ރިޕޯޓް / ކެންސަރު

ކެންސަރުގެ ގަދަ ވޭނާ ދެކޮޅަށް އެއަށްވުރެ ގަދަ ހިތްވަރެއްގައި!

ޒޫނާ އަދި އޭނާގެ ފިރިމީހާ ރާޝިދު. ޒޫނާގެ މަންމަ އާއި ބައްޕަ ނިޔާވީ ކެންސަރާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކޮށްފައި. -- ފޮޓޯ: ނުކުތާ

04 ފެބުރުއަރީ 2025 - 18:26

2 comments

ޒޫނާ މުހައްމަދުގެ އެންމެ ލޯބިވި ދެ މީހުން ވަކިވެގެން ދިޔައީ ކެންސަރާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކޮށްފަ އެވެ. އެންމެ ފުރަތަމަ، މަންމައަށް ކެންސަރު ޖެހިފައިވާކަން 2007 ވަނަ އަހަރު އެނގުނެވެ. އެ ހިތްދަތިކަން އެތައް ގުނައެއް ބޮޑުވީ މަންމަގެ ފަރުވާގެ ކަންކަމުގައި އުޅެނިކޮށް ބައްޕައަށް ވެސް ކެންސަރު ޖެހިފައިވާކަން އެނގި އަދި އެ ބަލީގައި ބައްޕަ ނިޔާވުމުންނެވެ.

މަންމައަށް ދެ ވަނަ ފަރަށް ކަށީގެ ކެންސަރު ޖެހި ހާސްކަމުގެ ތެރެއަށް އިތުރަށް ގެނބުނު ވަގުތު ޒޫނާގެ ދުނިޔެ ހުއްޓުމަކަށް އައީ، އެ ހުރިހާ ކަމެއްގައި ވެސް އެންމެ ގާތުގައި، އެންމެ ބޮޑު އެހީތެރިއަކަށް ހުރި ފިރިމީހާ، މުހައްމަދު ރާޝިދަށް ކެންސަރު ޖެހުނުކަން އެނގުމުންނެވެ.

ކެންސަރާ ދެކޮޅަށް ކުރި ވޭން ދެނިވި ހަނގުރާމައަށް ފަހުން މިދިޔަ އަހަރު މަންމަ ނިޔާވެއްޖެ އެވެ.

ޒޫނާ އަދި އޭނާގެ ފިރިމީހާ ރާޝިދު.

"ކެންސަރު އަހަރެމެން ދެމަފިރިންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތައް ގެނުވައިފި. އަހަރެމެންގެ ދިރިއުޅުން މި ވަގުތު މި ހޭދަކުރަނީ ﷲގެ އިރާދަފުޅާ އެކު ފިރިމީހާއަށް ޝިފާ ދެއްވުން އެދި ދުއާކޮށް، ކެއާގިވާގެ މަގާމުގައި ހުރެ. އަހަރެންނަށް ވީ އެންމެ ރަނގަޅަކަށް އަހަރެންގެ ވަގުތު ހުސްކޮށްގެން ދެމަފިރިންގެ ދިރިއުޅުމަށް މި ކުރިމަތިވެފައިވާ ހަލަބޮލިކަމާ ކުރިމަތިލައި ކެތްތެރިކަމާ އެކު ކުރިއަށްދިއުމަކީ އަހަރެންގެ އުއްމީދު،" ބަލީގެ ތަޖުރިބާތައް ކޮށްފައިވާ މީހުންގެ ވާހަކަތައް ގެނެސްދިނުމަށް ކެންސަރު ސޮސައިޓީއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ޒޫނާ ބުންޏެވެ.

ޒޫނާގެ ފިރިމީހާ، ރާޝިދަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނީ 2023 ވަނަ އަހަރު އެވެ. އެއީ އަނގައިގެ ކެންސަރަށް ވުމުން ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ.

