ރައީސް ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާ އެކު.-- ފޮޓޯ: ރައީސް އޮފީސް
02 ފެބުރުއަރީ 2025 - 15:48
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައީސް އޮފީސް މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ 13 އިން 17 އަށް ރައީސް އެސްޓޯނިއާ އަށް ކުރެއްވި އެ ދަތުރުފުޅުގެ ހަރަދުގެ ތަފުސީލު ރައީސް އޮފީހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ދަތުރުފުޅަށް ޖުމްލަ 1،371،069.18ރ. ހަރަދުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ އިސްވެރިން ކުރައްވާ ދަތުރުތަކުގެ ހަރަދާއި ހާސިލްވާ ކަންކަމުގެ ތަފްސީލުތައް ރައީސް އޮފީހުން ކޮންމެ ދަތުރަކަށް ފަހު އާންމުކުރެ އެވެ.
ރައީސް އެސްޓޯނިއާއަށް ވަޑައިގަތަކީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށެވެ.
ރައީސްގެ ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންނާއި ޓާރްޓޫގެ މޭޔަރާއި ތައުލީމީ ދާއިރާގެ މަންދޫބުންނާއި ފާހަގަކޮށްލެވޭ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވި އެވެ.
އެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މައްޗަށެވެ. އެސްޓޯނިއާގެ ސަރުކާރާއި އެ ގައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދީފަ އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި އެސްޓޯނިއާގެ ސަރުކާރާއެކު ތިން އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މައުލޫމާތު ބަދަލުކުރުމާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއިކުރި އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުން ހެދީ ދެ ގައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށެވެ. އަދި، ރާއްޖޭގެ ހޯމް މިނިސްޓްރީ އާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްއާ ދެމެދުގައި ވެސް އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
ރައީސް އޮފީހުން ކުރިން ބުނިގޮތުގައި، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް، މި ދަތުރުފުޅުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިނާހްްް
03 February 2025
ސޯލިހަށް މިވަރުވެސް ނުވި. އަގުބޮޑު ލަގްޒަރީ ސްޓައިލުގައި އެމެރިކާއަށްގޮސް ރައްޔިތުންގެ ފައިސާ ތަޅާބުރުވީ. އެނޫންކަމެއް އޭނަ ނުކުރޭ.
ތައުފީޤްް
03 February 2025
އާރްޓީއައި ލައިގެން ކޯޓަށް ދިޔަ ޒަމާންތަށް މާޒީވެގޮއްސި.
އަފާފް ސައިދު
03 February 2025
މިދިޔަ ސަރުކާރުގަ މިކަހަލަ މައުލޫމާތް ހޯދަން ކޯޓަށް ދާންޖެހެނީ. މިހާރު އެބަ ރަނގަޅުވޭ.
މިކޮއި
03 February 2025
މިލިޔަނުން ޚަރަދުކޮށް ދަތުރުތައްކުރާއިރު އަހަރެމެން ނިކަމތި ރައްޔިތުމީހާއަށް އޮތީ ކޮން އެއްޗެއް؟
ހުމާމް
03 February 2025
ނިމިދިޔަ ސަރުކާރުގަ ދަތުރުތަކުގެ ތަފްސީލް ހޯދަން އެދުނީމަ ދާންޖެހުނީ ކޯޓަށް. މުއިއްޒު މިއޮތީ ކެމްޕެއިން ތެރޭގަ ވައުދުވިގޮތައް މިކަންވެސް ކޮށްދެއްވާފަ
ލުފްޝާން
03 February 2025
ދެފުށްފެންނަށް ހާމަކަން ބޮޑު ސަރުކާރެއްކަން މި ސާބިތުކޮށްދިނީ
ހަމަދު ސަލީމް
03 February 2025
ފެނިގެން މިދަނީ ޓްރާސްޕޭރެންޓްކޮށް ގައުމު ހިންގަމުން އަދުގެ ސަރުކާރުން ދާތަން. މިހެން ވާންޖެހޭނެ. ދައުލަތުން ހަރަދު ކުރާ ގޮތް ރައްޔިތުންނަށް އިނގެން ވާނެ.
އަޝްމަލް މުހައްމަދު
03 February 2025
ތަފާތު އެބަފެނޭ. މީގެ ސަބަބުން ހަމަ ގައިމުވެސް ހާމަކަން ބޮޑުކޮށް ދައުލަތް ހިންގިގެން މިދަނީ
ތެފައާސާ.
03 February 2025
އަހަރެމެން ސްކޫލުގައި އުޅުނު ދުވަސްވަރު ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އިންޑިއާގެ ބައިވަރު ސިޓީތަކަށް ދިޔައިން. މައިގަނޑު ގޮތެއްގައި އޮތީ ފެކްޓަރީ ތަކާއި ކާރުޚާނާތަކަށާއި ވިޔަފާރި އޮފީސްތަކަށް ޒިޔާރަތްކޮށް އެތަންތަނުގައި ކަންކަން ކުރާގޮތް ބެލުން. މި ބުނާ ދަތުރުގައި ދިޔައީ ގްރޭޑު 9 ގެ ދަރިވަރުން. ސްކޫލުގެ ޕްރިންސިޕަލްއާ ޑެޕިއުޓީ ޕްރިންސިޕަލްއާ ސުޕަވައިޒަރުންނެއް ނޫން.
ގުދުގުދުލީބެއްޔާގެ ތެދުބަސް
02 February 2025
ބަލާބަލަ އަހަރެމެންގެ ރައީސް ގަދަކަން. 1.4 ތަޅާލިއަސް އެހެންއެންމެން އަންގިކޮއްޕައިގެން އިންއިރު އެމަނިކުފާނު އެއިންނެވީ ހުސްއަތާ، ދިވެހިން ފަޚުރުވެރިކޮށްދިނުމުގެ މަތީގާ.