ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ - ފޮޓޯ: މަޖިލިސް
24 ފެބުރުއަރީ 2025 - 11:18
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މިނިވަންކަމާއެކުގައި ކަމަށާއި އެއްވެސް ބައެއްގެ ހުރަހެއް ނެތް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް އެހެން ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ މައްސަލާގައި މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.
އެ ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއިލް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައި އޮތް ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވައިފަ އެވެ.
ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް، މީކާއިލްގެ ކިބައިން އެދިވަޑައިގަތީ އެ ވަގުތު މަޖިލީހަށް ހުށަހަޅާފައި އޮތް ރިޕޯޓަށް ވާހަކަ ދެއްކެވުމަށެވެ. އެކަމަަށް ބާރު އަޅުއްވައި މީކާއިލަށް މަޖިލިހުގެ ރައީސް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގަތެވެ.
ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ، މީކާއިލް ދައްކަވަމުން ގެންދެވި ވާހަކަ މެދުކަނޑާލުމާ ގުޅިގެން އޭނާ ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މަޖިލީހުގައި އިންނެވީ "ބަޑި ބައިންދާފައި އިން މަޖިލީހުގެ ރައީސެއް" ކަމަށް ވިދާޅުވެފަ އެވެ.
އެކަމަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ މަނިކުފާނުގެ ސިއްހީ ހާލަތާއި ދިރިއުޅުމުގެ ހާލަތު އަދި އެ ނޫން ވެސް ހާލަތެއް މީކާއިލަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިންނެވި އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކުގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު މި އިނީ މިނިވަންކަމާ އެކު މި ގޮނޑީގައި. އަޅުގަނޑު މި ގޮނޑިއަށް އިންތިހާބު ކޮށްދެއްވީ މި މަޖިލީހުގެ މެންބަރުން. އަޅުގަނޑަކަށް އެއްވެސް ހުރަހެއް މި ތާނގައި އޮތް ކަމަކަށް ނެތް،" ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް މީކާއިލަށް އިލްތިމާސް ކުރައްވައިފަ އެވެ.
މަޖިލިސް ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ، ސަރުކާރުން މަޖިލީހުގެ ރައީސްގެ ދަރިކަލުން އިބްރާހިމް ފައިސަލާއި އާއިލާއަށް ހަދަމުން ދާ ގޮތް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުން އުޅެނީ މަޖިލީހުގެ ރައީސާއި މަޖިލީހުގެ އަޑު ކަނޑުވާލުމަށް ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައިވާ ބިލަކީ ނުފޫޒު ފޯރުވުން ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވިގޮތުގައި، މަޖިލީހަށް ބިލެއް ހުށަހެޅުމަކީ މަޖިލިސް ހަތިޔާރަކަށް ބޭނުން ކުރުމެެއް ނޫނެވެ. އެއީ މަޖިލީހުގެ ބާރު ކަނޑުވާލުން ވެސް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމެއް ނޫން. ރައްޔިތުންގެ މަޖިލީހަކީ މުތުލަގަށް ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެނެސް ހަދާ ގާނޫނުތައް އިސްލާހު ކުރުމުގެ ބާރު އޮންނަ މަޖިލީހެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ގާނޫނުއަސާސީ އަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދަނިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު ވަނީ މަޖިލިހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. ބިލްގައިވާ ގޮތުން އެ ބިލް ހުށަހެޅުއްވީ އެ މެމްބަރުގެ އަމިއްލަ ބިލެއްގެ ގޮތުގަ އެވެ.
އެއީ ނުފޫޒު ފޯރުވުން ކަމަށް ވިދާޅުވެ، މީކާއިލް މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ވެސް ރިޔާސަތުން މިއަދު ބަލައެއް ނުގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްތަފާ ކަރީމް
25 February 2025
ރައީސް މުއިއްޒް ނުކުރާނެ މިކަހަލަ ކަންކަން. ނުފޫޒް ނުފޯރުވާނެ
ނަސޫ
24 February 2025
ކަލޭ ތިހިރީ އެކަނިވެފަ ބިރުންތިހުންނީ އާއިލާ އެންމެން ވަޒީފާތަކުން ވަކިކޮށްފަ ގެއަށް ފޮނުވާފަ އޮންނާނީ.
އދރމ
24 February 2025
ތިހެން ބުނާ އިރު ވެސް އަމިއްލަ ނަފްސަށް އެނގޭނެ މަޖުބޫރު ވެފަކަން. މިނިވަން މި ބަހުގެ މާނަ ބަދަލުކުރަން ޖެހިފައި މިވަނީ މިހާރު
ގާދިރު
24 February 2025
އެބުނާހެން އެހުރީ ބާރުގަ ލެވިފާ......... ލޮލް
ހައްޖަ.
24 February 2025
އަގަފެޅީމަ ތިތާގަ ނީދެވޭނެ.ދެން ހަމަ ހިމަ ވެފަ އިންނަން ޖެހެނީ.ބޮޑޭވާނެ ކަމެއް ނެތް.
ބޮކިފުރާޅު ޢީސާ
24 February 2025
އަޅުގަނޑަށް ފުރަތަމަ ސުރުޚީ ކިޔާލެވުނީ މިފަދައިން "އަބްދުއްރަހީމް ރައްދުން: ގޮނޑީގައި މިއިނީ މިނިވަންކަމާ އެކު، ހުރަހެއް ނެތް!" އާނ އެހެންތާ ވާނީވެސް. ބައެއް މީހުން އޭނާއަށް މުރައިދޫ ގަނޑުވަރު ރަދުންގެ ނަމުންވެސް މުޚާތަބުކުރޭވިއްޔަ.
އެނގެޔޭ
24 February 2025
ނުބުންޏަސް ބުއްދި ސަލާމަތުންހުރި ކޮންމެ މީހަކަށް އެކަން އެނގޭނެ. އެހެން ނޫންނަމަ ތިހެން ބުނަންވެސް ނުޖެހުނީތާ
އެ ދުވަހު
24 February 2025
އިޝާރާާތަށް އާދެ މަސާހިބު ކިޔައިފަ، ބޭރު ކުރީ. ވަރަށް މިނިވަން. މި 5 އަހަރު ސައިޒުގަ ދެން ހުންނަން ޖެހޭނީ.
އެކަލޯ 1
24 February 2025
ފިޔަކޮށާލާފަ މިނިވަންކުރާ ކުކުޅުވެސް އުޅޭނީ ސާހިބު މީހާގެ ފައިބުޑުގަ. އެސޮރަށްވެސް އެނގޭ އިތުރު ޗޮއިސްއެއްނެތްކަން.
މަޖަލިސް
24 February 2025
މަނިކުފާން ރައްދު ދެއްވި އިރު އަޑުގަ ތުރުތުރު އަޅާ ނުތަނަވަސް ވެފަ އިންކަހަލަ ރާގަކަށް ކީއްވެތޯ ރައްދު ދެއްވީ. އަނެއްކާ މަނިކްފާން އަށް މަތީ ފަޑީގެ ބަޔަކު ފިއްތުން ތަކެއް ކުރިމަތިކުރައްވަނީ ތޯ؟؟؟