އޭސީ މިލާނުގެ ސެންޓިއާގޯ ހިމެނޭޒް (ވ) އަތުން ބޯޅަ ހޯދަން ފެޔަނޫޑްގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެއެފްޕީ
19 ފެބުރުއަރީ 2025 - 11:06
ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ޕްލޭއޮފުން އިޓަލީގެ އޭސީ މިލާނާއި، އެޓަލާންޓާ ރޭ ކަޓައިފި އެވެ.
މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ މިލާން ކެޓީ ރޭ ނެދަލެންޑްސްގެ ފެޔަނޫޑާ 1-1 އިން އެއްވަރުވެ، ދެ ލެގުގެ އެގްރިގޭޓުން 2-1 އިން ފެޔަނޫޑް ކުރި ހޯދުމުންނެވެ.
މިދިޔަ ސީޒަނުގެ ޔުރޮޕާ ލީގު ކާމިޔާބުކުރި އެޓަލާންޓާ ކެޓީ ބެލްޖިއަމްގެ ކްލަބް ބްރުގާ އަތުން 3-1 އިން ބަލިވެގެންނެވެ. ދެ ލެގުގެ އެގްރިގޭޓުން ބްރުގާ ކުރި ހޯދީ 5-2 އިންނެވެ.
ފެޔަނޫޑް އަތުން ފުރަތަމަ ލެގުން 1-0 އިން ބަލިވެފައި އޮތުމުން ރޭ މިލާނުން އަމިއްލަ ދަނޑުގައި ނުކުތީ އެއަށް ވުރެ ބޮޑު ތަފާތަކުން މޮޅުވުމުގެ އަމާޒުގަ އެވެ. އެކަން ހާސިލްވާނެ ކަމަށް ބެލެވުނީ ފުރަތަމަ މިނެޓުގައި އެ ޓީމުން ގޯލެއް ޖެހުމުންނެވެ. މި ލަނޑު ވައްދާލީ ފެޔަނޫޑުން ދާދި ފަހުން މިލާނަށް ބަދަލުވި މެކްސިކޯ ފޯވާޑް ސެންޓިއާގޯ ހިމެނޭޒް އެވެ.
އޭގެ ފަހުން ވެސް މިލާނުން މެޗު ކޮންޓްރޯލްކޮށް އިތުރު ގޯލްތަކެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެކަމަކު ދެ ވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ތެއޯ ހެނާންޑޭޒް ޑައިވްކުރުމުން ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުން އުނދަގުލާ ކުރިމަތިވި އެވެ. އޭގެ ފައިދާ ނަގައި ފެޔަނޫޑްގެ ހޫލިއަން ކަރަންޒާ 73 ވަނަ މިނެޓުގައި ގޯލް ޖަހައި އެ ޓީމު ގަދަ 16 ޓީމުގެ ބުރަށް ގެންދިޔަ އެވެ. އެ ބުރުގައި ފެޔަނޫޑް ވާދަކުރަން ޖެހޭނީ އިޓަލީގެ އިންޓަ މިލާން ނުވަތަ އިންގްލެންޑުގެ އާސެނަލްއާ އެވެ.
އެޓަލާންޓާ އިން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި، ރަނގަޅަށް ގޭމަށް ނުވަދެވެނީސް ބްރުގާގެ ޝެމްސްޑިން ޓަބްލީ، ތިން ވަނަ މިނެޓުގައި ލީޑު ނެގި އެވެ. އަދި 27 ވަނަ މިނެޓުގައި އޭނާ ލީޑު ފުޅާކޮށްދިނެވެ. އެ ޓީމުގެ ތިން ވަނަ ގޯލް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ފެރަން ޖުޓްގްލާ އެވެ. އެޓަލާންޓާގެ އަޑެމޯލާ ލުކްމަން ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ގޯލް ޖަހައި ތަފާތު ކުޑަކުރި ނަމަވެސް، އެ ޓީމަށް ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy