ޓެކްސް އިދާރާ އާއި ފިނޭންސް މިނިސްޓްރީގެ އިމާރާތް. މިއަހަރުގެ ޖުމްލަ އާމްދަނީ ވަނީ ދަށްވެފައި -- ފޮޓޯ: މިހާރު
15 ފެބުރުއަރީ 2025 - 12:04
މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތަށް ވަތް އާމްދަނީގެ އަދަދު 19 ޕަސެންޓު ދަށްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 4.6 ބިލިއަން ރުފިޔާ އެވެ. އެހެންވެ އެއީ 874 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ޖުމްލަ އާމްދަނީ ދަށްވި އިރު ޓެކްސް އާއި ޓެކްސް ނޫން އާމްދަނީތައް ވެސް ވަނީ ދަށްވެފަ އެވެ. ޓެކްސްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނީ 3.3 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 589 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބުނެވެ.
ޓެކްސްގެ އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދަށްވެފައިވަނީ އިމްޕޯޓު ޑިއުޓީ އާއި ވިޔަފާރި ފައިދާއިން ލިބޭ ޓެކްސް އިންނެވެ. އިމްޕޯޓު ޑިއުޓީ ވަނީ 64 ޕަސެންޓު ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި 138 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 384 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 247 މިލިއަން ރުފިޔާގެ ވެއްޓުމެކެވެ.
އިމްޕޯޓު ޑިއުޓީ އެހާ ބޮޑަށް ދަށްވެފައިވާ އިރު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޗައިނާއިން އެތެރެ ކުރާ ގިނަ ބާވަތްތަކަށް ޑިއުޓީ ނެގުން ވަނީ ހުއްޓާލައިފަ އެވެ.
އިމްޕޯޓު ޑިއުޓީގެ އިތުރުން ވިޔަފާރި ފައިދާއިން ލިބޭ ޓެކްސް ވަނީ 23 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރު ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއަހަރު އެ އަދަދު ހުރީ 1.3 ބިލިއަން ރުފިޔާގަ އެވެ.
ޓެކްސް އާމްދަނީގެ އިތުރުން އެހެން ފީތަކާއި ކުލިން ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. ޓެކްސް ނޫން އެހެން އާމްދަނީ ވަނީ 42 ޕަސެންޓަށް ދަށްވެފަ އެވެ. މިއަހަރުގެ މިހާތަނަށް ރިސޯޓު ކުއްޔާއި ބިދޭސީންގެ ކޯޓާ ފީ އާއި އެއާޕޯޓު ޑިވަލޮޕްމެންޓް ފީ އިން ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ.
ދައުލަތުގެ ޖުމްލަ އާމްދަނީ ދަށްވި އިރު ދައުލަތުން ކުރި ހަރަދު ވެސް މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 29 ޕަސެންޓު ދަށްވެފައިވެ އެވެ. މިއަހަރުގެ މިހާތަނަށް ދައުލަތުން 3.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނަމް
16 February 2025
ބިޒިނަސް ޕްރޮފިޓް ޓެކްސް އަކީ ކޮންތަނަކުން ނަގާ ޓެކްސް އެއް؟ މީރާ އަކުން ނުނަގާ ހަމަ ގައިމު
އޮނަރަބަލް ހުސް ގޮޑި.
16 February 2025
ހޮޓާ ކެފޭ ރެސްޓޯރަންޓް ވިޔަފާރިތައް އިދަޖެހި ވިޔަފާރީގެ ފައިދާ ބަދަލުވީ ގެއްލުމަށް . ދުންފަތު ގެ ޑިއުޓީން ގިނައިން ކާން ހަދައިގެން ގޮވީ އަތަށް .
ޢޮނަރަބަލް އައްޕަތުރޭ
16 February 2025
އާމްދަނީ ދަށަށް . ޑޮލަރުގެ އަގު މައްޗަށް މިއަދު ވެސް 19 ރުފިޔާ އަށް ވުރެ ކުޑަކޮށް ޑޮލަރެއް ގަންނާކަށް ނުލިބުނު. .
