވެ.
ސަންތޯސްގެ ޖާޒީގައި 2009 ވަނަ އަހަރު ކެރިއަރު ފެށި ނޭމާ އަކީ އޭރު ބެލެވުނު ގޮތުގައި ބްރެޒިލްގެ ލެޖެންޑް ޕެލޭ ފަދަ ކުޅުންތެރިޔެކެވެ. އޭނާއާ މެދު ގިނަ ބަޔަކު ވަރަށް ބޮޑެތި އުއްމީދުތަކެއް ކުރި އެވެ.
ނޭމާ ސްޕެއިނުގެ ބާސެލޯނާ އަށް ބަދަލުވެ ސްޕެނިޝް ލީގާއި، ޗެމްޕިއަންސް ލީގާއި، ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އެވެ. ނަމަވެސް، ފަހުން ދުނިޔޭގެ ރެކޯޑް އަގަކަށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ހިސާބުން އަނިޔާގެ މައްސަލަތައް ކުރިމަތިވާން ފެށީ އެވެ.
ނޭމާގެ ވެއްޓުމަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި 2014 ވަނަ އަހަރު ބްރެޒިލުގައި ބޭއްވި ވޯލްޑް ކަޕެވެ. ފޭވަރިޓުންގެ ގޮތުގައި ނުކުތް ބްރެޒިލް އެ ފަހަރު ސެމީ ފައިނަލުން ޖަރުމަން އަތުން ލަދުވެތި ގޮތަކަށް 7-1 އިން ބަލިވީ އެވެ. އެ ފަހަރު ނޭމާ އަށް އަނިޔާވެ ވަކި ހިސާބަކުން މުބާރާތުގައި ކުޅެވޭ ގޮތެއް ވެސް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy