05 ފެބުރުއަރީ 2025 - 12:02
ދުނިޔޭގައި އުފެއްދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިއަދު 40 އަހަރު ފުރިއްޖެ އެވެ.
އެ އުމުރާ ހަމައަށް ދާއިރު، ގިނަ އެހެން ކުޅުންތެރިން ރިޓަޔާ ކުރެ އެވެ. ކުޅުން ހުއްޓާނުލިޔަސް ތިބެނީ ފޯމް ދަށްވެފަ އެވެ. ހުރިހާ މެޗެއްގައި ފުލުކޮށް ކުޅެލެވޭނެ ބުންވަރެއް ނުހުރެ އެވެ.
އެކަމަކު ޕޯޗްގަލް އާއި އައް ނަސްރުގެ ކެޕްޓަން ތަފާތެވެ. މިހާރު ވެސް ކޮންމެ މެޗެއްގައި އޭނާ ކުޅެ އެވެ. އެ އުމުރުގައި ވެސް އޭނާ ފެންނަނީ އަނިޔާ އާއި ފިޓްނަސް މައްސަލަތަކާ ދުރު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
އޭއެފްސީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ޔޫއޭއީގެ އަލް ވަސަލްއާ ދެކޮޅަށް ނަސްރު ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ދެ ލަނޑާ އެކު އޭނާ ވަނީ ކެރިއާގައި 923 ލަނޑު ޖަހައިފަ އެވެ. ފުޓްބޯޅައިގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ފިރިހެން ކުޅުންތެރިޔާގެ ރެކޯޑް އޮތީ ރޮނާލްޑޯގެ އަތުގަ އެވެ.
އެ އުމުރުގައި ވެސް ކޮންމެ މެޗެއްގައި ކުޅެ ގިނަ ލަނޑުތަކެއް ޖެހުމުގެ ފޯމުގައި ރޮނާލްޑޯ ދަމަހައްޓަނީ ބުރަ މަސައްކަތުންނެވެ. އެހެން ކުޅުންތެރިންނާ އޭނާއާ އެންމެ ބޮޑު ތަފާތަކީ ވެސް އެއީ އެވެ. ރެއާލް މެޑްރިޑްގައި ރޮނާލްޑޯ އަށް އެންމެ ފަހުން ކޯޗުކޮށް ދިން ޒައިނުދީން ޒިދާން ބުނެފައި ވަނީ ޕްރެކްޓިހަށް އެންމެ އަވަހަށް އަންނަ އަދި އެންމެ ލަހުން ޕްރެކްޓިސް ނިންމާފައިދާ ކުޅުންތެރިޔަކީ ރޮނާލްޑޯ ކަމަށެވެ.
ރެއާލް އަށް ލޯނު އުސޫލުން ކުޅުން އިމެނުއެލް އަޑެބޮޔާ ބުނެފައި ވަނީ ޓީމުގެ ޕްރެކްޓިސް ފެށުމުގެ ދެ ގަޑިއިރު ކުރިން ރޮނާލްޑޯ ޕްރެކްޓިހަށް އައިސް ޓްރޭނިން ހަދާ ކަމަށެވެ.
"(ރެއާލްގައި) އަހަރެންގެ ފުރަތަމަ ދުވަހު އަހަރެން ހިތަށް އެރި އެންމެ ފުރަތަމަ ޕްރެކްޓިހަށް ދާނީ އަހަންނޭ. އަހަރެން ދިޔައިން ހެނދުނު 8:45 ގައި. އަހަރެން ހުރީ ވަރަށް ފަހުރުވެރިވެފައި ޕްރެކްޓިހަށް އެންމެ ފުރަތަމަ އައި މީހަކީ އަހަރެންނަށް ވުމުން،" ޓޯގޯގެ ކުރީގެ ކެޕްޓަން ކިޔައި ދިނެވެ.
"އެކަމަކު ގްރައުންޑް ފްލޯއިން އަޑެއް އިވޭތީ ފިޒިއޯ ކައިރީ އަހަރެން އެހިން ތިރީގައި ކޮން އަޑެއްހޭ. އޭނަ ބުނި ރޮނާލްޑޯ ޕޫލްގައި ފަތަނީއޭ. ޕްރެކްޓިހަށް އެންމެ ފުރަތަމަ އައި މީހަކީ އަހަންނެއް ނޫން. އަހަރެން އައީ ދެވަނަ އަށް."
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ރޮނާލްޑޯއާ އަޅައި ކިޔައި މީޑީއާއިން ވާދަވެރިކަން އުފައްދަ އެވެ. ރޮނާލްޑޯ އާއި މެސީ އަކީ ސްޓައިލްގައި ވެސް ތަފާތު ދެ ކުޅުންތެރިންނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މެސީ އަކީ ގުދުރަތީ ގޮތުން ހުނަރުވެރި ކުޅުންތެރިޔެކެވެ. އެކަމަކު ރޮނާލްޑޯ އަކީ ބުރަ މަސައްކަތުން ދުނިޔޭގެ އެންމެ މަތީ ފެންވަރަށް ވާސިލުވި ކުޅުންތެރިޔެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ފުޓްބޯޅައިގައި "އެންމެ ފުރިހަމަ" އެތުލީޓަކީ އޭނާ ކަމަށް ރޮނާލްޑޯ ބުނެ އެވެ.