"އަހަރެންގެ ދުނިޔެ އެކޮޅުކޮޅުން އެންމެ ބޮޑަށް ޖަހާލީ ލޯބިވާ ފިރިމީހާއަށް 2023 ވަނަ އަހަރު އޭޕްރީލް މަހު އަނގައިގެ ކެންސަރު ޖެހުމުން. ވަރަށް ވަގުތު ދިގު ބޮޑެތި އޮޕަރޭޝަނަށް ފަހު ކަތުރުކަށިގަނޑު ނަގައި އަދި ދުލުގެ ވިހި އިންސައްތަ ނަގަން ޖެހުނު. ކަތުރުކަށިގަނޑުގެ އިތުރުން އަނގައިގެ ނާރުތަކުގެ ބައެއް ނަގާފައިވާތީ ކާ އެއްޗެހީގެ ރަހަލުމާއި ކާއެއްޗެއް އިހުސާސްވުން ވަނީ ކުޑަވެފައި،" ޒޫނާ ބުންޏެވެ.

އޭނާ ބުނީ ހަތަރު މަސް ވަންދެން ރާޝިދަށް ކާންދޭން ޖެހުނީ ހޮޅި ލައްވައިގެން ކަމަށެވެ. ފަހުން ޖެހުނީ ހޮޅި ނުލައްވައި، ރަނގަޅަށް ކާން ދަސްކޮށްދޭށެވެ. ވާހަކަ ދެއްކުމުގައި އުނދަގޫތައް ހުރުމުން ސްޕީޗް ތެރަޕީދޭން ޖެހުނެވެ. އެކަމަކު، ބައެއް އަކުރުތައް ކިއުމުގައި އަދި ވާހަކަ ދެއްކުމުގައި ކޮންމެ ވެސް ވަރަކަށް ބަދަލު އައިސްފައިވެ އެވެ.

ޒޫނާ ބުނީ އެ ފަރުވާތަކަށް ފަހު، ދިޔާ އެއްޗެހި ލަސްލަހުން ކުޑަކޮށް ބޮވުނަސް ކާ އެއްޗެހި ދިރުވަން ވަރަށް ދަތި ކަމަށެވެ.

"ބޭސްގުޅަ ނުދިރުވޭތީ ޖެހެނީ ފެނާއެކީ ގިރުވާފައި ބޯން. ކާއެއްޗެހި ވެސް ޖެހެނީ ތުއްތު ކުދިންނަށް ދޭގޮތަށް ޗަސްކޮށްފައި ނުވަތަ މިކްސަރުގައި ގިރާފައި. މިގޮތަށް ދިނުމުން ކިރިޔާ ދިރުވޭ. މިހެންގޮސް އެތައް ކަމެއް ވަނީ ދަސްކުރަންޖެހިފައި،" އޭނާ ބުންޏެވެ.

"އަހަރުމެންގެ ދިރިއުޅުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. ފިރިމީހާއަށް ނުކެވޭ އެއްޗެއް އޭނާގެ ކުރިމަތީގައި ކާން ވަރަށް ދަތި. ފިރިމީހާ ވަނީ 18 ކިލޯ ލުއިވެ ހަށިގަނޑު އަނަރޫފަވެފައި. ގެއިން ބޭރަށް ގޮސް ކައިބޮއި ހެދުމަކީ އުނދަގޫކަމެއް. ފައިން ކަށި ނަގާފައިވާތީ ހިނގުމުގައި ދަތިތަކެއް އިހުސާސްކުރެވޭ."

އެކަމަކު ދިރިއުޅުމާ މެދު ދެކެނީ އުފާވެރިކޮށް

ރާޝިދު ބުނީ ފަރުވާއަށް ފަހު މާލެ އައިސް ކެންސަރު ސޮސައިޓީއާ ގުޅި، އެ ތަނުގެ ސަޕޯޓް ގްރޫޕުގެ އެތައް ބައްދަލުވުމަކަށް ފަހު ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.

