ރައްޔިތުންގެ މަޖިލީހުގެ މީގެ ކުރިން ބޭއްވި ޖަލްސާއަކަށް މިނިސްޓަރު އަލީ އިހުސާން ހާޒިރުކޮށްފައި -- ފޮޓޯ: މަޖިލިސް
13 މާޗް 2025 - 11:53
ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް ސުވާލުކުރުމުގެ ނޯޓިސްގެ މުއްދަތު ފަހަނަ އަޅައި ދިޔައިރު ވެސް، ދެ ވަޒީރަކު ހާޒިރުކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ސަބަބުން އޮޅުންފިލުވައިދޭން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ.
މަޖިލިސް ގަވައިދުގައިވާ ގޮތުން، ސުވާލުގެ ނޯޓިސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މެދުވެރިކޮށް މެންބަރަކު ފޮނުވުމުން، 14 ދުވަސް ތެރޭގައި ވަޒީރު ހާޒިރުކޮށް އެ މައްސަލަ އެޖެންޑާކުރަން ޖެހެ އެވެ. ގަވައިދުގައި ބުނާ ގޮތުން 14 ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ.
މެންބަރު މީކާއިލް އަހުމަދު ނަސީމް ސުވާލުގެ ނޯޓިސް ފޮނުވާފައިވަނީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަބިލް އަދި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނަށެވެ.
ނަމަވެސް، ޖެނުއަރީ މަހު ފޮނުވި އެ ދެ ސުވާލު ވެސް މަޖިލީހުގައި އެޖެންޑާއެއް ނުކުރެ އެވެ. މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެބްރުއަރީ މަހު 6 ގައި ފެށި ފަހުން މިހާރު ވަނީ 35 ދުވަސް ވެފަ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަހުމަދު ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ: މަޖިލިސް
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، މަޖިލީހުގެ ރައީސަށް މީކާއިލް ފޮނުއްވި ސިޓީގައި ވަނީ، މިހާ ދިގު މުއްދަތެއް ފަހަނައަޅައިގެން ދިޔައިރު ވެސް ވަޒީރުން މަޖިލީހަށް ހާޒިރުނުކުރެވުނު ސަބަބަކީ ކޮބައިތޯ ސާފުކުރަން އެދިވަޑައިގެންފަ އެވެ.
މި މައްސަލާގައި މި މަހުގެ ތިން ވަނަ ދުވަހު ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވައި ވެސް އެ ސުވާލު މީކާއިލް ކުރެއްވި އެވެ. އެ ދުވަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވަޒީރުން ހާޒިރުނުކުރެވި ދިގުލައިގެންދާ ސަބަބު ބަލައި، މެންބަރަށް އަންގާނެ ކަމަށް ވިދާޅުވެފަ އެވެ.
މީކާއިލް ސިޓީގައި ވަނީ މިއަދާ ހަމައަށް ވެސް އެ ސުވާލުގެ ޖަވާބު ނުލިބި އޮތް އިރު، އަވަސް ފުރުސަތެއްގައި ޖަވާބު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު މީކާއިލް، މިނިސްޓަރު މުއްތަލިބަށް ސުވާލުގެ ނޯޓިސް ފޮނުވާފައިވަނީ ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތި ލިބުނު މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ. މީކާއިލް ވަނީ އެ މައްސަލާގެ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ހައުސިން މިނިސްޓްރީގައި ރޯވި އަލިފާނުގެ ހާދިސާގައި ގެއްލިފައިވޭތޯ ސުވާލުކުރައްވައިފަ އެވެ.
މީކާއިލްގެ ދެ ވަނަ ސުވާލަކީ ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސާފުކުރުމަށް އިހުސާނަށް ފޮނުއްވި ސުވާލެކެވެ.
މިދިޔަ މަހު ކުރީކޮޅު މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށި ފަހުން މިހާތަނަށް މެންބަރުންގެ ސުވާލަކާ ގުޅިގެން މަޖިލީހަށް ހާޒިރުކޮށްފައިވަނީ އެންމެ ވަޒީރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްބަސް
13 March 2025
ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުވުމަކީ ރައްޔިތުންނަށް ޖަވާބުދާރީ ނުވުން. ރައްޔިތުން އެދޭ ކަންކަމުގައި ދޭނެ ޖަވާބެއް ނެތުން ނުވަތަ ޖަވާބެއްދޭން ނޭނގުން. ވާނުވާ ނޭނގުން. ތިއީ ސަރުކާރު ފެއިލްވެއްޖެކަމުގެ އަލިގަދަ ދަލީލެއް.