ސްރީ ލަންކާގައި 2022 ވަނަ އަހަރު ތެލުގެ ދަތިކަން ކުރިމަތިވެ ކަރަންޓު ކަނޑަމުން ދިޔަ ދުވަސްވަރު ގެއެއްގައި މީހަކު ބައްތިއެއް ދިއްލައިގެން: މިއަދު ވަނީ ރާމާމަކުނެއްގެ ސަބަބުން ލަންކާގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައި. -- ފޮޓޯ: އޭއެފްޕީ
09 ފެބުރުއަރީ 2025 - 17:00
ސްރީ ލަންކާގައި އިލެކްޓްރިކަލް ގްރިޑް ސަބް ސްޓޭޝަނެއްގެ ތެރެއަށް ރާމާމަކުނެއް ވަނުމުގެ ސަބަބުން ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.
ލަންކާ ގަޑިން މިއަދު ހެނދުނު 11:30 އެހާއިރު ކަރަންޓު ކެނޑެމުން ގޮސް ހުރިހާ ހިސާބަކަށް މި މައްސަލަ ދިމާވި އެވެ. މައްސަލަ ދިމާވިތާ އެތައް ގަޑިއިރެއްވީ އިރު ވެސް، ހުރިހާ ހިސާބަކަށް ކަރަންޓު ނުދެވެ އެވެ.
"ކަރަންޓު ކެނޑުނީ ގްރިޑް ޓްރާންސްފޯމަރަށް ރާމާމަކުނެއް ވަދެ [ކަރަންޓުގައި ޖެހި] ސިސްޓަމް އިމްބެލެންސް ވެގެން،" އެނާޖީ މިނިސްޓަރު ކުމާރަ ޖަޔަކޮޑީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހާދިސާ ހިނގީ ކޮލަމްބޯގެ އުތުރުގެ އަވަށެއްގައި ކަމަށެވެ.
ބައެއް ހިސާބުތަކަށް އަލުން ކަރަންޓު ދީފައި ވިޔަސް ހުރިހާ ހިސާބަކަށް ކަރަންޓު ދީ، މައްސަލަ އަލުން ހައްލުކުރެވޭނެ އިރެއް އަދި ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިންޖިނިއަރުން އެ ދަނީ މަސައްކަތްކުރަމުން. ވީހާވެސް އަވަހަކަށް ހިދުމަތް އަލުން ދޭން އެބަ މަސައްކަތްކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ސްރީ ލަންކާއަށް 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ ކާރިސާގެ ތެރޭ، ތެޔޮ އިމްޕޯޓް ނުކުރެވި ރަނގަޅަށް ކަރަންޓު ނުދެވި އެތައް މަހެއް ވަންދެން އެ އުނދަގުލުގައި އުޅެން ޖެހުނެވެ. ޕެޓްރޯލާއި ޑީސަލް ހުސްވެ ބައެއް ހިސާބުތަކުގައި އޭރު ކަރަންޓު ދިނީ އެންމެ 13 ގަޑިއިރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
09 February 2025
ދިވެހި ރާއްޖޭގަ ކަރަންޓު ކެނޑޭނީ ކޮންމެވެސް ހޯބޯ އަކު ޓްރާންސްފޯމަރެއް ތެރެއިން ވައްކަން ކޮށްގެން. އަދި މާ ދެރަވަރެއް ނުން!
ކާނިި
09 February 2025
ލަންކާއަށް ކިހިނެއްތަ މިވަނީ އިރުއިރުކޮޅާ؟