އިންޑިއާގެ އަދާނީ ގްރޫޕްގެ އޮފީހެއް: އެ ކުންފުނިން ވަނީ ލަންކާގައި ބިލިއަނެއްހާ ޑޮލަރު އިންސްޓްކުރަން ނިންމި ހަކަތައިގެ ޕްރޮޖެކްޓް ދޫކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
17 ފެބުރުއަރީ 2025 - 06:42
ވައިކަން ހަކަތަ އުފައްދާ ނިޒާމެއް ސްރީ ލަންކާގައި ގާއިމުކޮށް އެއިން ލަންކާ ސަރުކާރަށް ކަރަންޓު ވިއްކާ ގޮތަށް އިންޑިއާގެ އަދާނީ ގްރޫޕާ އެކު ހެދި އެއްބަސްވުން އުވާލައި އަލުން މަޝްވަރާކުރަން ހުށަހެޅުމުން އެ ޕްރޮޖެކްޓު ކުރިއަށް ނުގެންދަން އަދާނީން ނިންމައިފި އެވެ.
ސްރީ ލަންކާގެ ބޯޑް އޮފް އިންވެސްޓްމަންޓް (ބީއޯއައި) އިން ބުރާސްފަތި ދުވަހު ބުނީ އަދާނީ ގްރީން އެނާޖީ ލިމިޓެޑުން އެ ޕްރޮޖެކްޓުން "އިހުތިރާމާ އެކު ވަކިވާން" ނިންމާފައިވާ ކަމަށް ބުނެ ސިޓީއެއް ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށެވެ.
ބީއޯއައިގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ސްރީ ލަންކާގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އެއް ބިލިއަން ޑޮލަރާ ހަމައަށް އިންވެސްޓް ކުރާނެ ކަމަށް މިދިޔަ މަހު ވައުދުވި އިންޑިއާގެ ކުންފުނިން ކުއްލިގޮތަކަށް ވަކިވުމާ ގުޅިގެން ސަރުކާރުން އަދި ޖަވާބެއް ނުދޭ ކަމަށެވެ.
އަދާނީން ނެރުނު ބަޔާނެއްގައި ބުނީ ވައިން ހަކަތަ އުފައްދާ ޕްރޮޖެކްޓާއި ކަރަންޓް ޓްރާންސްމިޝަން ލައިންތައް ގާއިމުކުރުމުގެ އިތުރު ދެ ޕްރޮޖެކްޓަކުން ވެސް ވަކިވާން ނިންމާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ ސްރީ ލަންކާގައި އިންވެސްޓްކުރުމަށް އަދިވެސް އޮތީ ތައްޔާރަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ސަރުކާރާ ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އަދާނީން މި ޕްރޮޖެކްޓް ދޫކޮށްލީ މި އެއްބަސްވުމުގެ ދަށުން އަދާނީން ސަރުކާރަށް ހަކަތަ ވިއްކުމަށް ކަނޑައަޅާފައިވާ އަގާމެދު އަލުން މަޝްވަރާކުރުމަށް، އެކަމާ ގުޅޭ އެއްބަސްވުން އުވާލުމުންނެވެ. ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަގެ ޕާޓީން ބުނަމުން އަންނަނީ މިއީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.
އަދާނީން ބީއޯއައިއަށް އަންގާފައިވާ ގޮތުގައި ސްރީ ލަންކާގެ ހުޅަނގު އުތުރު އައްސޭރިފަށުގައި އެޅުމަށް ހަމަޖެހިފައިވާ 484 މެގަވޮޓްގެ ޕްލާންޓާ ގުޅޭ "ޕްރީ ޑިވެލޮޕްމަންޓް އެކްޓިވިޓީސް" އަށް ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރު ވެސް އެ ކުންފުނިން ވަނީ ހަރަދުކޮށްފަ އެވެ.
އެތަނުން ކިލޯވޮޓަކަށް 0.0826 އެމެރިކާ ޑޮލަރުގެ ރޭޓުން ކަރަންޓު ގަންނަން ލަންކާގެ ކުރީގެ ސަރުކާރުން 2024 ވަނަ އަހަރުގެ މެއި މަހުގެ ވަނީ އެއްބަސްވެފަ އެވެ. އެކަމަކު އެ ޕަވަ ކޮމްޕްލެކްސްގެ މަސައްކަތް އަދި ނުފަށަ އެވެ.
އަދާނީ އަކީ ލަންކާއަށް 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ އިނދަޖެހުމަށް ފަހު އެ ގައުމުގައި އިންވެސްޓްކުރި ބޭރުގެ ފުރަތަމަ ކުންފުންޏެވެ. އަދާނީގެ ކުންފުނިން ހުށަހަޅާފައިވާ 442 މިލިއަން ޑޮލަރުގެ ވިންޑް ޕަވާ ޕްލާންޓްތަކަށް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުއްދަ ދިން ނަމަވެސް ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ސަބަބުން އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
އޭޝިއާގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ އުމުރުން 62 އަހަރުގެ ގޯތަމް އަދާނީގެ ކުންފުނިތަކުން ފުޅާ ދާއިރާއެއްގައި، ވިޔަފާރި ބަނދަރުތަކާއި އެއާޕޯޓުތަކާއި އިޔާދަކުރެވެނިވި ހަކަތައިގެ ޕްރޮޖެކްޓްތައް ހިންގަ އެވެ. އެކަމަކު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އެ ކުންފުނީގެ މައްޗަށް ވަނީ ކޮށްފަ އެވެ. ލަންކާއިން ހަކަތައިގެ ޕްރޮޖެކްޓުގެ މައްސަލަ ވެސް މި ތުހުމަތުތުކާ ގުޅުވައި ވަނީ ބަލަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮބުވެތި
17 February 2025
އެއްވެސް އިންޑިޔާ ކުންފުޏަކާ އެކީ އުމްރާނީ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުފަށާތި. ކުރިއަށް އޮތް 50 އަހަރުގަވެސް ނުނިމޭނެ. މަމެން ގައުމުގަ ވެސް 0.5 ކިލޯމީޓަރުގެ ބުރިޖެއް ނޭޅިގެން އުޅޭތާ މިވަނީ 8 ވަރަކަށް އަހަރު. އަދި ކިރިޔާ ނިމުނީ %23
ހަކަތަ
17 February 2025
ރާއްޖޭގެ އީއީޒެޑުގެ ސޯލާ ބޮޑު ޕުރޮޖެކުޓު ހިންގަނީ އަނެއްކާ ކޮން ކުންފުންޏަކުންބާ