އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންއަށް ނަމްބަރެއް ތައާރަފު ކޮށްފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުން އަންނަ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީ އަށް އެދޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން މިއަދު ވަނީ ސަރުކާރުގެ ޓެކްސީ ލައިނަށް ގުޅުމަށް ނަމްބަރެއް ތައާރަފް ކޮށްފަ އެވެ. އެއީ 1655 އެވެ.

ޓެކްސީ ލައިނުގެ ހިދުމަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވިޔަސް އެ ހިދުމަތް ފެށުން ވަނީ ލަސްވެފަ އެވެ. މިދިޔަ ކުޑައީދާ ދިމާކޮށް އެކަން ފަށަން ވެސް ނިންމި އެވެ. 

އެމްޓީސިސީން މިހާރު ގެންދަނީ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން އިންޓަވިއުގެ ބުރުތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

އެމްޓީސީސީން އޭރު ބުނީ 407 ޑްރައިވަރުން އެ ހިދުމަތަށް ބޭނުންވާ ކަމަށާއި އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓްޓައިމްކޮށް މަސައްކަތްކުރާ ގޮތަށް ކަމަށެވެ.

ރައީސް އޮފީހުގައި މި މަހުގެ ކުރީކޮޅު ބޭއްވި ނިއުސް ކޮންފަރެންސްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރޯދަ މަސް ނިމެންވާއިރަށް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ނަމަވެސް އެކި ސަބަބުތައް ދިމާވެގެން އެ ހިދުމަތް އަދި ނުފެށެ އެވެ.

އަމީން ވިދާޅުވެފައި ވަނީ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ތިން މޮޑެލްއެއްގެ ކާރު، ދެ ބެޗަކަށް ބަހާލައިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުރަތަމަ ބެޗު ގެންނަނީ ތައިލެންޑުން ކަމަށާއި އެ ގައުމުން އެ މޮޑެލްގެ 60 ކާރު ގެންނާނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ. ބާކީ ދެ މޮޑެލްގެ ކާރުތައް ގެންނަނީ ޗައިނާ އިންނެވެ.

ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ނުކުންނަން ނިންމީ މިހާރު ވެސް ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީ ކޮށްފައި އޮންނައިރު ބައެއް ޓެކްސީ ޑްރައިވަރުން އެ މީހަކު ބޭނުން ވަގުތެއްގައި ހިދުމަތް ދިނުމުގެ މައްސަލަ ބޮޑުވެ، އާންމުންގެ ޝަކުވާ އިތުރުވުމުންނެވެ.