ކެބިނެޓް ބައްދަލުވުމެއް: ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެމީހުންނަށް ލިބޭ މުސާރަ ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ސަރުކާރުގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައި
10 ފެބުރުއަރީ 2025 - 17:12
ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މީހުންނަށް ލިބޭ މުސާރައިގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ސަރުކާރުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މި ސަރުކާރުން އައްޔަންކުރި ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މީހުންނަށް ލިބޭ މުސާރައިގެ ތަފުސީލް ހޯދަން ރައީސް އޮފީހުގައި އަމިއްލަ މީހަކު އެދުނު ނަމަވެސް އެ އޮފީހުން ޖަވާބު ނުދިނުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.
އެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައި އޮތީ ސިޔާސީ ހުރިހާ މުވައްޒަފުންގެ ނަމާއި މުސާރައަކީ ޒާތީ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް ފަސް ދުވަހުގެ މުއްދަތެއް ދިންއިރު، އެ މުއްދަތުގައި އެ މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިހާރު މައްސަލަ ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. މިދިޔަ ހޯމަ ދުވަހު ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ވެސް ސަރުކާރުގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެ މައުލޫމާތު ހޯދަން "މިހާރު" އާއި އެހެން ބައެއް ފަރާތްތަކުން ހުށަހެޅުމުން އައިކޮމުން ވަނީ މައުލޫމާތު ދޭން ރައީސް އޮފީހަށް އަންގައިފަ އެވެ. ނަމަވެސް، މުއްދަތުގައި މައުލޫމާތު ނުދީ، ސަރުކާރުން ދިޔައީ ކޯޓަށެވެ.
އެ މައުލޫމާތުތައް ހޯދަން އެދުމުން ރައީސް އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައި ވަނީ ވަކިކުރި މުވައްޒަފުންގެ ނަމަކީ ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނުއަސާސީގެ 24 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ތެރޭގައި ހިމެނޭ ޒާތީ މައުލޫމާތެއް ކަމަށެވެ. އެހެންވެ، އެއީ ދޫކުރެެވެން ނެތް މައުލޫމާތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އެ އޮފީހުން ބުނީ ވަކިކުރި މުވައްޒަފުން މަސައްކަތް ކުރި މިނިސްޓްރީތަކުގެ ނަންތަކާއި މަގާމާއި ވަނަވަރު ހާމަކޮށްފި ނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަވެދާނެ ކަމަށެވެ. ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު އެ ފަރާތެއްގެ ރުހުމެއް ނެތި ހާމަނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، އެ މައުލޫމާތު ވެސް ދެވެން ނެތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ރައީސް އޮފީހުން މުވައްޒަފުންގެ ނަންތައް ހިފަހައްޓާފައިވާއިރު، މީގެ ކުރިން ބައެއް މިނިސްޓްރީތަކުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސިޔާސީ މުވައްޒަފުންގެ ހުރިހާ ތަފްސީލެއް ހާމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯދާ މީހާ
10 February 2025
މަ ބުނީ އަދި ރައީސްއަށް އެނގިވަޑައި ނުގަންނަވަނީ ! އެނގިވަޑައިގަތީމަ ވަރަށް ހިތާމަކޮށް ލަދުފުޅުވަޑައިގެން ތިމަޢުލޫމާތު ދެންވަވާނެ ! އަތޮޅުތެރެއަށް ކުރައްވަވާދަތުރުފުޅުގެ ތެރެއިން ތުއްތު ކުއްޖަކުއަތުން ނޯޓުކޮޅެއް އެރުވިއަސް ތިކަށް ކޮށްދެންވަވާނެ !
ގޮނުއަނގަ
10 February 2025
މީހަކަށް ދައުލަތުންދިން ފައިސާއެއް ސިއްރު ކުރުމަކީ ދައުލަތަށް ވެވޭ ޚިޔާނާތެއް. ދައުލަތަކީ މުޅި ދިވެހިރައްޔިތުންގެބޙައްޤެއް. ސަރުކާރަކީ ދައުލަތް ހިންގަން ރައްޔިތުން އިސްކުރާ ވެރިއެއްގެ ބާރުވެރިކަން. ވެރިޔަކު ނުފޫޒާ ބާރު ދެއްކުމަކީ ރައްޔިތުންނަށް ކުރެވޭ ވައްކަމަކާ ޚިޔާނާތެއް. ދުލުން ބޭރުކުރާ "ޒާތީ" ލަފުޒަކީ ޒަތީ މަޢުލޫމާތެއްނޫން. ދައުލަތުން މަޤާމެއްދީ ދޭމުސާރައަކީ ކަންޑައެޅި ނިމިފައި ހުންނަންޖެހޭ އެއްޗެއް. ވައްކަން ނުކުރާނަމޭ ބުނަނީ ކީއްބެގެންތަ
ހާމަކޮށްފަ އޮތީ
10 February 2025
ބަލަ ރައީސްއޮފީސް ވެބްސައިޓުގައި އެބަހުރި
ބަތްކައްކާ
10 February 2025
ރޯހިތުކޮބާ؟
ކިއްލިދައިތަ
10 February 2025
ރައީސް ވިދާޅުވިހެން މިސަރުކާރަކީ ދެފުއް ވަރައް ރީއްޗައް ފެންނަ ސަރުކާރެއް މިހާރު ސަރުކާރައް އަހަރަކައްވުރެ ގިނަފުވަސް ވީމަ ހިރަފުހުގެ އަސަރު ކޮއްގެން ދެފުން ނުފެނިގެން އެއުޅެނީ ހިރަފުސް ފޯޅާލާ ފެންފޮތި އަޅާލާ ސާފު ކޮއްލަނިކޮއް ހަމަ ބިލްލޫރިހާ ސާފްކޮއް ދެފުއްފެނިދާނެ...