މޮޑްރިޗް ރެއާލް މެޑްރިޑަށް ގޯލު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
24 ފެބުރުއަރީ 2025 - 09:55
ރެއާލް މެޑްރިޑްގެ ކެޕްޓަން ލޫކާ މޮޑްރިޗް، 39، އަކީ ފުޓްބޯޅައަށް ލިބުނު އަގުހުރި ހަދިޔާއެއް ކަމަށް އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ރެއާލް މެޑްރިޑުން ރޭ 2-0 އިން ޖިރޯނާ ބަލިކުރި މެޗުގައި މޮޑްރިޗް ވަނީ މޮޅު ކުޅުމެއް ދެއްކި އެވެ. އޭނާ ރެއާލަަށް ލީޑް ނަގައި ދިނީ އޭރިއާގެ ބޭރުން ފޮނުވާލި ބާރުބޯޅަ ގޯލްގެ މަތީކަނަށް ވައްދާލައިގެންނެވެ. އެ މޮޅު ގޯލަށް ސޯޝަލް މީޑީއާގައި ގިނަ ބަޔަކު އޭނާ އަށް ތައުރީފު ކުރި އެވެ.
"އޭނާ އަކީ ފުޓްބޯޅައަށް ލިބިފައި ހުރި ހަދިޔާއެއް. އޭނާ މި ކްލަބުގައި ހުންނަން ބޭނުންވާހާ ދުވަހަކު ދެމި ހުރެވެންޖެހޭނެ އަހަރެން ދެކޭގޮތުގައި،" މޮޑްރިޗް ކްލަބުގައި ބަހައްޓަން ކްލަބުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އިޝާރާތް ކުރަމުން އަންޗެލޮޓީ ބުންޏެވެ.
މެޗުގެ ފަހުކޮޅުގައި ރެއާލްގެ ދެވަނަ ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޑޭވިޑް އަލަބާ ވަނީ 14 މަސް ފަހުން ފުރަތަމަ ފަހަރަށް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ.
މިއީ އެންމެ ފަހުން ރެއާލް މެޑްރިޑް ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި ފުރަތަމަ މޮޅެވެ. ކުރީ ދެ މެޗު އެއްވަރު ވެގެން ނިމުނު އިރު، އޭގެ ކުރީ މެޗުން ވަނީ ބަލިވެފަ އެވެ.
މި ނަތީޖާއާ އެކު ރެއާލާއި އެއްވަނައިގައި އޮތް ބާސެލޯނާ އަދިވެސް އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފަ އެވެ. ދެ ޓީމަށް ވެސް ވަނީ 25 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ.
ބާސެލޯނާ ވަނީ ހޮނިހިރު ދުވަހުގެ ރޭ ލާސް ޕާމާސް އާ ވާދަކޮށް ރަށުން ބޭރުގައި 2-0 އިން މޮޅުވެފަ އެވެ. ބާސެލޯނާގެ ލަނޑުތައް ޖަހައިދިނީ ޑެނީ އޮލްމޯ އާއި ފެރާން ޓޮރޭޒް އެވެ.
ތިންވަނައިގައި އޮތީ 53 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑެވެ. އެޓީމު ވަނީ 3-0 އިން ވެލެންސިއާ ބަލިކޮށްފަ އެވެ. މި މެޗުގައި ހޫލިއަން އަލްވަރޭޒް ވަނީ ދެ ގޯލު ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަރުމަނު ޖޯހިމު
24 February 2025
cr7 އާއި މޮޑްރިޗް ދުވަހަކުވެސް ސްޕެނިޝްލީގު އަދި ރެއާލްމެޑްރިޑްގެ ތާރީހުން ފޮހެވިގެން ނުދާނެ.