20 ފެބުރުއަރީ 2025 - 08:42
އިޓަލީގެ ޔުވެންޓަސް ކޮޅަށް އިތުރު ވަގުތުގައި ޖެހި ގޯލާ އެކު 3-1 އިން މޮޅުވެ، އެގްރިގޭޓުން 4-3 އިން ކުރި ހޯދައި ނެދަލެންޑްސްގެ ޗެމްޕިއަން ޕީއެސްވީ އެއިންދޯވެން އިން ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުން ރޭ ޖާގަ ހޯދައިފި އެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމު ކާމިޔާބުކުރީ 2-1 އިންނެވެ. އެހެންވެ ރޭ ޕީއެސްވީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-1 އިން ކުރީގައި އޮތުމުން ދެ ޓީމު އެގްރިގޭޓުން އޮތީ އެއްވަރުކޮށެވެ. ޕީއެސްވީ މޮޅުވީ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި ރިޔަން ފްލިމެންގޯ ޖެހި ގޯލުންނެވެ.
ރޭގެ މެޗުގައި ޕީއެސްވީގެ ފުރަތަމަ ގޯލް ޖެހީ ތަޖުރިބާކާރު ފޯވާޑް އިވާން ޕެރިސިޗް އެވެ. އޭގެ ފަހުން ޔުވެންޓަސްގެ ތިމޮތީ ވެއާ އެއްވަރުކުރި އެވެ. ޕީއެސްވީން އެގްރިގޭޓުން ހަމަހަމަކުރީ އިސްމާއިލް ސަލިބަރީ ޖެހި ގޯލުންނެވެ.
ގަދަ 16 ޓީމުގެ ބުރުގައި ޕީއެސްވީ ވާދަކުރަން ޖެހޭނީ އިޓަލީގެ އިންޓަ މިލާން ނުވަތަ އިންގްލެންޑުގެ އާސެނަލްއާ އެވެ.
ރޭ ޔުވެންޓަސް ކެޓުމުން މުބާރާތުގައި ބާކީ އޮތް އިޓަލީގެ ހަމައެކަނި ޓީމަކީ އިންޓަ އެވެ. އެ ޓީމު ގަދަ 16 ޓީމު ބުރަށް ދިޔައީ ލީގު ބުރުގެ ގަދަ 8 ޓީމުގައި ހިމެނިގެން އޮޓޮމެޓިކުންނެވެ.
އިޓަލީ ޓީމުތަކުގެ ތެރެއިން އޭސީ މިލާން ކަޓުވާލީ ވެސް ނެދަލެންޑްސްގެ ޓީމެއް ކަމަށްވާ ފެޔަނޫޑެވެ. އެޓަލާންޓާ ކެޓީ ބެލްޖިއަމްގެ ކްލަބް ބްރުގާ އަތުންނެވެ. އިޓަލީގެ ބޮލޯނިއާ ކެޓީ ލީގު ބުރުންނެވެ.
ޔުވެންޓަސްގެ ކޯޗު ތިއާގޯ މޮޓާ ބުނީ ފުރަތަމަ ހާފުގައި މެޗު އޮތީ އޭނާގެ ޓީމުގެ ކޮންޓްރޯލުގެ ދަށުގައި ކަމަށާއި، އެކަމަކު މި ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރަން ބޭނުން ނަމަ މިއަށް ވުރެ ރަނގަޅުވާން ޖެހޭ ކަމަށެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ޕީއެސްޖީ ވަނީ އެ ޓީމުގެ ބްރެސްޓް އަތުން 7-0 އިން މޮޅުވެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފަ އެވެ. ފުރަތަމަ ލެގު ޕީއެސްޖީ 3-0 އިން ކާމިޔާބުކޮށްފައިވާތީ އެގްރިގޭޓުން ކުރި ލިބުނީ 10-0 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރެސްޓް
20 February 2025
ބްރެސްޓާ ކުޅެ 7-0ން މޮޅުވީ! ބްރެސްޓާ ކުޅެވުންވެސް އެއީ މޮޅެއް އަސްލު.