މިދިޔަ ހޯމަ ދުވަހު ސްޕެއިންގެ ޓީވީ ޗެނަލަކުން ދެއްކި އިންޓަވިއުގައި ރޮނާލްޑޯ ބުނީ "އެންމެ ފުރިހަމަ" އެތުލީޓަކީ މެސީ ނުވަތަ ޕެލޭއޭ ބުނާ މީހުންނަށް އޭނާ އިހްތިރާމް ކުރާ ކަމަށެވެ. އެކަމަކު އޭނާ އެ ވާހަކަ ބުނަނީ ސްޓެޓިކްސްތަކާއި އަދަދުތަކުން ކަމަށް 1000 ލަނޑު ހަމަކުރާ ފުރަތަމަ ކުޅުންތެރިޔާ އަށް ވުމުގެ އުއްމީދުގައި ހުރި ރޮނާލްޑޯ ބުންޏެވެ.
"ދުނިޔޭގެ އެންމެ މޮޅު ގޯލް ސްކޯރާ އަކީ ކާކު؟ އަދަދުތަކުން ބަލާ. އެހިސާބުން ފުލް ސްޓޮޕް ޖަހަންވީ. ކޮން ކުޅުންތެރިޔެއް ބޮލުން އެންމެ ގިނަ ލަނޑު ޖެހީ. ވައާތު ފައިން އެންމެ ގިނަ ލަނޑު ޖެހީ. ޕެނަލްޓީން އެންމެ ގިނަ ލަނޑު ޖެހީ. ހިލޭ ޖެހުންތަކުން އެންމެ ގިނަ ލަނޑު ޖެހީ. އަހަރެންނަކީ ވައާތު ފައިގެ މީހެއް ނޫން. އެކަމަކު ވައާތު ފައިން އެންމެ ގިނަ ލަނޑު ޖެހި 10 ކުޅުންތެރިންގެ ތެރޭގައި އަހަރެން ހިމެނޭ. އަދި އަހަރެން ބޮލުން ކަނާތު ފައިން. ޕެނަލްޓީން. ހުރިހާ ގޮތަކުން އެންމެ ގިނަ ލަނޑު ޖެހިން،" އަބަދުވެސް އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށް ބުނާތީ ފާޑުކިޔުން އަމާޒުވާ ރޮނާލްޑޯ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
"އަހަރެން މި ވާހަކަ ދައްކަނީ ނަންބަރުން. އަހަންނަށް ހީވަނީ ފުޓްބޯޅައިގައި އުފެއްދި އެންމެ ފުރިހަމަ ކުޅުންތެރިޔަކީ އަހަރެންހެން. އަހަންނަކީ އެއީ އަހަރެން ހެން. ފުޓްބޯޅައިގައި ހުރިހާ ކަމެއް ވެސް އަހަރެން ކުރަނީ ވަރަށް ރަނގަޅަށް. ބޮލުން ލަނޑު ޖެހުން. ހިލޭޖެހުންތަކުން ލަނޑު ޖެހުން. ވައާތު ފައިން ލަނޑު ޖެހުން. އަހަރެންނަކީ ހަލުވި މީހެއް. ވަރުގަދަ މީހެއް."ރޮޮނާލްޑޯ ބުނީ އޭނާ މޯޓިވޭޓްވެފައި ހުންނަވަރުން މާޒީގާއި ހާސީލުވެފައި ހުރި ކާމިޔާބުތަކުގެ މަތިންވެސް ބައެއް ފަހަރު އޭނާ ހަނދާން ނެތޭ ކަމަށެވެ.
"އޭގެ ސަބަބުން އަހަރެން މޯޓިވޭޓް ވޭ ކޮންމެ އަހަރަކު ވެސް ކުރިއަށް ވުރެ ބުރަކޮށް މަސައްކަތް ކުރަން. ކުރީ އަހަރަށް ވުރެ ވެސް ކުރިއަށްވުރެ ބޮޑު ކާމިޔާބެއް ހޯދަން. އަހަންނަށް ހީވަނީ އެހެން މީހުންނާ އަހަރެންނާ އެންމެ ބޮޑު ތަފާތަކީ ވެސް އެއީހެން. އަހަރެންގެ މަގާމުގައި ކޮންމެވެސް އެހެން މީހަކު ހުރިނަމަ އަހަންނަށް ހީވަނީ މިހާރު 10 އަހަރު ކުރިން އެ މީހަކު ފުޓްބޯޅަ ދޫކޮށްލާފައި ދިޔައީސް ހެން. އަހަރެން ތަފާތު. އެހާހިސާބުން ފްލް ސޮޓްޕް ޖަހަންވީ،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ އެންމެ ފުރިހަމަ ކުޅުންތެރިޔާ ކަނޑައެޅުމުގައި ކޮންމެ މީހެއްގެ ހިޔާލު ވެސް ތަފާތު ވާނެ ކަމަށެވެ.
