19 ފެބުރުއަރީ 2025 - 10:58
މެޑްރިޑް (ފެބްރުއަރީ 19) – ރެއާލް މެޑްރިޑުން ޝަކުވާ ހުށަހެޅި ރެފްރީ ހޯޒޭ ލުއިސް މުނުއޭރޯ މޮންޓްރެއާއޯގެ އެހެން މައްސަލައެއް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ތަހްގީގު ކުރަން ފަށައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ލަލީލާގައި އޮސަސޫނާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި އެ ޓީމުގެ ޖޫޑް ބެލިންހަމް ބޭއަދަބީ ބަހެއް ބުނެގެން މުނުއޭރާ ވަނީ އޭނާ އަށް ރަތް ކާޑް ދައްކައިފަ އެވެ.
ބެލިންހަމް އާއި ރެއާލުން ބުނަނީ އޭނާ ބޭއަދަބީ ބަސް ރައްދު ކުރީ ރެފްރީ މުނުއޭރާ އަށް ނޫން ކަމަށެވެ. ބެލިންހަމް އިނގިރޭސިން ބުނި ބަސް މުނުއޭރާ އަށް ނުބައިކޮށް މާނަކުރެވުނީ ކަމަށް ބުނެ ރެއާލުން މައްސަލަ ހުށަހެޅި އެވެ.
އެކަމަކު ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން ބަލަނީ އެ މައްސަލައެއް ނޫނެވެ. މުނުއޭރާއާ ގުޅޭ ގޮތުން މައްސަލަ ބަލަނީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކާ ފުޓްބޯޅަ ކްލަބްތަކާއި ފުޓްބޯޅަ އިދާރާތަކާ ގުޅުން އޮތް މައްސަލައެކެވެ.
މުނުއޭރާގެ ހިއްސާ އޮންނަ ޓެލެންޓަސް ސްޕޯޓްސް ސްޕީކާސް ކުންފުންޏާއި ސްޕެއިންގެ ބައެއް ކްލަބްތައް އަދި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނާއި ލަލީގާ އާއި ޔޫއެފާއާ ވިޔަފާރީގެ ގުޅުން އޮންނަ ކަމަށް ބުނެ ސްޕެއިންގެ މީޑިއާތަކުން އިއްޔެ ރިޕޯޓްތައް ފެތުރި އެވެ.
އެ ވާހަކަތައް މީޑިއާގައި ތިލަވުމުން އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި މުނުއޭރާ ބުނީ އޭނާގެ ކުންފުންޏާއި ކުޅިވަރުގެ އެއްވެސް އިދާރާއަކާ ގުޅުމެއް ނެތް ކަމަށެވެ. އަދި އޭނާ އާއި އެ ކުންފުންޏާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ފަތުރާނަމަ ދައުވާ ކުރާނެ ކަމަށް ވެސް އޭނާގެ ޕޯސްޓްގައި ބުނެފައި ވެއެވެ.
"ކުންފުނި އުފެއްދިތަން އަހަރެއް ވެސް ނުވޭ. އެ ކުންފުންޏާކީ ލިންކްޑެން ޕޯޓަލްގައި ހުރި ވަޒީފާތައް ޒުވާނުންނަށް ހޯދައި ދިނުމަށް އެހީވެދޭ ކުންފުންޏެއް. ހާއްސަކޮށް ޔުނިވަސިޓީތަކުން ދަސްވެނިވާ ދަރިވަރުންގެ ތެރެއިން ފުރަތަމަ ފަހަރަށް ވަޒީފާ އަށް ނުކުންނަ ޒުވާނުންނަށް ލިންކްޑެންގައި ހުރި ވަޒީފާތަކަށް ކުރިމަތިލާން ފަހިކޮށްދިނުމުގެ މަގްސަދުގައި ހަރަކާތްތެރިވާ ކުންފުންޏެއް،" މުނުއޭރާ ލިޔެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy