އޮޒިލް އާއި ތުރުކީގެ ރައީސް އުރުދުޣާން.-- ފޮޓޯ: އޭއެފްޕީ
24 ފެބުރުއަރީ 2025 - 09:49
ޖަރުމަނުގެ ވޯލްޑް ކަޕް ލެޖެންޑް ކުރީގެ މިޑްފީލްޑަރު މެސުޓް އޮޒިލް، ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާނާ އެކު ސިޔާސީ ދާއިރާ އަށް ނުކުމެއްޖެ އެވެ.
މާޗް 2023 ފުޓްބޯޅަ ކުޅުން ހުއްޓާލި އޮޒިލް ވަނީ 2014 ގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ޖަރުމަނަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ޖަރުމަނުގެ ގައުމީ ޓީމަށް އޭނާ ކުޅުން ހުއްޓާލީ 2018 ގެ ވޯލްޑް ކަޕްގަ އެވެ.
އުރުދުޣާން ޗެއާމަންކަން ކުރައްވާ ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އާކް ޕާޓީ) ގެ މަރުކަޒީ މަޖިލީހަށް އޮޒިލް ހޮވުނުކަމަށް އެ ޕާޓީން އިއްޔެ އިއުލާން ކުރި އެވެ. އެ ޕާޓީން އިއްޔެ ވަނީ ކޮންގްރެސް ބާއްވައި މަގާމުތައް މީހުން އިންތިހާބުކޮށްފަ އެވެ.
ތުރުކީގައި 2002 ފެށިގެން ވެރިކަން ކުރަމުން އަންނަ ކޮންޒަވޭޓިވް ފިކުރުގެ އާކް ޕާޓީގެ ޗެއާޕާސަން ކަމަށް ނުވަވަނަ ފަހަރަށް އުރުދުޣާން ވަނީ އިންތިހާބުކޮށްފަ އެވެ.
އޮޒިލް އަކީ ތުރުކީ ދަރިކޮޅު ޖަރުމަނުގެ ރައްޔިތެކެވެ. ޖަރުމަނުގެ ސިނާއީ ދާއިރާގައި މަސައްކަތް ކުރަން ތުރުކީ ދޫކޮށް ޖަރުމަނުގައި ވަޒަންވެރިވީ އޮޒިލްގެ ކާފަ އެވެ. އޭގެ ފަހުން އޭނާ އާއިލާ ބިނާކޮށް ޖަރުމަނުގެ ރައްޔިތުކަން ހޯދި އެވެ. އޮޒިލްގެ ބައްޕަ ވެސް އުފަންވީ ޖަރުމަނުގަ އެވެ.
އޮޒިލްގެ ކައިވެނި ހަފްލާގައި އުރުދުޣާން.-- ފޮޓޯ: އޭއެފްޕީ
ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ޖަރުމަނުގެ އިލްކާއި ގުއެންޑޮއާން އާއި އެކު އޮޒިލް އަދި އުރުދުޣާން ނަގާފައިވާ ފޮޓޯއަކާ ގުޅިގެން ދެ ގައުމުގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވެސް އުފެދުނެވެ. މި ފޮޓޯއާ ގުޅިގެން ޖަރުމަނުގެ ކަނާތު ފިޔައިގެ ހަރުކަށި ސިޔާސީ ޕާޓީން އޮޒިލް އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އޮޒިލް ނިންމީ ވެސް އެ ފާޑުކިޔުންތައް އަމާޒުވުމުންނެވެ. އަދި އޭނާ އަކީ ތުރުކީ ދަރިކޮޅު މީހަކަށް ވުމުން އޭނާއާ މެދު ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ތަފާތު ކުރުން ގެންގުޅޭ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
"އަހަރެމެން [ޖަރުމަނުގެ ގައުމީ ޓީމު] މޮޅުވެއްޖެއްޔާ އަހަންނަކީ ޖަރުމަނު މީހެއް. އަހަރެމެން ބަލިވެއްޖެއްޔާ އަހަރެން ވަނީ ތުރުކީ މީހަކަށް،" އޭނާ އާ މެދު ތަފާތުކުރުން ގެންގުޅޭކަން ހާމަ ކުރުމުގެ ގޮތުން އޮޒިލް ބުނެފައި ވެ އެވެ.
އުރުދުޣާން އޮޒިލްއާ ގާތް ގުޅުމެއް އޮންނަތާ ހަތް އަހަރުވެއްޖެ އެވެ. ޖޫން 2019 ގައި ކުރީގެ މިސް ތުރުކީ އަމީން ގުލްސޭއާ އޮޒިލް ކައިވެނި ކުރުމަށް ބޭއްވި ހަފްލާގައި ވެސް އޮޒިލްގެ "ގާތް މީހެއްގެ" ގޮތުގައި އުރުދުޣާން ބައިވެރިވެ ވަޑައިގެންނެވި އެވެ. އުރުދުޣާނާ ގާތްގުޅުމެއް އުފެދުނު ފަހުން އޮޒިލް ފާހަގަ ކުރެވިފައި ވަނީ ފަލަސްތީނުގެ މައްސަލަ އާއި މުސްލިމުންނާ ގުޅޭ މައްސަލަތަކުގައި އަޑު އުފުލުމުގައި މަޝްހޫރު މީހެއްގެ ގޮތުގަ އެވެ.
އޭނާގެ ކުރީގެ ކްލަބް އާސެނަލްއިން އޭނާ ބޭރުކޮށްލީ ވެސް ޗައިނާގެ އުއިގަރު މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގާ ކަންތައްތަކާ ދެކޮޅަށް އަޑު އުފުލުމުން އެ ކްލަބަށް ކުރިމަތިވި ޕްރެޝަރުތަކާ ހެދި އެވެ. ޗައިނާއާ ދެކޮޅަށް އޮޒިލް އަޑު އުފުލިކަމަށް ބުނެ އެ ގައުމުގެ ކުންފުނިތަކުން އާސެނަލްއާ އެކު ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުންތައް ބާތިލުކުރުމާ ހަމައަށް ވެސް ދިޔަކަމަށް އޭރު މީީޑިއާތަކުން ރިޕޯޓް ކުރި އެވެ.
އެ ކްލަބުން އޭނާ ބޭރުކޮށްލުމުން އޮޒިލްގެ އަތުގައި ހިފީ ތުރުކީގެ އެންމެ ކާމިޔާބު ކްލަބް ފެނަބާޗޭއިންނެނެވެ. އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ އިސްތަންބޫލް ބަސަކްޝިއާ އަށް އެއް އަހަރު ކުޅުމަށް ފަހު އެވެ. ބަސަކްޝިއާއަކީ އާކް ޕާޓީއާ ގުޅުން އޮންނަ ކްލަބެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީރިތި
24 February 2025
އޮޒިލް މުސްލިމުންގެ މައްސަލަތަކުގާ އަޑުއުފުލާތީ އުފާވޭ. އެކަމަކު އެހެން ކައިވެންޏެއް ދެން ކުރަންޏާ އަނބީގެ ހެދުމަށް ކުޑަކޮށް ބަލާލާތި.
އޮޒިލް
24 February 2025
ޝުކުރިއްޔާ ތިޔަ ދެއްވި ތަރުހީބަަށް. އާދެ، ދެވަނަ ކައިވެންޏެއް ކުރަން އެބަ ވިސްނަން. ހެދުން ރަނގަޅު ކޮށްލަން ބުނެލާނަން މިފަހަރު ޔަގީނުންވެސް، ޑޯންޓް ވޮރީ މައި ފްރެންޑް.