ހަމަލާތައް ހުއްޓާލުމާ އެކު ޣައްޒާގެ އުތުރު ސަރަހައްދަށް އާންމުން ވަންނަ ހިސާބުގައި ކާމިޔާބީ ފާހަގަކޮށް މަރުހަބާ ކިޔާފައިވާ ލިޔުމެއް ހަރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
29 ޖެނުއަރީ 2025 - 06:05
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލުމަކީ އިޒްރޭލު ކުޑަކަކޫމައްޗަށް ތިރިވުން ކަމަށް އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އިޒްރޭލާއި ހަމާސް އިން ޣައްޒާގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލަން މީގެ ހަފްތާއެއް ކުރިން ވީ އެއްބަސްވުމަށް އަމަލުކުރަމުން އަންނައިރު ދެ ފަރާތުން ވެސް ދަނީ އެއްބަޔަކު އަނެއް ބައެއްގެ ގައިދީން މިނިވަންކުރަމުންނެވެ.
"ކުޑަކުޑަ، ވަސީލަތެއް ނެތް ޣައްޒާއިން ވަނީ އެންމެ ވަރުގަދަ ހަތިޔާރު އަޅައިގެން ތިބި އަދި އެމެރިކާގެ ފުރިހަމަ މަދަދާ އެކު އޮތް ޒަޔަނިސްޓުން ކުޑަކަކޫމައްޗަށް ތިރިކޮށްފައި،" އީރާންގެ އިސް އޮފިޝަލުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ޚާމަނާއީ ވިދާޅުވި އެވެ.
މީގެ އިތުރުން އިއްޔެ އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމައިލް ބަޣާއީ ވަނީ ޣައްޒާއިން ފަލަސްތީނު މީހުން މިސްރު ނުވަތަ އުރުދުން ފަދަ އެހެން ގައުމަކަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ސިޔާސީ މަޖުބޫރުކުރުމާއި ޑިމޮގްރަފިކް އޮޅުވާލުންތަކުން ފަލަސްތީނު ރައްޔިތުން ހިޖުރަކުރަން މަޖުބޫރެއް ނުކުރެވޭނެ،" ބަޣާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ޣައްޒާއަކީ ފަލަސްތީނުގެ އަމިއްލަ ވަޒަން ކަމަށާއި އެމީހުން އެތަނުގައި ތިބުމަށް ވަރަށް ބޮޑު އަގެއް އަދާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޣައްޒާގައި ހަމަލާތައް ފެށީ އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީ 1،210 މީހަކު މަރާލައި 251 މީހަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ އެވެ. އެކަމަކު އިޒްރޭލުން 15 މަސް ވަންދެން ދިން ހަމަލާތަކުގައި ފަލަސްތީނުން ގާތްގަނޑަކަށް 47،000 މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދާހި
29 January 2025
ސާބަހޭ ރޫހާނީ ލީޑަރ.
ގުމްރާހް
29 January 2025
"ޣައްޒާގައި ހަމަލާތައް ފެށީ އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީ 1،210 މީހަކު މަރާލައި 251 މީހަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ އެވެ. އެކަމަކު އިޒްރޭލުން 15 މަސް ވަންދެން ދިން ހަމަލާތަކުގައި ފަލަސްތީނުން ގާތްގަނޑަކަށް 47،000 މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އާންމުންނެވެ." މިހާރު ނޫހުން މީތި ރިޕީޓް މިކުރަނީ މިއީ ހަގީގަތްކަން ހާމަކޮށްދޭންބާ؟ ނޫނީ އޮޅުވާލަންބާ؟