ފަލަސްތީނުގެ ޣައްޒާގައި ކުޑަކުދިންތަކެއް ފަލަސްތީނުގެ ދިދަ ހިފައިގެން: އަރަބި ލީގުގެ ވެރިޔާ ވިދާޅުވީ ފަލަސްތީނުގެ ދައުލަތެއް ސައޫދީގައި ހަދަންވީ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ދެއްކި ވާހަކަ އަކީ ދުވަހަކު ވެސް ވާނެ ކަމަށް ނޫން ކަމަށް. -- ފޮޓޯ: އޭއެފްޕީ
10 ފެބުރުއަރީ 2025 - 06:16
ސައޫދީ އަރަބިއްޔާގައި ފަލަސްތީނުގެ ދައުލަތެއް ހެދިދާނެ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަ ދުވަހަކު ވެސް ވާނެ ކަމެއް ނޫން ކަމަށާއި ނަތަންޔާހޫ އުޅެނީ ހިޔާލީ ދުނިޔެއެއްގައި ކަމަށް ވިދާޅުވެ އަރަބި ލީގުގެ ވެރިޔާ އަހްމަދު އަބޫ ގައިތު ރައްދު ދެއްވައިފި އެވެ.
ފަލަސްތީނުގެ ޣައްޒާއިން މީހުން ބާލައި އެތަން ތަރައްގީކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން މަސްރަހު ހޫނުވެފައި ވަނިކޮށް ނަތަންޔާހޫ މި ދެއްކި ވާހަކަ އަކީ އިޒްރޭލުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޖޯކެއްގެ ގޮތުގައި ދެއްކި ވާހަކައެކެވެ.
އެކަމަކު މިފަދަ ވަގުތެއްގައި ނަތަންޔާހޫ އެހެން ވާހަކަ ދެއްކުމުން ސައޫދީ އަރަބިއްޔާއިން ވެސް ވަނީ ރައްދު ދީފަ އެވެ.
"ނަތަންޔާހޫގެ ވާހަކައާ ކަނޑައެޅިގެން ދެކޮޅުހަދަން. މިއީ ޣައްޒާގައި ފަލަސްތީނުގެ އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް އޮތް ސަމާލުކަން ގެއްލުވާލަން ދައްކާ ވާހަކަ، ސައޫދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
"ހައްދުފަހަނައެޅި، އިސްތިއުމާރީ ވިސްނުން ގެންގުޅޭ މީހުންނަށް ފަލަސްތީނު ރައްޔިތުންނަށް ފަލަސްތީނުގެ ބިމަކީ ކިހާ ހާއްސަ ތަނެއްކަން ނުވެސް އެނގޭ" ކަމަށް ސައޫދީން ބުންޏެވެ.
އަރަބި ލީގުގެ ވެރިޔާ ވިދާޅުވި ގޮތުގައި ނަތަންޔާހޫގެ ވިސްނުން ހަގީގަތާ އެއްވެސް ގުޅުމެއް ނެތެވެ.
"އެއީ ހިޔާލީ ދުނިޔެއަކުން ފެންނަ ކަންކަން ނުވަތަ އަވާމެންދުރެއް،" އޭނާ ވިދާޅުވި އެވެ.
ސައޫދީން ނެރުނު ބަޔާނުގައި ވަނީ ނަތަންޔާހޫގެ ވާހަކަ ކުށްވެރިކޮށް އަރަބި އަދި އިސްލާމީ ގައުމުތަކުން ވާހަކަ ދެއްކުމުން އެކަމަށް މަރުހަބާ ކިޔައިފަ އެވެ.
ކަނާތުފިޔައިގެ އިޒްރޭލު ނޫސްވެރިއެއް ކަމަށްވާ ޔާކޯވް ބާޑޫގޯ އަށް ބުރާސްފަތި ދުވަހު ނަތަންޔާހޫ ދިން އިންޓަވިއުގައި، ފަލަސްތީނުގެ ދައުލަތެއް ސައޫދީގައި ހެދުމާ ބެހޭ ވާހަކަ ދެއްކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ނެތި ސައޫދީން އިޒްރޭލާ ސިޔާސީ ގުޅުން ގާއިމު ނުކުރާނެ ކަމަށް ބުނާތީ އެ ވާހަކައިގެ ތެރެއިންނެވެ.
"ސައޫދީގެ ދައުލަތެއް ނެތި އެއްވެސް ކުރިއެރުމެއް ނޯންނާނެ" ކަމަށް ނޫސްވެރިޔާ ބުނުމާ އެކު ނަތަންޔާހޫ ވަނީ [ތިޔަ ބުނީ] ފަލަސްތީނުގެ ދައުލަތެއްގެ ވާހަކައޭ ބުނެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ "ފަލަސްތީނުގެ ދައުލަތް ސައޫދީއަރަބިއްޔާގައި އޮންނަން ބޭނުންވެގެން ނޫނީ" އޭ ބުނެ ވާހަކަ ދައްކައިފަ އެވެ. އެކަން ކުރަން ބޭނުން ނަމަ ސައޫދީގައި ބައިވަރު ބިން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.
ނަތަންޔާހޫ މިހެން ވާހަކަ ދެއްކުމުން ސައޫދީގެ އިތުރުން ގަތަރު، މިސްރު، އުރުދުން އަދި ޔޫއޭއީން ވެސް ވަނީ އެ ވާހަކަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރަން ކުރާ ކޮންމެ މަސައްކަތަކީ، 1948 ވަނަ އަހަރު އިޒްރޭލު އުފެއްދި އިރު ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ބޭރުކޮށް ޔަހޫދީން އާބާދުކުރަން ހިންގި އަނިޔާވެރި "ނަކްބާ" ގެ އަނދިރި ހަނދާންތައް އާވެގެންދާނެ ކަމެކެވެ.
އަދި އެފަދަ ފިކުރަކީ، ފަލަސްތީނުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ހައްގު ވެސް އޮތް ކަމަށް ގަބޫލު ނުކުރުން ކަމަށް ވެސް ސައޫދީން ބުންޏެވެ. ޣައްޒާއިން އެތައް ހާސް ބަޔަކު ޝަހީދުކޮށް މުޅި ތަން ބިމާ ހަމަކޮށްފައިވަނީ އިންސާނިއްޔަތުކަމުގެ އަދި ހަމަ ގަބޫލުކުރުމުގެ އެއްވެސް ވިސްނުމެއް ނެތުމުން ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބެއްޔާގެދަރި
11 February 2025
އަވާމެންދުރުން ދައްކާނީ ހުސްލަވަ ވީޑީއޯތައް. ދެން އެބަލަން ހުރޭ.
ޖިންނި ޖިނާ
11 February 2025
އޭނަ އަށް އަވާމެންދުރެއް ކީއްކުރަން ހަނދުކޭތަ އެއް ފެނުނަސް އަހަރުންނަށް ކީއް ؟؟؟؟؟ އިރާދަކުރެއްވިއްޔާ ނަތަންޔާހޫގެ ނިމުން އަވާމެންދުރު ގަޑި އަށް ވުރެ ހޫނުވެފައި ހިތިވާނެ . އިންޝާﷲ
އިހްސާސް
10 February 2025
ޓުރަމްޕުގެ ރިސޯޓުގަ އެއޮތީނު ބޮޑުބިން އިޒުރޭލުމީހުން ވަޒަންވެރިކުރަން.
އަލްޖިބްރރާ
10 February 2025
އިޒްރޭލުގެ ހުރިހާ ޔަހޫދީން އެމެރިކާއަށް ގެންގޮސް އެތާގައި ދައުލަތް ހަދާބަލަ.
ކެޔޮޅުގޯތީއަހަންމަދު
10 February 2025
އަރަބިލީގަށް ކުރެވެނީ ކޮންކަމެއް، ގައިތު ތިމާމެންގެ އަމިއްލަޔަށް އުޅުނުގޮތުގެ ހަގީގަތް ކިޔާދިފިނަމަ ނަތަންޔާހޫމެން ބޭނުން ގޮތަކަށް ހަދާނެކަން އިގޭނެ. އަށާރަސްތޭކަ ފަންސާހުގެ ތެރޭގައި ހުސެއިން ކިޔާ މީހަކު އިގިރޭސިންނާއިއެކު އަހުދު ކަށަވަރުވެ ފައިސާއާއި ވެރިކަމުގެ ދަހިވެތިކަމުގައި އަރަބިދުނިޔެ ވިއްކާ ފަސާދކޮށްލި. އޭގެފަހުން އަބުދުލް އަޒީޒު އިބުނު ސައުދު ކިއުނުމީހަކު އިގެިރޭސިންނަށް ފައިސާޔަށް އަރަބިންގެ ބިން ވިއްކާލި. ތަރީހުން ފެންނަން އެއޮތީ.
ގޮރުނުދޯރު
10 February 2025
އަރަބިން ކިތަންމެ ފޮނެއް އެރުވިޔަސް އިޒްރޭލުން ބޭނުންވާ ކޮންމެ ކަމެއް ކުރާނެ. 77 އަހަރު ވެގެންދިޔައިރު ނުކުރެވުނު ކަމެއް މިއަދު އަރަބިންނަކަށް ނުކުރެވޭނެ. އަރަބިންގެ ހިތްވަރެއް ހުރިއްޔާ މެދުއިރުމަތީގަ އޮތް އެމެރިކާގެ ހުރިހާ މަސްލަހަތެއް ނިމުމަކަށް ގެނެސް އެމެރިކާއާ އޮންނަ ހުރިހާ ގުޅުމެއް ކަނޑާލަބަލަ.
ޔަހޫޒާކަލޭގެ
10 February 2025
77 އަހަރެއް ނޫން 777 އަހަރުވިޔަސް ފަލަސްތީނުގެ އެބިން މިނިވަންކުރާނެ! މިނިވަންވާނެ! ޔަހޫދީން ބިރުން ފިލަންދުވާނެ! އެއީ ތިބާއަށް ނުވަތަ އަހަރެންނަށް ނުވެދާނެ!
ބާބާބަބާ
10 February 2025
އެކަމު އެވެރިން އެއީ ދުނިޔޭގެ ތަހުޒީބެއްނޫންތޯ؟ ނަސްލު ނައްތާލުމަކީ ވެސް ތަހުޒީބު، އެމީހުންގެ ޕްރޮކްސީވެރިން ކޯޓު ލައްވާފަ ދުނިޔޭގެ ގައުމުތަކުގަ ޕަޕެޓެ ހައްދައިން ގައުމުތައް ލޫޓުވަނީޥެސް ހަމަ މިގޮތަށް، އެވެސް ތަހުޒީބު.