އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފި އެވެ.

އެ ހިދުމަތް ދޭން ހަވާލު ކޮށްފައިވާ އެމްޓީސީސީން ބުނި ގޮތުގައި ވޯކިން އިންޓަވިއު އޮންނާނީ އަންނަ ހޮނިހިރު ދުވަހު މާފަންނު ބަސް ޓާމިނަލްގަ އެވެ. އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 އަށް އެ އިންޓަވިއު ކުރިއަށް ގެންދާނެ އެވެ. 

ޓެކްސީ ހިދުމަތަށް 407 ޑްރަައިވަރުން ހޯދަން އެމްޓީސީސީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާނުކުރުމުން ކުރިމަތިލީ 366 މީހުންނެވެ. މީގެތެރެއިން ވަޒީފާ ހަމަޖެހުނު އަދަދެއް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ.

ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ނުކުންނަން ނިންމީ މިހާރު ވެސް ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު، ޓެކްސީގެ ހިދުމަތް ހޯދުމުގައި އާއްމުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށެވެ. 

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 އުޅަނދެވެ. އޭގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި އެ ޓެކްސީތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ފަދަ ކުދި ޓެކްސީ ހުންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. އެ ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ ގޮތަށް އޫބާ އާއި ގްރެބް ފަދަ ހިދުމަތްތައް ދޭ ގޮތަށެވެ. 

ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެ އެޕްލިކޭޝަނުން 24 ގަޑިއިރަށް ޓެކްސީއަށް އެދެވޭ ގޮތަށެވެ.