ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ނޯޓިލަސް ފައުންޑޭޝަންގެ ފަރާތުން 150،000ރ. ގެ ފައިސާގެ އެހީއެއް ދީފި އެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ނޯޓިލަސް ފައުންޑޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެންސާ ސޮސައިޓީއާ ގުޅިގެން މަސައްކަތްކުރުމަށް އެ ފައުންޑޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ކެންސަރު ބައްޔަށް ސްކްރީން ކުރުމާއި ބަލިން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން 150،000ރ. ގެ އެހީއެއް ދީފައިވާ ކަމަށް ވެސް ނޯޓިލަސްގެ ބަޔާނުގައި ބުންޏެވެ.
ނޯޓިލަސް އިން ބުނީ ކެންސަރު ސޮސައިޓީން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާ ސްކްރީނިން ޕްރޮގްރާމްތަކާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ ދަތުރުތައް މަންޓާ އެއާ އިން ހަމަޖައްސައިދޭނެ ކަމަށެވެ.
ސިއްހީ ހޭލުންތެރިކަން އިތުރުކުރުން ފަދަ މުޖުތަމައުގެ ދުޅަހެޔޮ ކަމަށް ކުރާ މަސައްކަތްތަކަށް އެ ފައުންޑޭޝަނުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޕާޓްނާޝިޕް އެއްބަސްވުންތައް ހަދާނެ ކަމަށް ނޯޓިލަސް އިން ބުންޏެވެ.
ނޯޓިލަސް އިން ބުނީ ކެންސާ ސޮސައިޓީއަށް ހަދިޔާކުރި ފައިސާ އިން އެތަނުގެ ކެންސަރާ ގުޅުންހުރި އެކި ޕްރޮގްރާމްތައް ހިންގުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.
ނޯޓިލަސް ފައުންޑޭޝަނަކީ ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނާއި ޒިކުރާ އާކުރުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ފައުންޑޭޝަނުން އަންނަނީ ގައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދެމުންނެވެ.