16 ފެބުރުއަރީ 2025 - 12:48
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑެ ބެލިންހަމް އަށް ރަތް ކާޑް ދެއްކީ އޭނާ ބުނި އެއްޗެއް ރެފްރީ އަށް ނުބައިކޮށް މާނަ ކުރެވުމުން ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
އޮސަސޫނާއާ 1-1 އިން އެއްވަރުވި މެޗު ރެއާލުން ބޮޑު ބައެއް ފުރިހަމަ ކުރީ ބެލިންހަމް ނެތި އެވެ. މެޗުގެ 40 ވަނަ މިނެޓްގައި އޭނާ އަށް ސީދާ ރަތްކާޑް ދެއްކީ ރެފްރީ އަށް ނިސްބަތްކޮށް ބުނީ ބޭއަދަބީ އިބާރާތަކުން ކަމަށް ރެފްރީގެ ރިޕޯޓްގައި ބުންޏެވެ.
މެޗުގެ 37 ވަނަ މިނެޓްގައި އޮސަސޫނާގެ ރުބެން ގާސިއާ އަށް ބެލިންހަމް ފައުލުކޮށް އޭނާ ބިންމައްޗަށް ވައްޓާލި އެވެ. އެ ފައުލަށް ރެފްރީ ހިލޭ ޖެހުމެއް ދިނެވެ.
ގޯލް ކުރިމަތިން ބޯޅަ ފޮނުވާލަން އޮސަސޫނާގެ ކީޕަރު ސާޖިއޯ ހެރޭރާ ތައްޔާރުވެގެން ހުއްޓައި، ރެއާލްގެ ކެޕްޓަން ލުކަ މޮޑްރިޗް ރެފްރީއާ ވާހަކަ ދައްކަން ސެންޓާ ސާކަލްއާ ދިމާލުގައި ހުއްޓެވެ. ބެލިންހަމް ވެސް އެ ދިމާލަށް ދިޔަ އެވެ.
އޭނާ ވެސް ރެފްރީއާ ވާހަކަ ދައްކަން ފަށައި ދަނޑުގެ އެކި ހިސާބުތަކަށް އަތް ދިއްކުރަން ފެށި އެވެ. އޭނާ އެ ދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގެ އެވެ. މެޗުގެ ފަހުން އަންޗެލޮޓީ ބުނީ މޮޑްރިޗާއި ބެލިންހަމް ޝަކުވާ ކުރީ ބެލިންހަމް ކުރި ކަހަލަ ފައުލެއް އޭގެ ކުރިން އޮސަސޫނާގެ ޕެނަލްޓީ އޭރިއާތެރެއިން ވިނީޝިއުސް އަށް ވެސް އޮސަސޫނާގެ ޑިފެންޑަރު ކުރި ކަމަށެވެ. އެކަމަކު ރެފްރީ ލުއިސް ހޯޒޭ މުނުއެރާ މުންޓްރެއާ އަޅާނުލި މައްސަލަ ބެލިންހަމް ފެންމަތި ކުރި އެވެ.
އެ ހިތްހަމަނުޖެހުމުގެ ތެރޭގައި ބޭއަދަބީ ލަފުޒެއް ބެލިންހަމް ބޭނުން ކުރި އެވެ. ރެފްރީ ދެއްކީ ސީދާ ރަތް ކާޑެކެވެ.
އަންޗެލޮޓީ ބުނީ ބެލިންހަމް އިނގިރޭސި ބަހުން ބުނި އެއްޗެއް ރެފްރީ މުނުއެރާ އަށް ފަހުމުނުވާ ކަމަށެވެ. ބެލިންހަމް އެ އިބާރާތް ބޭނުން ކުރީ ރެފްރީ އަށް ނިސްބަތް ކުރުމުގެ ގޮތުން ނޫސް ކަމަށް އަންޗެލޮޓީ ބުންޏެވެ.
ބެލިންހަމް ވެސް ބުނީ ރެފްރީ އަށް ނިސްބަތްކޮށް ބޭއަދަބީ އެއްވެސް ލަފުޒެއް އޭނާ ނުބުނާ ކަމަށެވެ.
"އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެން ބުނި އެއްޗެއް ބުނީ،" ބެލިންހަމް ބުންޏެވެ.
ރެއާލުން ބުނީ ބެލިންހަމްގެ ރަތް ކާޑު އިސްތިއުނާފު ކުރަން ހުށަހަޅާނެ ކަމަށެވެ.
އެކަން ހިނގިއިރު ރެއާލް އޮތީ 1-0 އުން ލީޑްގަ އެވެ. ކިލިޔއަން އެމްބާޕޭގެ ލަނޑު އެ ޓީމުން ކުރި ހޯދީ 15 ވަނަ މިނެޓްގަ އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު އޮސަސޫނާ އަށް ލިބުނު ޕެނަލްޓީއަކުން އަންޓޭ ބުޑިމްރް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
ރެއާލް އެއްވަރުވުމުގެ ފައިދާ ނެގެން އޮތް އެތުލެޓިކޯ މެޑްރިޑަށް އޭގެ ބޭނުމެއް ނުހިފުނެވެ. ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓީ މޮޅުވިނަމަ އެ ޓީމަށް ތާވަލުގެ އެއްވަނަ އަށް ދެވުނީހެވެ.
ނަމަވެސް 1-1 އެއްވަރުވެ، އެ ޓީމަށް ތާވަލުގެ ކުރިއަކަށް ނޭރުނެވެ. އެ ޓީމުން ވެސް ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗު ފެށިގެން ހަތްވަނަ މިނެޓްގައި ޕަބެލޯ ބެރިއޯސް އަށް ރަތް ކާޑް ދެއްކި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަތު ކާޑާ
16 February 2025
ބޮޑު ދޮގެއް.އެއްވެސް ޑިސިޕްލިންއެއް ނެތް ބައެއް ތިޔަ އިނގިރޭސީންއެއީ.