ޓްރެފިކް ފުލުހަކު މަގު ބަލަހައްޓަނީ: އަހަރީ ފީ އާއި ޖޫރިމަނާތައް މަހުން މަހަށް ބަހާލައިގެން ދެއްކޭ ގޮތަށް ޓްރާންސްފޯޓް މިނިސްޓްރީން ވަނީ ހަދާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
05 ފެބުރުއަރީ 2025 - 11:34
އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭ ގޮތުން ދައްކަން ޖެހޭ އަހަރީ ފީ އާއި ޖޫރިމަނާތައް ބަހާލައިގެން ދައްކަން ހުޅުވާލި ފުރުސަތުގައި 58 މީހަކު އެކަމަށް ކުރިމަތިލައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަން 58 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 20 އެޕްލިކޭޝަނަކަށް މިހާރު ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެކަމަށް އެދި ހުށަހަޅާ ފޯމުގައިވާ ގޮތުން މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކޭނީ ނުދައްކާ ހުރި ފައިސާގެ އަދަދު 5،000ރ. އަށް ވުރެ އިތުރު ނަމަ އެވެ. އަދި އެ ފައިސާއަކީ ދައްކަން ޖެހޭ މުއްދަތު ހަމަވެފައިވާ ފައިސާއަށް ވުމާ އެކު ކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ބަހާލައިގެން ފައިސާ ދެއްކުމަށް އެދޭ މީހާއަކީ އުޅަނދުގެ ވެރިފަރާތަށް ވާން ޖެހެ އެވެ.
- 5،000-10،000ރ. ދައްކަން ޖެހޭ ނަމަ ކޮމިޓްމަންޓް ޕޭމަންޓުގެ ގޮތުގައި 18 ޕަސެންޓް ދެއްކުން. އެ ފައިސާ ބަހާލައިގެން ދެއްކޭނީ 10 މަހުން.
- 10،001-30،000ރ. ދައްކަން ޖެހޭ ނަމަ، 12 މަސް ދުވަސް ފައިސާ ދައްކަން ލިބޭ. ކޮމިޓްމަންޓް ޕޭމަންޓަކީ 15 ޕަސެންޓް.
- 30،001-50000ރ. އާ ހަމައަށް ފައިސާ ދައްކާ ނަމަ، 14 މަސް ލިބޭނެ. ކޮމިޓްމަންޓް ޕޭމަންޓަކީ 15 ޕަސެންޓް.
- 50،001-75،000ރ. އާ ހަމައަށް ފައިސާ ދައްކަން ޖެހޭ ނަމަ، 16 މަސް ތެރޭގައި ފައިސާ ދައްކަން ޖެހޭ. ކޮމިޓްމަންޓް ފީއަކީ އޭގެ 15 ޕަސެންޓް
- 75،001-100،000ރ. އާ ދެމެދުން ފައިސާ ދައްކަންޖެހޭ ނަމަ، 18 މަސް ތެރޭގައި ފައިސާ ދައްކަންޖެހޭ. 15 ޕަސެންޓް ކޮމިޓްމަންޓް ފީގެ ގޮތުގައި ދައްކަން ޖެހޭ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި 100،000ރ. އާއި 400،000 އާ ދެމެދުގެ އަދަދަކުން ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް އެ ފައިސާ ދައްކަން 20 މަހާއި 28 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެ ފަރާތްތަކުން ކޮމިޓްމަންޓް ފީގެ ގޮތުގައި 10 ޕަސެންޓު ދައްކަން ޖެހެ އެވެ.
ހަތަރު ލައްކަ ރުފިޔާ އިން ފެށިގެން ތިން މިލިއަނާ ހަމައަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ގާތްގަނޑަކަށް ތިން އަހަރުގެ މުއްދަތެއް ލިބެ އެވެ. އެ ފަރާތްތަކުން ކޮމިޓްމަންޓް ފީގެ ގޮތުގައި ފަސް ޕަސެންޓް ދައްކަން ޖެހޭ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ތިން މިލިއަނަށް ވުރެ ގިނަ ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ވެސް ކޮމިޓްމަންޓް ޕޭމަންޓުގެ ފަސް ޕަސެންޓާ އެކު ގާތްގަނޑަކަށް ތިން އަހަރު [42 ހަފުތާ ތެރޭގައި] ފައިސާ ދައްކަންޖެހެ އެވެ.
މާލޭގެ ޓްރެފިކް ބަލަހައްޓަން ފުލުހުން މަގުތަކަށް ނުކުމެ ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ބަހާލައިގެން ފައިސާ ދައްކަން ލުޔެއް ދިނަސް މުއްދަތަށް ކޮމިޓްމަންޓް ފީ ނުދައްކާ ނަމަ، ފޯމު ބާތިލުވާނެ އެވެ. އަދި އެ މީހުންނަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ގެއްލޭނެ އެވެ.
