އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.
އެއީ މިދިޔަ އަހަރު ރާއްޖޭގެ މަސްރަހުން ފެނުނު އެންމެ ބޮޑު އެއް ބަދަލެވެ. އެއާ އެކު، އޭގެ ސަބަބުން ލިބޭނެ ގެއްލުމާއި ފައިދާތަކުގެ ވާހަކަ ވެސް ވަރަށް ބޮޑަށް ދެއްކެވުނެވެ. ސަރުކާރުން ބުނެފައި ވަނީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް ހެދި ނަމަވެސް އޭގެ އެއްވެސް ގެއްލުމެއް ރާއްޖެ އަށް ނުކުރާ ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މެއި 29، 2023 ގައި މަޖިލީހަށް ހުށަހެޅި އެ ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވިތާ 308 ދުވަސް ފަހުން ބިލު ކޮމިޓީން ފާސްކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ. އެ ބިލު މަޖިލީހުން ފާސްކުރިތާ މާ ގިނައިރުތަކެއް ނުވެ ރައީސް މުއިއްޒު ތަސްދީގު ކުރެއްވި އެވެ.
އިމިގްރޭޝަން ގާނޫނަށް ގެނައި އެ އިސްލާހުގައި މަގުސަދެއް ކަމަށް ބުނެފައި ވަނީ ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލަން ހިންގާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެ އަށް އިޒްރޭލު ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމެވެ.
ވެރިކަން ކުރާ ޕީއެންސީ މެޖޯރިޓީ އޮންނަ މަޖިލީހުން މި ބިލު ފާސްކުރީ ބައެއް ބަދަލުތަކެއް ގެނައުމަށް ފަހުގަ އެވެ. އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލު ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް ބިލް ހުށަހެޅި އިރު އޮތް ނަމަވެސް، ފާސްކުރީ އިޒްރޭލު ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް އެއީ އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް މީހަކަށްވާ ނަމަ އެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވެވޭ ގޮތަށެވެ.
އެގޮތަށް ފާސްކުރީ ދެ ގައުމެއްގެ ރައްޔިތުކަން ނުވަތަ ޕާސްޕޯޓް ދެނެގަތުމުގެ ގާބިލްކަން މޯލްޑިވްސް އިމިގްރޭޝަންގެ ކިބައިގައި ނެތް ކަމަށް އެ އިދާރާއިން މަޖިލީހަށް ދިން ލަފާގައި ބުނުމުންނެވެ. އިމިގްރޭޝަނުން ވެސް ލަފާ ދިނީ އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަންނަ އިޒްރޭލުގެ މީހުން ރާއްޖެއަށް ވަނުން މަނާކުރުމަށެވެ.
ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމާއި އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީސް މުއިއްޒު ވަނީ އެކި ޕްލެޓްފޯމުތަކުގައި ގޮވާލައްވައިފަ އެވެ.
އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ އެކު، ރާއްޖެ އިން ގުޅުން ބާއްވާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވާހާ ހިނދަކު އިޒްރޭލަށް ރާއްޖެއިން މަރުހަބާ ނުކިޔާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.