06 ފެބުރުއަރީ 2025 - 11:03
މިދިޔަ އަހަރު ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުންގެ މަޖިލީހުން 30 ބިލެއް ފާސްކޮށްފައިވާ ކަމަށާއި މިއަހަރު ވެސް ސަރުކާރުގެ ފަރާތުން މުހިންމު ގިނަ ބިލުތަކެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް މަޖިލިސް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން 35 ބިލެއް މަޖިލީހަށް ހުށަހެޅުނު ކަމަށެވެ. އެއީ މުޅިން އަލަށް ހުށަހެޅުނު އަށް ބިލަކާއި 21 ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުނު ބިލެވެ.
ފާސްކުރި އެންމެ މުހިންމު ބިލެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ، ބޭރުގެ ސިފައިން ދާއިމީކޮށް ތިބުން ހުއްޓުވުމަށްޓަކައި ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ދިވެހިރާއްޖޭގެ ސަރަހައްދަށް އުނި އިތުރެއް އަންނާނެ ކަމެއް ކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހެވެ.
ހަމައެއާ އެކު އިންތިހާބުވި ޕާޓީ ބަދަލު ކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ ވެސް މުހިންމު އިސްލާހެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ.
"މި އިސްލާހުތަކުގެ ތެރޭގައި އަޅުގަނޑު ވައުދުވެފައިވާ ގޮތަށް ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ކަފާލާތުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގާއިމް ކުރުމަށް ގާނުނަށް ގެނެވުނު އިސްލާހުތަކާއި އޮންލައިން ފްރޯޑްގެ މައްސަލަތަކާއި ސައިބާ ވަޔަލަންސް މައްސަލަތައް ހުއްޓުވުމަށްޓަކާ ގާނޫނަށް ގެނެވުނު އިސްލާހުތައް ހިމެނޭ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ.
މި އަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ގަސްދު ކުރާ އެންމެ މުހިންމު ބިލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކުގައި ބާއްވާ ގޮތަށް ބަދަލުކުރަން ގެންނަ އިސްލާހުގެ ބިލެވެ.
އެ ބަދަލާއެކު، ނޮވެންބަރު 11 ގައި ރިޔާސީ ދައުރު ފެށޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ވެސް މި ދައުރުގައި ސަރުކާރުން ހުށަހަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މީގެކުރިން ވިދާޅުވެފައިވާ ގޮތުން ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާން ޖެހޭ ކަންކަމަށް އެކުލަވާ ގާނޫނީ އޮނިގަނޑުގެ ގާއިމްކުރުމަށް ގެންނަ އިސްލާހުގެ މަސައްކަތާ ގުޅޭ ބިލު މި އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހަޅާނެ އެވެ.
މިއަހަރު ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި އިތުރު ބިލުތައް:
- ރައްޔިތުންގެ މަޖިލީޙުގެ މެންބަރުންގެ އަދަދު ކަނޑައަޅާ ގޮތް އިސްލާހުކުރުން
- ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅާ އިސްލާހު
- ކޮރަޕްޝަން ހުއްޓުވުމަށް އެންޓި ކޮރަޕްޝަންގެ ގާނޫނަށާއި ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހު
- ދައުލަތުގެ އެސެޓްތައް އަނބުރާ ހޯދުމަށްޓަކާ އެސެޓް ރިކަވަރީއާބެހޭ ބިލެއް
- ބޯހިޔާވަހިކަމުގެ ބިލް
- މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބިލު
ރިޔާސީ ބަޔާން ނިންމާލައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ދެމި އޮންނާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދީ، ނަތީޖާ ނެރެދިނުމުގައި ކަމަށެވެ.
"ރައްޔިތުންގެ ގާތަށްގޮސް، ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ އެދޭ އަމާޒަށް ވާސިލުވުމުގައި ކާމިޔާބީ ހޯދުމަކީ އަޅުގަނޑުގެ އުފާ، އަޅުގަނޑުގެ ވާޖިބު، މަސްއޫލިއްޔަތު. މި މަސްއޫލިއްޔަތު އަދާކުރުމުގައި ހަމަ ކޮންމެ ރައްޔިތެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެއްވަރު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ރިޔާސީ ބަޔާނުގައި ވައުދުވެ ވަޑައިގަތް ކަންކަން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ތަންފީޒުކޮށް، ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
07 February 2025
ވެރިކަމާއި މަޖިލީހުގައިތިބި ބަޔަކު ބޭނުންވާގޮތަކަށް ނިޒާމު އެކުލަނާލުމުގެބަދަލުގައި ތިކަންކުރަން ރައްޔިތުންގެ "ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ" މިހާރު މިއޮތް ކަޓު ބޯދާ ވެެރިކަމުގެނިޒާމްގެ ބަދަލުގައި ދުނިޔޭގައި އެންމެކުރިއަރާފައިވާ އިޤްތިސޯދުތައް އަދި ތަހުޒީބު ދައުލަތްތަކުގައި ވެެރިކަންކުރާ ނިޒާމުގެތެރެއިން ރާއްޖޭގައި ޕާލަމެންޓަރީ ސިސްޓަމަށް އަދި ޙާއްސަކޮށް Federal Parliamentary System އަށް ވެރިކަމުގެނިޒާމް ބަދަލުކުރާން ބޭނުންތޯވެސް ބަލާން ޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
07 February 2025
ތިކަމަކީ "ޙަރަދު ކުޑަކުރަން" ކުރާކަމެއްނަމަ Parliamentary System އަށް ނިޒާމް ބަދަލުކުރުމުން މިހާރުކުރާ ޙަރަދު އެތައްތަނަކުން ކުޑަވެގެންދާނެ. އަދި މަޖިލީހުގެތެރެއިން ވެެރިކަން ހިންގާމީހާ ހޮވާއިރު، ދައުލަތުގެ އެންމެ އިސްވެެރިޔާގެގޮތުގައި ރައީސުލް ޖުމްހޫރިއްޔާ ހުންނެވުމުން، ވައްކަމާއި ޙިޔާނާތަޢް އޮންނަޖާގަ ހަނިވާނެ. ބޮޑުވަޒީރާއި އެހެނިހެން ވަޒީރުންނަކީ މަޖިލިސް މެންބަރުންނަށްވުމުން ހުރަހެއްނެތި މަޖިލީހުގައި އެމީހުނާއިސުވާލުކޮަށް ޖަވާބުދާރު ކުރެވޭނެ.
