އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންތަކެއް -- ފޮޓޯ؛ އެލްޖީއޭ
10 ފެބުރުއަރީ 2025 - 09:41
ލޯކަލް ކައުންސިލްތަކާ އެކު، ލާމަރުކަޒީ ނިޒާމް ހިންގުމުގައި މުހިއްމު ޒިންމާތަކެއް ހަވާލުކޮށްފައިވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ރޯދަމަހުގެ އިނާޔަތް ދޭން ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް، މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރެވެ.
މި އިސްލާހުގައި ވަނީ ޑަބްލިއުޑީސީތަކުގެ މެންބަރުން ވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަންގައި ހިމަނައިގެން މުސާރަ ދިނުމަށް ހިމަނައިފަ އެވެ. އޭގެ ދަށުން ރޯދަމަހު ދޭ އެލަވަންސް ވެސް ޑަބްލިއުޑީސީ އަށް ލިބެން ވާނެ ކަމަށް ވެ އެވެ.
ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައި އޮންނަނީ ކޮންމެ މުވައްޒަފަކަށް 3،000ރ. އެވެ.
މީގެ އިތުރުން ބިލުގައި ވަނީ ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ހިލޭ އެހީގެ ދަށުން ޑަބްލިއުޑީސީ ހަރަކާތްތަކަށް ފައިސާ ދޫކުރުން ފަސޭހަ ކުރުމަށާއި އެ ކޮމިޓީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ވެސް ބައެއް އިސްލާހުތައް ހުށަހަޅައިފަ އެވެ.
އަންހެންގެ ކޮމިޓީއަށް މުސާރަ ކަނޑައަޅައި، ރޯދަ އެލެވެންސް ދޭން ގާނޫނަށް އިސްލާހު ހުށަހަޅަނީ https://t.co/NUF6jucTBP
— Mihaaru (@Mihaarunews) December 14, 2024
މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީގެ ރައީސަށް 7،000ރ. އަދި ނައިބު ރައީސަށް 6،500ރ. މިހާރު ލިބެ އެވެ. މެމްބަރަކަށް ކަނޑައަޅާފައި ވަނީ 6،000ރ. އެވެ.
ރަށު ކައުންސިލްތަކުގެ ރައީސަށް 6،000ރ. އާއި ނައިބު ރައީސަކަށް 5،500ރ. އާއި މެމްބަރަކަށް 5،000ރ. ވަނީ ކަނޑައަޅައިފަ އެވެ.
ކުރިއަށް އޮތް ރޯދަމަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިދާޅުވެފަ އެވެ.
އެހެންކަމުން ރޯދަމަސް ފެށެން ކުޑަތަން ވެފައި ވަނިކޮށް، ހުށަހެޅި މި ބިލް ރޯދަމަހުގެ ކުރިން މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ރޯދަމަަސް ފަށާނީ މާޗު 1 ގަ އެވެ.
އަންހެނުންގެ ކޮޮމިޓީތަކަށް ރޯދަ އިނާޔަތް ދޭން ގާނޫނަށް އިސްލާހު ގެނައުމަށް 2022 ވަނަ އަހަރު އެލްޖީއޭ އިން އޮތީ ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީހަ
10 February 2025
އުވާލަން ޖެހޭ ބައެއް ތި ކޮމެޓީއަކީ.ދައުލަތަށް ލިބޭހާ ލާރީއެއް ބޭކާރު ކުރަނީ. ހެޔޮނުވާނެ ރައްޔިތުންގެ ފައިސާއަށް މިހެން ހަދަން.
އައްބާސް މުހައްމަދު
10 February 2025
ބަޔަކު ބުނި މި ވައުދުވެސް ރައީސް ނުފުއްދާނެޔޭ. މިދަނީ ރޯދައިގެ ކުރިން ފުއްދަން ރެޑީވަމުން. މިހެން ވާންޖެހޭނެ. އަންހެނުންވެސް ބާރުވެރި ކުރުވެވުނީ.
ޖައްބާރު
10 February 2025
ތިޔަ ކޮމެޓީގަ ތިބެގެން ކުރާ ކަމެއް ބުނެބާ، އަންހެނުން ތަތައްޤީއަށޭ ކިޔާފަ، ތަން ތަނަށް އަރައި ކުދިއްނަށް ބަޔަކު ލަވާދިނީމަ ސެޓްފިކެޓް ހަވާލުކުރެވިދާނެ.
ނޫމާން ހަލީމް
10 February 2025
މިވާހަކަ އަޑު އަހާފަ މަންމަ ހުރީ ވަރަށް އުފަލުން
ތޫބާ ނާޒިމް
10 February 2025
މިހެންވެ ބުނަނީ ރައީސް މުއިއްޒް ހަމަ ތަފާތޭ. ކަމެއް ބުނާނީ ކުރާނެ ކަމުގެ އިހްލާސްތެރި ނިޔަތާއެކީގަޔޭ
މަހްމޫދު ޝަފީގް
10 February 2025
ހީވޭ ކަމެއްހެން. ބުނާ ގޮތަށް ބުނި ގޮތަކަށް ކަންކޮށް ނިންމަމުން ރައީސް މިދަނީ
ސިރި ސޭ ނޯ
10 February 2025
މިސާލަކަށް، އެހެން ވަޒީފާއަކުން އެލަވަންސް ނަގާފާވެސް ޑަބަލިއުޑީސީއިންވެސް އެލަވަންސް ނެގޭނޭތަ؟ އެހެންވާ ވާހަކަޔެއްނޫން. ހަމަ ނޭނގޭތީ އަހާލީމި
ފާތުމާދީ
10 February 2025
ތިއެލަވަންސް ހަމަޖައްސަން ޖެހޭނި ދައުލުތަކުގެ އެހެން އިދާރާއަކުން ނުވަތަ ދައުލަތުގެ އެހެން ކުންފުންޔަކުން ތިއެލަަވަންސް ނުލިބޭ މީހުންނަށް. ބައެއްމީހުން އެބައުޅޭ ދައުލަތުގެ ކުންފުނިތަކުގަ މިހާރުވެސް ވަޒީފާ އަދާކުރާ މީހުން، އެމީހުންނަށް އެބަލިބޭ ކުންފުނިންވެސް ރޯދައެލަވަންސް، އަނެއްކަ ޑަބްލިއުޑީސީން ދިނީމަ ހަމަ އެއްކަލަ ޑަބަލް ޕެންޝަންދޭ ގޮތަށް އެވަނީ! އެހެންވީމަ ބިލުގަ މިކަމަކަށް ހައްލެއް ގެންނަންވާނެ. ކަމަކީ ރަނގަޅުކަމެއް.
ދިއްދޫމީހާ
10 February 2025
ދެން މާދަން ރައީސްމީހާ ބުނާނެ ދައުލަތުގެ ހަރަދު ބޮޑުވާ ވާހަކަ ތިޔަ ކޮމެޓީއަކުން ކުރާކަމެއް އަދި ކުރެވޭނެ ކަމެއް ބުނެބަލަ؟ހަމަ މޮޅެތި ނަންތައް ހަދާފަ ސިޔާސީ ބޭނުމަށް މުސާރައާ އިނާޔަތައް ތިޔަ ދެނީ ތަރައްގީވާން ބޭނުންވަނީ ސިންގަޕޫރު ފެންވަރުގައި އެކަމް އެވެރިން ކަންތައް ކުރާގޮތް މިވެރިން ބަލާކަށް ބޭނުމެއް ނުވޭ..
މަދީ ވަޙީދު
10 February 2025
ވަރަށް ބޭކާރުމެއް. ޑަބުލިޔު ޑީސީ އަކީ ހަމަ ވޯޓަށް ގިނަކުރި ބައެއް. އެއްވެސް ކަމެއްވާބައެއްނޫން. ގޭގަތިބެފަ މުސާރަ ޖަމާވުމުން ކޮފީބޯން ދާންވީ. ސަރުކާރުގަ ބުރަ މަސައްކަތް ކުރާ މީހުންނަށްވުރެ އެމީހުންގެ މުސާރަޔާ ޙައްޤުތަކާ އިނާޔަތްތައް މާރަނގަޅު. އަނެއްކާ ފެންވަރެއް ހުންނާކަށްވެސް ނުޖެހޭ.