ރައީސް ވިދާޅުވީ، ޣައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް ކަމަށާއި ޣައްޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ރާއްޖެ ތާއީދު ނުކުރާނެ ކަމަށް.
06 ފެބުރުއަރީ 2025 - 10:14
ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުންގެ ބިމެއް ކަމަށާއި، ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބާލަން ކުރާ އެއްވެސް މަސައްކަތަކަށް ރާއްޖޭން ދުވަހަކުވެސް ތާއީދު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވައި ދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް ވިދާޅުވީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން ދުނިޔޭގައި އަމާންކަން ގާއިމުކޮށްފައި ބޭއްވުމަށް އިސްކަންދޭނެ ކަމަށެވެ.
"އެހެން ގައުމުތަކުގެ ބިންތައް ހިފައިގަތުމާއި ފުރާނަޔަށް ގެއްލުން ދިނުމާއި އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހިރާއްޖެ އެއްގޮތަކަށްވެސް ބަލައެއް ނުގަންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެއާ އެކު ރައީސް ވަނީ، ޣައްޒާ ތަރައްގީ ކުރަން، އެ ތަނުން ރައްޔިތުން ބާލަން އެމެރިކާ އިން ހުށަހަޅާފައިވާ ޕްލޭނަށް ނުސީދާކޮށް ރައްދު ދެއްވައިފަ އެވެ.
"ޣައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ޣައްޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ގުދުސްއަކީ، ފަލަސްތީނުގެ ވެރިރަށްކަމުގައި ގަބޫލުކޮށް، ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށެވެ.
"އަދި ވަކި ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޣައްޒާއިން މީހުން ހުސްކޮށް އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންދިއުމުގެ ވާހަކަ ޓްރަމްޕް ވައިޓް ހައުސްގައި ދެއްކެވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރުމަށް ފަހު އޭނާއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ. އެއާ އެކު އެކި ގައުުމުތަކާއި ޖަމާއަތްތަކުން ދަނީ ޓްރަމްޕުގެ ވާހަކަ ކުށްވެރިކުރަމުންނެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ 15 މަސް ދުވަސް ފަހުން މި ވަގުތަށް ވަނީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލައިފަ އެވެ. އެތަން އެއްކޮށް ސުންނާތިވެފައި ވެފައި ވާއިރު ޓްރަމްޕް ވިދާޅުވެފައި ވަނީ ޣައްޒާއިން އާންމުން ނެރެ އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންގޮސް ހިތްގައިމު ތަނެއްގެ ގޮތުގައި އެތަން ތަރައްގީކުރާނީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިލަމު
06 February 2025
ސާބަހޭ ރައީސް
ޑރ. ދޮންކެޔޮ
06 February 2025
އަޅުގަނޑު ހީކުރީ ވައްބަހުންނާ ހަރުބަހުންނާ ނުސީދާބަހުން ޓުރަންޕަށް ބަވާއަޅާލާނެކަމަށް.
އަހްމަދް
06 February 2025
މީ އިޒްރޭލް ޕާސްޕޯޓް މަނާކުރަން ބުނި ފެބްރުއަރީ މަސް. ކިތައް މަސް ވެއްޖެތޯ މިހާރު އެކަން ދިގުދަންމާތާ. އެކަން ވާނެބާ؟ ތިހެން ދައްކާ ވާހަކައިގަ ހަގީގީ އިހުލާސްތެރިކަމެއް ހުރިކަމަށް ކިހިނެއްތޯ ގަބޫލް ކުރާނީ.
77
06 February 2025
ހާދަ ވަނދުކޮށް.
ސިއްތި
06 February 2025
ކޮން 1967 ގެ ބޯޑަރެއްތަ؟ ދެން ކޮބާ 1948 ން ފެށިގެން 1967 އާ ހަމައަށް ފޭރިގެންފާވާ ބިންތައް؟
ާއުދުހޭ
06 February 2025
ސިޔާސީ މަގާމުތަކަށް ޚަރަދުކޮށް ބައިތުުލްމާލު ހުސްކުރާތީ އެކަމާގުޅޭ ވާހަކައެއް އަޑުއަހަން ބޭނުމީ