ރައްޔިތުންގެ މަޖިލީހާއި އައިޔޫއެމް ގުޅިގެން ކުރިއަށް ގެންދާ މަތީ ތައުލީމު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވާ ބައެއް މެންބަރުން އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް
18 ފެބުރުއަރީ 2025 - 11:52
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަތީ ތައުލީމު ދިނުމުގެ ޕްރޮގްރާމެއް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި މަޖިލީހުގެ އިދާރާއާ ގުޅިގެން ފަށަން ތައްޔާރުވެއްޖެ އެވެ.
މަޖިލީހުގެ އިދާރާ އިން އިއްޔެ ވަނީ މަޖިލިހުގެ މެމްބަރުންނަށް ޝަރީއާ އެންޑް ލޯ ގެ އެޑްވާންސް ސެޓްފިކެޓް ކޯހެއް ހިންގުމަށް އައިޔޫއެމްއާ އެކު ސޮއިކޮށްފަ އެވެ.
އެއް އަހަރު ދުވަހަށް ކިޔަވައިދޭ މި ކޯހުގައި މަޖިލީހުގެ 8 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޯހުގައި ބައިވެރިވެވަޑައިގަންނަވާ މަޖިލިހުގެ މެންބަރުންނާއި މަޖިލީހުގެ އިސްވެރިން އިއްޔެ އައިޔޫއެމްގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ދީފަ އެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މިފަދަ ކޯހެއް ބޭއްވުމުގެ ބޭނުމަކީ 20 ވަނަ މަޖިލީހަކީ މަތީ ތައުލީމު ހާސިލްކޮށްފައިވާ، ގާބިލް މެންބަރުންތަކެއް ތިބި މަޖިލީހަކަށް ހެދުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހާއި އައިޔޫއެމް ގުޅިގެން ކުރިއަށް ގެންދާ މަތީ ތައުލީމު ދިނުމުގެ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހަކީ އިލްމީ ގޮތުން މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެދިވަޑައިގެންނެވި ކަމެއްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވަނީ މެންބަރުންގެ ތައުލީމާ ގުޅޭ މިފަދަ ފުރުސަތެއް ފެށުމުގައި ރައީސް ބެހެއްޓެވި އިސްކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އަށް ކިޔަވައިދޭ ކޯހެއް ފެށުމުގެ އިދާރީ މަސައްކަތްތައް ވެސް އައިޔޫއެމްއާ ގުޅިގެން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެނޯ
20 February 2025
އަބްދުއްރަހީމް އެހެންމީހުނަށް ކިޔަވައިދޭންނޫޅެ އަމިއްލައަށް ކިއަވަން ވެއްޖެނުންތަ!
2000
20 February 2025
ތިޔަ މެމްބަރުންނަށް ކިޔަވައި ދީބަލަ ދޫރުސު އަޚުލާގު ކޯހެއް. އެހެރަ އަހަރަމެން ދާއިރާގެ މެމްބަރު ވެސް ކިޔޭ ނުކިޔޭ ނޭގެ ، ކޮންމެ ދުވަހުކު ނޫސްތަކުން ހެޑް ލައިން ހޯދަންވެގެން. އުލެނީ. ގްރޭޑް7 ވެސް ނުކިޔަވާ ރިސޯޓް ރޫމް ބޯއިއަކަށް ހުރެފައި ގެސްޓް ހައުސް ހިންގު. ކޮން ގާނޫނެއް އޭނާއަށް އެގޭނީ
ކަޑަކަޑަ
19 February 2025
އެއްޗެއް ނޭނގޭޗެއް ނޫން މައްސަލައަކީ ވިޔާނުދާ ބައެއް ވީމައި މައްސަލައަކީ އެއީކީ ކިޔަވައިދީގެން ރަނގަޅުވާނެ ކަމެއް ނޫން
ޓިނު
19 February 2025
ތިދައްކަނީ އެޑްވާންސް ކޯހެއްގެ ވާހަކަ އެހެންވީމާ ތިތަނު އެބަތިބި އެވަރުގެ ސެޓްފިކެޓެއްވެސްނެތް މީހުން.
އެންޑްރޫ
19 February 2025
މަބުނީ.. ފާސް ނުވާ މެމްބަރުންގެ ގޮނޑި ގެއްލެން ވާނެ. ފެންވަރު ނެތި މެމްބަރުކަމުގައި ގޮނޑިހޫނު ކުރަން އިނދެވިގެން ނުވާނެ
އިސް
19 February 2025
ޕީޢެޗްޑީ އަށް ކިޔަވަ ދޭންވީނު، ކޯސް ނިމިގެން މިއަންނަ ދައުރަށް ނުހޮވޭނެ
ދީބު
19 February 2025
މިއީ ކިޔަވަން ހޮވި ބައެއްތަ؟ މަޖިލީހުގެ މެމްބަރަކު ގާނޫނީދާއިރާއިން ޑިގްރީއެއް އޮންނަންޖެހޭކަމަށް ދެކެންޔާ އެގޮތަށް ޝަރުތު ކަނޑައަޅާ ފާސްކޮށްބަލަ. ރައްޔިތުންގެ ވަގުތާއި ފައިސާއާއި ވަސީލަތްތައް އިސްރާފުކުރުން ހުއްޓާލައި ހަވާކުރެވިފައިވާ މަސްޢޫލިއްޔަތު އަދާކުރައްވާ.
ފެންވަރު
19 February 2025
އެ ފެންވަރުގެ ބޭފުޅުންނަށް ނޫނީ މަޖިލިހަށް ނުވޭގޮތް ހައްދަވައިދެއްވާ، ތިޔަ ހަރަދުވެސް ސަމާލަތްކޮށްދެއްވާ. އެއަށްވުރެ މާ އުނދަގޫ ކަންކަންވެސް އެއްދުވަސް ތެރޭ ނިންމަވަނީ ނޫންތޯ؟
ހެޔޮނުވާނެ
19 February 2025
ތައުލީމުށް ދިޔާނާ ކިޔަވައިދޭތި !!!
ސޯ،
19 February 2025
ކަލޯ ބަރާ ބަރޭ ބުނެވޭނީ! ގުރޭޑު 1 ން ފެށިގެން ކިޔަވާދޭ ގޮތަށް ސްކޫލަކަށް ބަދަލުކުރުމަށް ފަހު އެޑިޔުކޭޝަނާއި ތަން ހަވާލު ކުރީމާ ކަރުކިޔުލަމަށް ހުންނާނީ ކިޔެވިފައި،