އޮނަރަބްލް އަފީފު ދީދީ
07 February 2025
މަޖިލިސް ގޮނޑީގެ އަދަދު މަދުކުރާނަމަ އެކަންކުރާންވާނީ ކ.މާލޭމީހުންގެ ބާރުގެދަށަށް މުޅިމަޖިލިސް ނުދާނެގޮތެއްގެ މަތިން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަޅާ ލާމަރުކަޒީ ޤާނޫނު އިސްލާޙްކޮށް މި 3 ރީޖަންގެ މައްޗަށް ލާމަރުކަޒުކޮށް މިއިން ކޮންމެ ރީޖަނަކުން މަޖިލީހަށް 30 މެންބަރުން މަޖިލީހުގައި ޖުމްލަ 90 މެންބަރުން ތިބޭގޮތަށް ހަމަހަމަ އުސޫލަކަށް.
އޮނަރަބްލް އަފީފު ދީދީ
07 February 2025
މަތީގައިދެންނެވި 3 ރީޖަންގެ މައްޗަށް ލާމަރުކަޒުކޮށް ހިންގާން ފައްޓާ މަޖިލީހުގައިވެސް ތިބޭނީ ރީޖަންތަކުގެ މެންބަރުންކަމަށް ޤާނޫނުގައި ކަނޑައަޅާންވާނީ މިހާރުއޮތް ލާމަރުކަޒީ ކައުންސިލް ނިޒާމްވެސް ބަދަލު ވާގޮތަށް. މިގޮތުން މިހާރުހުރި ސިޓީ އަތޮޅު އަދި ރަށު ކައުންސިލް ތަކުގެބަދަލުގައި އިސްލާޙް ކުރާންވާނީ 3 ރީޖަނަށް ރީޖަންގެ ރަށްވެހިންގެތެރެއިން އިންތިޙާބީ ޤަވަރުނަރަކު ހޮވައިގެން އޭނާވެދަށަށް މުނިސިޕަލް ކައުންސިލެއް ބާއްވައިގެން ރީޖަންތައް ހިންގާގޮތަށް.
އޮނަރަބްލް އަފީފު ދީދީ
07 February 2025
މަޖިލީހުގައި ކުދިކުދި އެތައްދާއިރާ ތަމްސީލުކުރުމުގެބަދަލުގައި 3 ރީޖަން ތަމްސީލުކުރުމުން އެތައްފައިދާތަކެއްވާނެ. އެގޮތުން ދައުލަތުގެބަޖޭޓް އަދުލުވެރިކަމާއިއެކު 3 ރީޖަންގެމައްޗަށް ބެހުމަށާއި "ތަފާތުކުރުމެއްނެތި ދައުލަތުގެ މުއްސަނދިކަމާއި ވަސީލަތް ރީޖަންތަކުގެމެދުގައި ޙިއްސާކުރުމަށް" ބާރުއެޅުމާއިއެކު ކައުންސިލްގެ އިދާރީ ޙަރަދުތަކަށާއި އިންތިޙާބީ ޙަރަދުތަކަށް މިހާރު ކުރާހޭދައިގެ %80 ސަލާމަތްކުރެވޭނެ. އެހެންކަމުން މިއީ އެންމެ ރަނގަޅުގޮތްކަމަޢް ދެކެން.
ޖައިޝަމު
06 February 2025
ރައީސް ނިންމަވާނީ ރަނގަޅައް
އާދިލް ސަލީމް
06 February 2025
ބަރާބަރު ނިންމުމެއް. ފުރިހަމަޔަށް ތާއިދު މިކަމަށް. މީގެ ސަބަބުބް ދައުލަތަށްވެސް ބޮޑު ލުޔެއް ލިބިގެން ދާނެ
އައުޒަމް
06 February 2025
ހަރަދުވެސް ބޮޑު ތަނުން ކުޑަވާނެ މީގެ ސަބަބުން
އަކްޝަމް އަލީ
06 February 2025
ހުރިހާ ގޮތަކުން ބެއްޔަސް މުހިއްމު ނިންމުމެއް
އަހުމަދުބޭ
06 February 2025
1- ޕާޓީ ބަދަލު ކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހް 2- ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކުގައި ބާއްވާ ގޮތަށް ބަދަލުކުރަން ގެންނަ އިސްލާހު 3- ރައްޔިތުންގެ މަޖިލީޙުގެ މެންބަރުންގެ އަދަދު ކަނޑައަޅާ ގޮތް އިސްލާހުކުރުން މިއީ ހައްތާވެސް ރަނގަޅު އިސްލާހް، އަދި ވެރިކަން ކޮއްފައި ފައިބާމީހުންނަށާ މަޖްލިސް ގޮނޑިފުރާ ފައިބާ މީހުންނަށް ދޭއިނާޔަތްތަށްވެސް ދައްކުރެވޭނެ އިސްލާހެއްވެސް ބޭނުން