ކޮސް
16 February 2025
އެކަމަކު ދައުލަތުގެ މީޑިޔާތަކާއި ނުފޫޒުން ފިތި ބާރުވެފައިވާ ވަޞީލަތްތަކުން ފަތުއަޑުކިޔާފަ އިވެނީ މިސަރުކާރުން އިޤުތިޞާދީ ރިކޯޑުތައް މުގުރަމުންދާވާހަކަ. .....!!!!!
ހަޖާމްބެ
16 February 2025
ތި ހުރިހާ ތަފާސް ހިސާބަކުވެސް އެތެރެކުރާ ކޮންމެ ސިގަރެޓަކަށް 8 ރުފިޔާ ނަގަންފެށީމަ ސިގަރެޓުން އާމްދަނީ އިތުރުވި ވަރެއް ނޭގުނު.
ކަލީމް
15 February 2025
ސިނގެރޭޓުން ޑިޔުޓީ ބޮޑޫކޮށް މާ ރެގިޔުލޭޓް ކުރަން އުޅުމުގެ ހިތި މި ފެންނަނީ. މިހާރު ރޫޓުން ގަންނަ ސިގިރޭޓަށްވުރެ ސުމަގުލް ކޮށްގެން ގެންގުޅޭ މެންޗެސްޓަރ ޑިމާންޑް މާ ބޮޑު. އޭރުން ދައުލަތަށް ސިގިރޭޓުން ވަންނާނެ ޑިޔުތީ ދިޔައީ. ފުރީޓުރޭޑް އެގްރީމެންޓް ހެދުމުގަ ގޯހެއްނެތް، އެކަން ކޮށް އިންކަމް ޓެކްސް ކުޑަކޮށް މަތިކޮށްލާފަ އޭގެ ތަންފީޒީބައި ރަނގަޅު ކުރަންވީ. މިހާރުވެސް ބަލާބަލަ މާލޭގެ ލޭންޑްލޯޑުން ކުރެ އިންކަމް ޓެކްސް ދައްކަނީ ކޮންބަޔެއްތޯ.
ބަރަވެލި
15 February 2025
ފިނިފެންމާ ސައީދަށް ރަގަޅަށް ރާކަނިމަސް ކެވިފަ މިހާރު ހުންނާނީ، 400 މިލިޔަން ޑޮލަރު ހޯދަންބުނި ބަންކަރިންނަށް ވީވަރު ތި ފްރީ ޓްރޭޑު އެގްރީމެންޓަށްވެސް މިވަނީ
ޥަކިކުރޭ
15 February 2025
ޢިކޮނޮމިކް މިނިސްޓްރީ ގެ އިތުބާރެއްނެތް
ބަލާށޭ
15 February 2025
މާލޭ ވިޔާފާރި ތަކުން އެންމެ ގިނައިން ޓެކްސް ދައްކާ މީހުންނަށް ދައްކާ 1 ހާސް ކުންފުންނަށް މާލެ ސަރަހައްދުން ޖެހޭނެއޭ މަދުވެގެން 10 ހާސް އަކަފޫޓްގެ ބިމެއް ކޮންމެ ކުންފުންނަކަށް 100 މިލިއަން ރުފިޔާ 50 އަހަރު ދުވަހަށް ބަހާލައިގެން ލޯންގެ ގޮތުގައި ދޭން އެލޯން ފަހިކޮށްދޭނީ ޗައިނާ ފްރީޓްރޭޑްގެ ދަށުން ޗައިނާގެ އެގްޒިމް ބޭންކް އިން ލޯން ނަގައިގެންނޭ ސަރުކާރުން ސޮވެރިންގް ގްރެންޓީ ދޭން ޖެހޭނެއޭ އެއްވެސް ޖެހިލުމެއް ނެތި އެފަދަ 10000 ކުންފުންނަށް މިކަންކަން
މިން
15 February 2025
ޝެއިން އިން މީހުން އެއްޗެހި ގެންނަ ވަރަކަށް ޑިއުޓީ ދައްކައިގެން ވިޔަފާރި ކުރާމީހުން ދަނީ ބަނގުރޫޓުވަމުން... އެހެންވެ ވާގޮތް.... ސަރުކާރުން ވިސްނާލުން މުހިންމު