އަހަރީ ފީ އާއި ޖޫރިމަނާތައް ބަހާލައިގެން ދައްކަން ފުރުސަތު ދިން އިރު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ދައްކަން ޖެހި، ފައިސާ ނުދައްކާ މައްސަލަ ބޮޑެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ފަސް އަހަރުގެ ހުރިހާ ޕާކިން ސްޓިކާތަކުގެ ޖޫރިމަނާތައް މާފުކޮށްދެއްވައިފަ އެވެ. މާފުކޮށް ދިނީ ނޮވެމްބަރު 17، 2018 އިން ފެށިގެން 2023 ގެ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކޮށްފައިވާ ޕާކިން ޖޫރިމަނާތަކެވެ.
ހައިވޭގެ ޓްރެފިކް ބަލަހައްޓަން ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޓްރެފިކް އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށްދޭން އޭރު ނިންމީ އެކަމަށް ހާއްސަކޮށްފައިވާ ޕްރޮގްރާމެއްގައި ބައިވެރިވާ މީހުންނަށެވެ. އެއީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް ފުލުހުން ފަރުމާކޮށް ކަނޑައަޅާފައިވާ 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެކެވެ.
އެކަމަކު 2023 ގެ ސެޕްޓެމްބަރު ފަހުކޮޅުގައި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލިޔަސް އެ ޕްރޮގްރާމަށް ވީގޮތެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރރާ
05 February 2025
ކީއްކުރާ ގަރާޖު ސިޓީއެއްތަ. ބަޔަކަށް އާމްދަނީ ހޯދަދޭން ގާނޫނަކުން މިއޮތީ މަޖުބޫރުކުރުވާފަ. ރަޖިސްޓްރީވުމަށްފަހު ވެހިކަލް އޮތީ އެއްގަމުގަތޯ ނޫނީ މޫދުގަތޯ އެނގޭނެ އިދާރާއެއް ނެތް. ގަރާޖުސިޓީ ބޭނުންވަނީ ރަޖިސްޓްރީކޮށްލަން އެކަނި. އެކަން ނިމުނީމަ ގަރާޖު ފެންނާނީ ކަންމަތީ ފިހާރައެއްގޮތަށް.
ދަލޭކަ ދައިތަ
05 February 2025
ތިވާނީ ތި 58މީހުން ކައިވެނި ކުރަންވީކަމަށް. މީހަކާ އިންނަންވީމަ އިސްލާހުވެ ވަޒީފާއަށްގޮސް އުޑުން ތަރިބާލަދީ އުޅޭ ބަޔަކު ތިބޭ. ހަނީމޫންނިމޭއިރު އެއްކަލަ ކުރީގެ ވިޔާނުދާ އާދަ ފަސްބައިގަ އެލިގަންނާނެ.
ޒަރީރު
05 February 2025
ބަހާލައިގެން ޖޫރިމަނާއެއް ނޫން ދައްކަންވީ. އަހަރީފީއަށްވުރެ އަހަރީ ފީ ނުދައްކަގެން އަރާ ޖޫރިމަނާ ކުޑަކުރަންވީ. އަދި އަހަރީފީ ނުދައްކާ އޮވެގެން މުޅި އުމުރަށް ޖޫރިމަނާ ޓްރެޕެއްގައި ޖެހިގެން ދާގޮތަށް އޮތް އޮތުން ބަދަލުކޮށް އަހަރީފީ ނުދައްކާ 2 އަހަރު ވުމުން ރަޖިސްޓްރީ ބާތިލްވެ ޖޫރިމަނާ ހުއްޓެންވީ
ބަޑިތަކުރު
05 February 2025
ބަހާލައިގެންވެސް ދައްކަނީ ކީއްކުރަންބާވައެވެ. ނުދައްކާ ތިބިއްޔާ ކޮންމެސް ބޮޑު އިންތިޚާބަކާ ދިމާކޮށް މާފުކޮށްލަފާނެއެވެ. ބަރާބަރަށްދައްކާ މީހުންނަށް ރިފަންޑް ދޭނީ ކާކުބާވައެވެ. ހައްތަހާވެސް ޖޫރިމަނާ ނުދައްކާ މީހުންނަށް މޮޅުވާގޮތެވެ.
ށަލި
05 February 2025
މޮޔައިންތަ މިނިސްޓްރީގަ ތިބީ . ތި ނުދައްކާނެ އަދިވެސް.
ފޮނިފޮނިޓައްޕު ކުމާރު
05 February 2025
އަދި މަޑުކޮށްލިނަމަ. އޭރުން ދެން އަންނަ ރިޔާސީ އިންތިބުގެ ވައުދުތަކުތެރޭގާ އަންނާނެ އެމީހަކަށް އަރާފާއޮތް ޖޫރިމަނާ ދައުލަތުން އެމީހާގެ އެކައުންޓަށް ޖަމާކޮށްދޭ ވައުދުވެސް. އަދި އެމީހާ ހޮވެންވެސްހޮވޭނެ.