"(އެންމެ ފުރިހަމަ ކުޅުންތެރިޔަކީ) މެސީ ނުވަތަ ޕެލޭ ނުވަތަ މެރަޑޯނާ އޭ ބުނާ މީހުންނަށް އަހަރެން އިހްތިރާމް ކުރަން. އަހަންނަށް އެކަން އޮޅުން ފިލާ. އެކަމަކު ރޮނާލްޑޯ އަކީ ފުރިހަމަ ކުޅުންތެރިޔެއް ނޫނޭ ނުބުނެވޭނެ. އަހަރެންނަކީ އެންމެ ފުރިހަމަ ކުޅުންތެރިޔާ. އަހަންނަށް ވުރެ މޮޅު މީހެއް އަހަރެން ނުދެކެން. މިއީ އަހަރެން ހިތުގެ އަޑިން ބުނާ ވާހަކައެއް،" ރޮނާލްޑޯ ބުންޏެވެ.
މިދިޔަ އަހަރު ބޭއްވި ޔޫރޯގައި ރޮނާލްޑޯ އަށް އަދި ޕޯޗުގަލްގެ ޓީމަށް ވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. އެކަމަކު އޭގެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކިުގައި ޕޯޗުގަލްގެ ޓީމާ އެކު ރޮނާލްޑޯ މޮޅު ކުޅުމެއް ދެއްކި އެވެ.
އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ފަހުން ވެސް ކުޅުން ކުރިއަށްގެންދަން އޭނާގެ ވިސްނުން އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަބަކަ
08 February 2025
ތަބަކަކަށް ލާފަ ދީފިއްޔާ އަލީ އުމަރުމެން އަދި ޝާހު މެންނަށްވެސަ ވޯރލްޑް ކަޕު ލިބުނީސް.
ޕެނަލްޑޯ
05 February 2025
މީ ހާދަ ކިބުރުވެރި ބޮޑާ މީހެކޭ. އަމިއްލަ އެދުމުން ފޯވެފަ. ހުރިހާ ކަމެއްވެސް ކުރަނީ ދެއްކުންތެރި ކަމުގަ. މި ނޫނީ އަހަރެން ނުދެކެން އަަަަަމިއްލަ އަށް ތިމާ މީ އެންމެ މޮޅުމީހާއޭ ބުނާ މީހަކު. މެސީއާއި މީނާ ތަފާތު ވަނީ މިހެންވެ. މެސީ އަކީ އޭނާގެ އަމިއްލަ ރެކޯޑްސް ހޯދަން އުޅޭ މީހެއް ނޫން. އަބަދުވެސް ޓީމް މޮޅުކޮށް ދޭން މަސައްކަތް ކުރަނީ.
ހޖވވހވވޖ
07 February 2025
އަމިއްލަ ނަފްސަށް އަމިއްލަ މީހާ ނުކުރި ގަދަރެއް އެހެން މީހުން ނުކުރާނެ! އޭނާއާ ބަލާފަ ފުޓު ބޯޅައިގަ ކަލޭ ތީ ކާކު؟ ކަލެއަށް ފުޓުބޯޅައިގެ އޭ އިން ބީ އާ ހަމައަށްވެސް ހިއެއް ނުވޭ ދެވުނުހެނެއް!އޭނާ 40 އަހަރުގަ 90 މިނިޓް އެއްވަރެއްގަ ހިފާއްޓާލުން އެއީއާދައި މަސައްކަތް ނުކޮށް އެހެންމީހުން ޖަޖު ކުރަންތުބޭ ކަލޭކަހަލަ މީހުންނަށް ހަޖަމްވާނެ ކަމެއްނޫން!އޭނާ ފުޓުބޯޅައިގެ ހުނަރަށް މުޅިދުނިޔެ އެއްބަސް!އޭނަ އަމިއްލައަށް އެކަން ގަބޫލުކުރުންއެއީ އެދުންބޮޑުވުންތަ؟
ޞޯންބެ
05 February 2025
ރޮނާލްޑޯ ތިޔަބުނަނީ އެންމެމޮޅުކުޅުން ތެރިޔާއޭ ، ވޯރލްޑް ކަޕެއްގަ ފައިނަލް ކުޅުނިންތަ؟ ބައްރުގަ ދެ ފައިނަލް ކުޅެވުނީ އެއްފަހަރި ތަށި ލިބުނީ ، މެސީގެ ރެކޯރޑް މާގިނަ ދެން ލަލާ
ބޭނަބޭ
05 February 2025
ރޮނާލްޑޯ އަށް 40 އަހަރު، އަދިވެސް ހަމަ އެންމެ ޓޮޕް ފޯމުގައި ، ދިވެހި ރާއްޖޭގަ ކުޅެބަލަ އޭރުން ހުންނާނީ 50 އަހަރު ވިޔަސް އެންމެމަތީ ފޯރމް ގަ ، ލޮލް
ސަމޭދާން
05 February 2025
އުމުރަކީ ނަންބަރެއް. ބައްލަވާ އޮންރަބުލް ގާސިމް.