ކެންސަރުގެ ވޭނާ އެކު ނިންޖާ ދުރުވެ ނިދަން ދަތިވެގެން ބޭނުންކުރަމުން އައި މެޝިން މިހާރު ބޭނުންކުރާކަށް ނުޖެހެ އެވެ. ކަންކަމާ މެދު ވިސްނާ ގޮތް ވެސް ވަރަށް ބޮޑެތި ބަދަލުވެ، ކަންކަމުގައި ކެތްތެރިވުން އިތުރުވެއްޖެ އެވެ.

"އެހެން މީހުންނާ ދޭތެރޭ ވެސް ވިސްނުން ވަރަށް ބޮޑަށް ބަދަލުވި، މުޅިން ވެސް ރަނގަޅު ގޮތްތައް ވިސްނުން ގެންގުޅެވޭތޯ ބެލިން. މިހާރު ކޮންމެ ފަހަރަކު ވެސް ދުއާއެއް ކުރެވެންޏާ ހުރިހާ ބަލި މީހުން ޝާމިލްކުރެވޭ. އެންމެނަށް ވެސް ހެޔޮގޮތްވުމަށް އެދެވޭ. ވަރަށް ބޮޑަށް ދިރިއުޅެން ދަސްވެއްޖެ. ދުނިޔެއަށް ލޯ ހުޅުވިއްޖެ،" އޭނާ ބުންޏެވެ.

"ކެއުމަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވަނީ. މިހާރު އަހަރެންގެ ދުއާ އަކީ މިފަދަ ކަމެއް އެހެން މީހަކަށް ނުވުން. އަދި ލިބިފައިހުރި ނިއުމަތްތަކަށް އަބަދާއިއަބަދު ޝުކުރުވެރިވުން."

"ކޮންމެ މީހަކަށް ވެސް މިހެން ބުނަން ވަރަށް ފަސޭހަ. އެކަމަކު ވަރަށް މަދުމީހަކަށް ޝުކުރުވެރިވެވެނީ. މިއީ ދައްކާކަށް ވެސް އަދި އަޑުއަހާކަށް ވެސް އެހާ ފަސޭހަ ވާހަކައެއް ނޫން. އެކަމަކު ދައްކަން ވެސް ޖެހޭ އަޑު ވެސް އަހަންޖެހޭ. މި ދެކަމުން ވެސް ވަރަށް ފައިދާ ކުރޭ އަޅުގަނޑަށް. އެހެން މީހެއްގެ މިފަދަ ވާހަކައެއް އަޑު އިވޭ ކޮންމެ ފަހަރަކީ އަހަރެންގެ ވިސްނުން ފުރިހަމަ އިންސާނީ ވިސްނުމަކަށް ތިރި ކޮށްލާ އަދި ހަމަ ކޮންމެ ފަހަރަކީ ލޮލުން ކަރުނަ ފާއްދާލާ ފަހަރެއް."

ކެންސަރުގެ މި ދުވަހު އާމިނަތު އިބާއު ވެސް އާކުރީ އޭނާގެ މަންމަގެ ހަނދާންތަކެވެ.

އިބާއު ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނީ މަންމަ ބަލިވެ އުޅޭކަން އެނގުނީ 2006 ވަނަ އަހަރު، އިބާއު ގްރޭޑު 1 ގައި އުޅެނިކޮށް ކަމަށެވެ.

ބަލި ދެނެގަނެވުމުގެ ކުރިން މަންމަ އުޅުނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ ކަމަށާއި އެކަމަކު، އެކަން ބައްޕަ ގާތު އެހާ ބޮޑަށް ނުދައްކާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު، ދުވަހަކަށް ވުރެ ދުވަހެއް ބަލިވަމުން ގޮސް، އިބާއުގެ މަންމަގެ ހާލަތު ގޯސްވުމުން އިންޑިއާއަށް ދާންޖެހޭ ކަމަށް އޭނާ ކައިރި ބުންޏެވެ.

ބޭރަށް ގޮސް ހެދި ޓެސްޓުތަކުން އެނގުނީ ލޭގެ ކެންސަރުގެ ދެ ވަނަ ސްޓޭޖުގައި ހުރި ކަމެވެ.

