ޗާންދަނީ މަގުގައި ހުންނަ ޑޮލަރު މާރުކުރާ ފިހާރައެއް -- ފޮޓޯ: މިހާރު
20 ފެބުރުއަރީ 2025 - 10:32
ޑޮލަރު ވިއްކުމުގެ ލައިސަންސް ހޯދުމަށް 98 ފަރާތަކުން ހުށަހަޅާފައިވާ އިރު އަދި އެއްވެސް ފަރާތަކަށް މިހާތަނަށް ލައިސަންސް ދޫނުކުރާ ކަމަށް އެމްއެމްއޭ އިން މިއަދު ބުންޏެވެ.
މަރުކަޒީ ބޭންކުން ބުނީ، އެ ފަރާތްތަކުގެ އެފްލިކޭޝަން ޕްރޮސެސް ކުރުމަށް ވަގުތު ނަގަނީ، އެކަން ކުރުމުގައި ބަލަން ޖެހޭ މިންގަނޑުތައް ފުރިހަމަ ކުރުމަށް ކަމަށެވެ. އެކަމަކު، އަވަސް މުއްދަތެއްގެ ތެރޭގައި އެ ޕްރޮސެސް ނިންމާލެވޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މަނީ ޗޭންޖު ލައިސަންސް ހޯދަން އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 50 ފަރާތަކީ ކުރިން ވެސް އެ އެ ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތްތަކެވެ.
އާ މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދުގެ ދަށުން މުއްދަތު ހަމަވި ލައިސަންސަށް އެދި ހުށަނާޅާތީ ކުރިން ދީފައި ހުރި 163 ލައިސަންސެއް އެމްއެމްއޭ އިން ބާތިލްކުރި އެވެ. އޭރު އެމްއެމްއޭ އިން ވަނީ 212 ފަރާތަކަށް މަނީ ޗޭންޖިން ވިޔަފާރި ކުރުމުގެ ހުއްދަދީފަ އެވެ.
އެމްއެމްއޭ އިން މިއަދު ވަނީ ބޭރު ފައިސާއާބެހޭ އާންމު ގަވާއިދަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް ހުޅުވާލައިފި އެވެ. އެމްއެމްއޭ އިން ބުނީ، އޭގެ ބޭނުމަކީ ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރުމާއި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމާއި އަދި އެ ކަމާ ގުޅުން ހުރި އެހެނިހެން ކަންކަމާ ބެހޭ އުސޫލުތަކާއި އިޖުރާއަތު ކަނޑައެޅުން ކަމަށެވެ.
މަނީ ޗޭންޖަރުންގެ ގޮތުގައި ލައިސަންސް ހޯދަން ބޭނުންވާ ފަރާތްތަކަށް ދެ ޓިއައެއްގެ ދަށުން ލައިސަންސަށް އެދި ހުށަހެޅޭނެ އެވެ. ޓިއަ 1 އަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސެވެ. ޓިއަ 2 އަކީ ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސެންސެވެ. ޓިއަ 1 ގެ ދަށުން އެޕްލިކޭޝަން ފީގެ ގޮތުގައި 20،000ރ. ދައްކަން ޖެހެ އެވެ. ލައިސަންސް އަހަރީ ފީއަކީ 24،000ރ. އެވެ. ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތް ކުރެވޭނީ 50،000ރ. ނުވަތަ އެ އަށް ޖެހޭ ބޭރު ފައިސާގެ އަދަދަކަށް ވާން ޖެހޭނެ އެވެ.
ޓިއަ 2 ގައި ހިމެނެން ޖެހޭނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓް ރިސޯޓު ހިންގަން ހުއްދަ ނުވަތަ ލައިސަންސް ލިބިފައިވާ ކުންފުނިތަކަށެވެ. ޓިއަ 2 ގެ ދަށުން ލައިސަންސް އެޕްލިކޭޝަން ފީގެ ގޮތުގައި ދައްކަން ޖެހޭނީ 1،300 ޑޮލަރެވެ. ލައިސަންސް އަހަރީ ފީގެ ގޮތުގައި 1،800 ޑޮލަރެވެ. ޓިއަ 2 ގައި ހިމެނޭ ފަރާތްތަކުން ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަން ވާނީ ބޭންކެއް މެދުވެރިކޮށް ނުވަތަ ޓިއަ 1 ގައި ހިމެނޭ ފަރާތަކާ އެކު އެވެ. އެ ކެޓަގަރީގެ ދަށުން ލައިސެންސް ހޯދާ ފަރާތަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50،000 ޑޮލަރު ބަހައްޓަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅު ބާޒާރު ސައުދާގަރު
21 February 2025
އެއްވެސް ފަރާތަކަށް ފައިސާ މާރު ކުރުމުގެ ލައިސަންސު ދޫކުރާނެ ކަމެއްނެތް. ކަޅު ބާޒާރުގައި ޑޮލަރު ކޮންޓްރޯލް ހުއްޓޭނެ. .. ކުރީ ސަރުކާރުގައި ވެސް އެކަން ކުރި ގޮތަށް ކުރޭ ލައިސަންސު ދޫ ނުކޮށް ވައިބަރ ގުރޫޕު މެދުވެރިކޮށް ކަޅު ބާޒާރު އޮލަކުރޭ..
އިހްސާސް
20 February 2025
މަޖީދީމަގު ސްޓާރ ކުލައުޑު ކުރިމަތީ ހުންނަ މަނީ ޗޭންޖަރުން މިހާރުވެސް ޑޮލަރު ބޮޑުކޮށް މާރުކުރެވޭ.. އެކަމަކު އެމްއެމްއޭ އަށް ވަރިހަމަ. ކީއްކުރަން ދޭ ލައިސެންސެއް ބާތިޔައީ؟
ފޮނިފޮނިޓައްޕު ކުމާރު
20 February 2025
މަނީޗޭންޖަރުންނަކީ ގަވައިދާއެއްގޮތަށް ގަވައިދާޚިލާފުވާ މީހުންތޯ؟ އެންމެންނަށްވެސް އެނގޭ އެމީހުން ޑޮލަރު ވިއްކަނީ ކަޅުބާޒާރު އަގުގާކަން. ދެން އެޅޭނެ ފިޔަވަޅެއްނެތް. ދެން ކޮންމެސް މިނިސްޓަރަކު އަރާ ވަރުގަދަ ކަރައެއް ފަޅާލީމާ އެކަން އެނިމުނީ.
ފޫހި
20 February 2025
ބޭރުފައިސާ ގަނެވިއްކުމުގެ އެއްވެސް މަސައްކަތެއްގައި ބިދޭސީންނަށް އުޅެވޭގޮތަށް ލައިސަންސް ދިނުމަކީ ނުރައްކާތެރިކަމެއް. ރާއްޖޭގައި ބޭރުފައިސާ ގަނެވިއްކުމުގެ ހުރިހާ މަސައްކަތެއްގައި އުޅެވެންޖެހޭނީ ދިވެހިންނަށް. މިކަމަށް ވިސްނާފަ ހުއްދަ ދެއްވާތި. އަދި ސަރުކާރުން ކަނޑައަޅާފަ އޮންނަ ރޭޓަށްވުރެ ބޮޑު ރޭޓުން ޑޮލަރ ގަނެވިއްކާނަމަ ހަރުކަށިފިޔަވަޅު އަޅަންވާނެ.