ބަނޑިދޫގައި އޭޓީއެމްގެ ހިދުމަތް ރައީސް މުއިއްޒު މިއަދު ފައްޓަވައި ދެއްވަނީ.
24 ފެބުރުއަރީ 2025 - 15:16
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިން ދ. ބަނޑިދޫގައި ބެހެއްޓި އޭޓީއެމްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ބަނޑިދޫގައި ބެހެއްޓި އޭޓީއެމުން ކަސްޓަމަރުންނަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ހިދުމަތްތައް ހޯދޭނެ އެވެ. އެ އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ނުގޮސް 24 ގަޑިއިރު ބޭންކިންގެ ގިނަ މުއާމަލާތްތަކެއް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބަނޑިދޫގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް މުއިއްޒާއި ބީއެމްއެލްގެ ސީއީއޯ ޝަރީފު ސަލާން ކުރައްވަނީ
ބަނޑިދޫގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އެ އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
" މި ހިދުމަތާއެކު ރައްޔިތުންނަށް މިހާރު މުހިންމު މާލީ ހިދުމަތްތަކަށް ވާސިލުވުން ފަސޭހަވެ، ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، ދުވަހުން ދުވަހަށް ކުރަން ޖެހޭ ބޭންކިން މުއާމަލާތްތައް އިތުރަށް ފަސޭހަވެގެންދާނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށް ވުރެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފްސާވިސް ބޭންކިން ސެންޓަރު، 154 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ހުރިހާ ހިދުމަތެއް އަންނަ މަހުން ފެށިގެން ޑިޖިޓަލްކޮށް ދޭން ވެސް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުހަމް ހަލީމް
25 February 2025
މީ ލިބުނު ވަރަށް ބޮޑު ލުޔެއް. އަޅުގަނޑުމެން ކުރިން ފައިސާ ނަގަން ދާންޖެހެނީ އެހެން ރަށަކަށް. އޭގެ މިހާރު ދެން ނުޖެހޭނެ ދަތުރުކޮށްފަ ދާކަށް.