"މަންމައަށް ހުރިހާ ފަރުވާއެއް ހޯދައިދިނުމަށް ބައްޕައަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި،" އިބާއު ބުންޏެވެ.

އެ ފަރުވާގެ ތެރެއިން ވެސް އާއިލާގެ މީހުންނަށް ފެނުނީ އެ ދެމަފިރިންގެ މެދުގައި އޮތް ލޯތްބެވެ. އެކަން އިބާއުއަށް އެނގުނީ އޭނާގެ ބޮޑުދައިތަ ކިޔައިދިން ވާހަކަތަކުންނެވެ.

"ފަރުވާއަށް އިންޑިއާގައި އެ މީހުން އުޅުނު ގޭގައި މެއިޑެއް އުޅުނު. އެ މެއިޑު އުޅުނީ މަންމަ ފެންވަރުވައި ތައްޔާރުކުރަން. އެކަމަކު ބައްޕަ ބުނީ މަންމަގެ ކަންތައްތައް ބައްޕަ ކޮށްލާނަމޭ. މަންމަ ރީތިކޮށް ނިމުނީމަ ބައްޕަ ބުނީ މަންމައާ ދިމާލަށް 'ބަލާބަ މަގޭ ޝަމީދާ ރީތިކަން'. އެއީ ކީމޯތެރަޕީގެ ސަބަބުން ހަންގަނޑު ކަޅުވެ، ބޮލުގެ އިސްތަށި ފައިބައިފައި ހުރި ދުވަސްކޮޅު،" އިބާއު ބުންޏެވެ.

"މަންމައަށް އެހީވުމަށްޓަކައި ހުރިހާ ކަމެއް ކޮށްދިން. އެކަމަކު 2007 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަހަރެންނަށް ގެއްލުނީ ހަމައެކަނި މަންމައެއް ނޫން، އެކަމަކު، ބައްޕަ މި ދުނިޔޭގައި އެންމެ ލޯބިވި އަނބިމީހާ ވެސް ގެއްލުނީ."

އިބާއު ވަނީ ކެންސަރާ ގުޅުން ހުރި އެއްވެސް އަލާމާތެއް ހުރި ނަމަ ފަރުވާ ކުޑަނުކޮށް، އަވަހަށް ފަރުވާ ހޯދަން އެދިފަ އެވެ. ކައިރިން ފެނުނު މަންޒަރުތަކަށް ބަލައި އޭނާ ބުނީ ކުޑަކުޑަ ކަމަކީ ވެސް ބޮޑު ކަމެއްގެ އަލާމަތަކަށް ވެދާނެ ކަމަށެވެ.

މިއަދު ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހު، ސޯޝަލް މީޑިއާގެ ޕޯސްޓުތަކުން ފެންނަނީ އެ ބަލި ތަހައްމަލުކުރާ މީހުންގެ ގަދަ ހިތްވަރެވެ. ގައިގައި ކިތައްމެ ވޭނެއް އެޅިއަސް، ކެންސަރު ބަލިކޮށްލުމުގެ އަޒުމެވެ.

2 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 82%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޯރި'

04 February 2025

ރާއްޖޭގަ ކެންސަރު މިހާ އާންމުވާ ސަބަބު ދެނެގަތުމުގެ އެއްވެސް މަސައްކަތެއް ކުރޭބާ؟ ދަޅުގަ ބަންދުކުރި މަހަކީ ދިވެހިން އާންމުކޮށް ބޭނުންކުރާ އެއްޗެއް. މިއާ ކެންސަރާ ގުޅުމެއް ހުރިތޯ ދިރާސާއެއް ހެދުން ރަގަޅެވެ.

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

04 February 2025

ދެމަފިރިންގެ ފަންވަރަށް ހަމަ ސާބަސް. ޚާއްސަކޮށް ޒޫނާގެ ހިތްވަރަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454