ބޭރު ފައިސާ މާރުކުރާ ތަނެއްގެ ކައިރިން ބަޔަކު ހިނގާފައި ދަނީ: މިދިޔަ އަހަރު ނިމުނުއިރު ޔޫޒަބަލް ރިޒާވް ހުރީ 62 މިލިއަން ޑޮލަރުގައި --- ފޮޓޯ/މިހާރު
02 ފެބުރުއަރީ 2025 - 11:54
މިދިޔަ އަހަރު ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 62 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން ޑިސެމްބަރު މަހުގެ ޔޫޒަބަލް ރިޒާވް ވަނީ އޭގެ ކުރީ މަހަށް ވުރެ 16 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. އެގޮތުން ނޮވެމްބަރު މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 46 މިލިއަން ޑޮލަރު ކަމަށް ވާއިރު، އޭގެ ކުރީ މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 32 މިލިއަން ޑޮލަރެވެ. އެއީ މިދިޔަ އަހަރު ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ މަހެވެ.
ޔޫޒަބަލް ރިޒާވްގައި އެންމެ ބޮޑު އަދަދެއް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެމަހު ރިޒާވްގައި 128 މިލިއަން ޑޮލަރު ހުއްޓެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމްއެމްއޭ އިން ވަނީ ޔޫޒަބަލް ރިޒާވްގެ އަދަދު ކަނޑައަޅާ ގޮތަށް ބަދަލުތަކެއް ގެނެސްފަ އެވެ. މީގެ ކުރިން ޔޫޒަބަލް ރިޒާވްގެ އަދަދު ކަނޑައަޅަނީ އޮފިޝަލް ރިޒާވް އެސެޓުން ޕްރީ-ޑިޓާމައިންޑް ޝޯޓް-ޓާމް ނެޓް ޑްރެއިންސް އުނި ކުރުމަށްފަހު އެވެ. ނަމަވެސް އެ ބަދަލާއެކު، ފަހުން އެ ހިސާބު ހަދާއިރު އޮފިޝަލް ރިޒާވް އެސެޓަށް ފޮރިން ކަރެންސީ ރިޒާވް ވެސް އެއްކުރެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި ހުރީ 673 މިލިއަން ޑޮލަރެވެ. އެއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި އަދަދަށް ވުރެ 83 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. އެ އަހަރު ނިމުނު އިރު ޖުމްލަ ރިޒާވްގައި ހުރީ 590 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް ވުރެ ޑިސެމްބަރު މަހު ޖުމްލަ ރިޒާވް ވަނީ 57 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. ނޮވެމްބަރު މަހު ޖުމްލަ ރިޒާވްގައި ހުރީ 616 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު ޖުމްލަ ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔައީ ސެޕްޓެމްބަރު މަހު އެވެ. އެ މަހު ރިޒާވްގައި ހުރީ 371 މިލިއަން ޑޮލަރެވެ.
ބަޖެޓް ފޮތުގައިވާ ގޮތުން މިއަހަރު ޖުމްލަ ރިޒާވްގެ އަދަދު 705 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.
ރިޒާވްގެ ހާލަތު ރަނގަޅުވާން ފެށީ އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ބޭނުން ކުރަން ފެށުމުންނެވެ. ކަރެންސީ ސްވޮޕް އިން ލިބުނު ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު އިންވެސްޓް ކުރީ ރާއްޖޭގެ ބޭންކްތަކަށެވެ. މިއީ ކަރެންސީ ސްވޮޕް ފެސިލިޓީ އެގޮތަށް ބޭނުން ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ފައިސާ ބަހައްޓަނީ ބޭރުގެ ބޭންކެއްގަ އެވެ.
ރިޒާވް އިތުރުވާން ފެށިއިރު މިދިޔަ އަހަރަކީ ފަހުގެ ތާރީހެއްގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރެވެ. އެ އަހަރު އެވްރެޖުކޮށް ޔޫޒަބަލް ރިޒާވް ހުރީ 75 މިލިއަން ޑޮލަރުގަ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ 46 ޕަސެންޓް އިތުރު އަދަދެކެވެ.
ކަރެންސީ ސްވޮޕްއަށް ނަގާ ފައިސާ ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން އަނބުރާ ދައްކަން ޖެހެ އެވެ. މީގެ ކުރިން ތިން މަސް އަދި ހަ މަސް ދުވަހަށް ވެސް ކަރެންސީ ސްވޮޕް ފެސިލިޓީ ބޭނުންކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ކުރުސީ
02 February 2025
އިގްތިސޯދު ރަންތަފާސްކުރާވަރަކަށް ރިޒާވުވަނީ ކުޑަ. ނިމޭއިރު ބައިރުފިޔާނަމަވެސް އޮންނަަނެބާ؟
ައަބްދުލާ
02 February 2025
އަޅެފަހެ ލަދުނުގަނޭތަ މިގައުމުގަ މިއުޅޭ ސިޔާސީން, މަހަކު ބިލިއަން ޑޮލާސް ވަންނަ ގައުމެއްގެ ރިޒާވު ހުންނަވަރުމީ, ރ.ޔާމީން އާދިމާލައް ވަގޭ ވަގޭ މި ސިޔާސީމީހުން ކިޔާއިރު ޔާމީން ވެރިކަން ނިންމާފަ ދިޔައިރު 900މިލިއަން ހުރި, އެފަހުން ވެރިކަން ކުރި އެއްވެސް މީހަކަށް މިވަރުވެސް ނުވޭ, ގައުމުގެ ޒުވާނުން އެބަޖެހޭ މިކަން މިއަށްވުރެ ސީރިއަސްކޮނަގަން,