ގާސިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ރާއްޖެ އިިގްތިސާދީ ގޮތުން މި ހާލަތަށް ވައްޓާލީ ކުރީގެ ސަރުކާރުތަކުގެ އަމަލުތަކުގެ ސަބަބުން ކަމަށް ވިދާޅުވި --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
06 ފެބުރުއަރީ 2025 - 16:00
ރާއްޖެ އިގްތިސާދީ ގޮތުން މިހާރު މިއޮތް ހާލަތަށް ވެއްޓުނީ ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު ފަހު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ގައުމު މިއަދު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށްޓަކައި މި ސަރުކާރުން ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު އޮތް ހާލަތަށް ގައުމު އަންނަން ޖެހުނީ ކުރީގެ ސަރުކާރުތަކުގެ އިހުމާލުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ރައީސް މައުމޫންގެ ވެރިކަމުގައެއް ނޫން، ވަރަށް ސާފު. އެއީ މައުމޫނަށް އަޅުގަނޑު ޕޮއިންޓެއް ދޭކަށް ނޫން. 2008 ވަނަ އަހަރު އައި ސަރުކާރާއި 2013 ވަނަ އަހަރު އައި ސަރުކާރާއި 2018 ވަނަ އަހަރު އައި ސަރުކާރުތަކުން ކުރައްވާފައިވާ ކަންތައްތަކުގެ ނަތީޖާއެއްގެ ގޮތުން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ ތިން ވެރިކަމުގައި އެކި ނަންނަމުގައި ދަރަނި ނަގައި އަދި ބޮންޑު ވިއްކައިގެން 126 ބިލިއަން ރުފިޔާއިން ދަރަނިވެރިކޮށްފައިވާ ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެސް އާސަންދަ އާއި އެންސްޕާގެ ބިލުތަކަށް އެކަނި ވެސް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ސަރުކާރުތަކުން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވާ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކައެއް ކަމަށާއި ނަމަވެސް މި ސަރުކާރުން ފެނިގެންދަނީ އެކަންކަން ހުއްޓުވަން ގިނަ ފިޔަވަޅުތަކެއް އަޅާ މަންޒަރު ކަމަށް ގާސިމް ވިދާޅުވި އެވެ.
"ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެ ނޫން ވެސް މިނިސްޓަރުންނާ ބޭބޭފުޅުން ވެސް ވަކި ކުރައްވައިފި ކަންތައްތައް ރަނގަޅު މަގަށް ގެންދިއުމަށް ކުރައްވާ ކަންތައްތަކުގެ ތެރެއިން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައިގެން ބޭއްވުމަކީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށެވެ.
އެހެން ނޫންނަމަ ކޮންމެ ބޭފުޅަކު ވެސް ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު ކުޑަ ދުވަސްކޮޅެއް ފަހުން މަގާމުގެ ނުފޫޒާއި ނަހަމަ ބާރުތައް ބޭނުން ކޮށްގެން މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ދާއިރާތަކަށް ގިނަ ވައުދުތައް ވަމުންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާއެކު އެ މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޮނާ
28 March 2025
މިއޮށްކަމެއްދޯ މި ކުރީސަރުކާރަކުން އަރައެއް ނުގަތެއްނު
ރާމީޒު
23 March 2025
މައުމޫނުގެ ވެރިކަމުގެ ފަހުން އައިހުރިހާ ވެރިކަމެއްގެ ކޯލިޝަން ޕާޓްނަރެއް، ސަރުކާރުގެ ބިޔަ ބޮޑެތި މަގާމުތައް އަމިއްލަ ޕާޓިގެ ވާރުތަވެރިންނަށް ދީގެން ސަރުކާރުގެ 30 ޕަސެންޓް ކަށަވަރުކޮށްގެން ދައުލަތުގެ ތެރެއިން ނެގުނު ހުރިހާ ފައިދާއެއް ނެގި މީހެއް، ރައީސް މުއިއްޒުއޭ ފަޅޮލޭ ދޮންއަނބޭ ކިޔައިގެން މިހާރުވެސް ތިއުޅެނީ މިސަރުކަރު ތެރެއިން މަންފާގަނޑެއް ދަމައިގަނެވޭތޯ، މިކަން ރައްޔިތުން ދެނަހުރި، އަހަރުންނަށް ހެޔޮ.
އައިމިނާ ރާނީ
22 March 2025
މި ޙަބަރަށް ކޮށްފަ ހުރި ކޮމެންޓްތަކުން އިގޭ މި ޤައުމަށް ޙިޔާނާތް ތެރިވާ އެންމެންވެސް ރައްޔިތުންނަށް އިނގޭކަން.. ސުވާލަކީ ކޮންއިރަކުންތޯ މިކަލަ މީހުންނަށް ރައްޔިތުން ނޫނެކޭބުނެ އެމީހުން އެނަގާފައިދާތަށް ނެގިޔަ ނުދީ ހުޓުވަން ނިކުންނާނީ.. ހަމަ ކޮމެންޓަކުން ފުދާލާނީތޯ..
ހަސަންބޭ..
18 March 2025
މަނިކުފާނު ސިޔާސީ ގޮތުން އެއްވެސް އެއްޗެކޭ ވިދާޅުނުވޭ ހުންނަވާ. މިއީ މަނިކުފާނުގެ ދާއިރާއެއް ނޫން. ވިޔަފާރީގެ ދާއިރާގައި ބަސްބުނުން އޯކޭ.
ކަރީމްއ
14 March 2025
ސަރުކާރުން ކޮންމެސް އެއްޗެއް ބޭނުންވެގެން އެއުޅެނީ
ޙަސިން
11 March 2025
ތިކަމުގެ މޭސްތިތިޔަކީ ނަހުލާ
ށަވިޔަނި
23 February 2025
އެސަރުކާރު އޮތްއިރު ތިވާހަކަ ނުބުނީޔޯ؟ ގާސިމަކީ އެސަރުކާރުގެ ވެސް ބައިވެރިއެއް، އަންހެނުންނަކީ ކެބިނެޓު މިނިސްޓަރެއް، މިސަރުކާރުން އެއަށް ވުރެ މާގިނަ ގޯސްތައް އެބަހަދާ، މިހާރު އެކަންކަމާ އެއްޗެއް ނުބުނެ، ސަރުކާރު ބަދަލުވީމާތޯ ވާހަކަ ދައްކަވަނީ؟
ކޮރަޕްޓެޑް
13 February 2025
ހުރިހާ ސަރުކާރެއް ހަލާކު ކުރި މީހަކީ މީނަ، ޒިންމާނަގަން ޖެހޭނީ ކޮރަޕްޓެޑް ޤާސިމް
ލޮލް ލޮލް
13 February 2025
މަހީކުރީ ޤައުމު މިހާލަތަށް ވައްޓާލީ އަންނަން އޮތް ސަރުކާރުން ކަމަށް...! ހާދަ މޮޅޭ ހަމަ ކޮސްވެފަ މިހުރީ.
މެންގްރޫވު
08 February 2025
އެހެންވީމަ ޒިންމާ ނަގަންޖެހޭ ލިސްޓްގެ ފަހުރުވެރި 1 ވަނަ ލިބިފައިވަނީ މ.މާފަންނުވިލާ، ޤާސިމް އިބްރާހީމް އަށް