ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް: މިހާރު ފޯމު ހުށަހެޅުމުގެ ބަދަލުގައި އޮންލައިންކޮށް ހުށަހަޅައިގެން އެ މީހަކު ހުރި ރަށަކުން ކާޑު ލިބޭނެ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
24 ފެބުރުއަރީ 2025 - 11:20
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ރޯދަ މަހު ދޫކުރާނެ ގަޑިތައް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ން މިއަދު އާންމު ކޮށްފި އެވެ.
ޑީއެންއާރުން ބުނީ ކިއުބީން ނަމްބަރު ނަގައިގެން ކާޑު ދޫކުރުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ހެނދުނު 9:15 އިން 11:30 އަށް ކަމަށެވެ. ކިއުބީން ދޫކުރާނީ 150 ނަމްބަރު ކަމަށެވެ.
ރޯދަ މަހުގެ 20އާ ހަމައަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް އެ ގަޑީގައި ކާޑު ދޫކުރާނެ އެވެ. ފަހު ދިހައިގައި އައިޑީ ކާޑު ދޫކުރަން ނިންމާފައި ވަނީ މާޗް 23، 25 އަދި 27 ވަނަ ދުވަހު އެކަންޏެވެ.
އެގޮތަށް ހަމަޖައްސާފައި ވަނީ މި އަހަރުގެ ވެސް ރޯދަ މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެވެ.
ފަހު 10 ގައި ތިން ދުވަހު ކާޑުދޫކުރި ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި އެ ޑިޕާޓްމަންޓުގެ ނަމްބަރު 7280368 އަށް ގުޅުމުން ހިދުމަތް ލިބޭނެ ކަމަށް ޑީއެންއާރުން ބުންޏެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވަނީ އަންނަ މަހުގެ 1 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy