ބ. ކެންދޫގައި ބީއެމްއެލް ބްރާންޗު ރައީސް ހުޅުއްވައިދެއްވަނީ.
11 އޯގަސްޓް 2025 - 20:45
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި މި ހަފުތާ ތެރޭގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދޭން ފެށޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބ. އަތޮޅުގެ ތިން ރަށެއްގައި މިއަދު ފެށި އޭޓީއެމްގެ ހިދުމާ އެކު، އެ އަތޮޅުގެ ބާކީ ހަތް ރަށުގައި މި ހަފުތާ ނިމޭއިރު އެ ހިދުމަތް ފަށާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެ 10 ރަށް ފުރިހަމަ ވުމުން މި އަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމް ބެހެއްޓުނީ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ދަށުން ވަނީ ބ. ކަމަދު އާއި އެ އަތޮޅު ކުޑަރިކިލު އަދި ކެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފުކޮށްފަ އެވެ.
އެ ހިދުމަތް ތައާރަފު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
ބީއެމްއެލުން ބުނީ މި ހަފުތާގައި ގޮއިދު އާއި ފެހެންދު އާއި ފުޅަދު އާއި ހިތާދޫ އަދި ދޮންފަނާއި މާޅޮހުގައި އޭޓީއެމްގެ ހިދުމަތް ފަށާނެ ކަމަށެވެެ. އެއާ އެކު، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުނީ ކަމަށް އެ ބޭންކުން ބުންޏެެވެ.
އެކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބ. އަތޮޅުގެ 10 ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުމުން، މި އަހަރުގެ ތެރޭގައި އަލަށް އޭޓީއެމްގެ ހިދުމަތް ދޭން ފެށި ރަށްތަކުގެ އަދަދު 47 އަކަށް އަރާނެ ކަމަށެވެ.
ބ. ކެންދޫގައި ބީއެމްއެލް ބްރާންޗު ހުޅުވުން.
"މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުއަކީ މިހާތަނަށް އެ ބޭންކުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށާއި އެއީ ރައްޔިތުންގެ މާލީ ބާރުވެރިކަން އިތުރުކުރުމާއި ރަށުގެ ތަރައްގީއަށް ދޭ އިސްކަން ކަމަށް ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން 1982 ވަނަ އަހަރު ބޭންކުގެ ފުރަތަމަ ބްރާންޗް ހުޅުވީ މާލޭގަ އެވެ. އެ ބޭންކުން އަންނަނީ މާލީ ބައިވެރިވުން އިތުރުކުރުމަށް ހާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުން ވެސް ބޭންކިން ހިދުމަތް ލިބޭނެ ގޮތަށް ހިދުމަތްތައް ފުޅާކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިމްރާހްް
12 August 2025
އޭޓީއެމްގެ ހިދުމަތަކީ ވަރަށް މުހިންމު ކޮންމެހެން ބޭނުންވާ ހިދުމަތެއް. މިއީކީ ކުޑަ ކަންކަމެއްނޫން. ހައްގު ޝުކުރު ރައީސަށް.
މަހާރަދުން
12 August 2025
މި ކޯ ހާދަ ވަރަކަށް އޭޓީ އެމާ އަޅެއިގަނެ މި ހުއްޓޫ!!!
މުހައްމަދު ތަޝްމީދު
12 August 2025
ދެން ނުޖެހޭނެ ހާސްވާކަށް. ދުރަށް ދަތުރު ހަދައިގެން ލާރި ނަގައިގެން ދާކަށް.
ހަސަން ވަހީދު.
12 August 2025
މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަ ދުވަސްކޮޅަކުން އޭޓީއެމް. މީ ސަރުކާރެއް އެފިޝިއެންޓް ވުމަކީ.
އޮނަރަބްލް އަފީފު ދީދީ
11 August 2025
ފަސް ދޮޅަހަކަށް ރަށުގެމައްޗަށް އެކުލެވިފައިވާ ބ.އަތޮޅުގެ ރަށްތަކަށް ވެލާ ބިސް އަޅަން އަރާފަދައިން ކ މާލޭގައި ހުންނަމީހާ ބ.އަތޮޅު ގެ އާބާދީ ރަށްރަށަށް އަރާ "އޭޓީއެމް ބިސް ވަޅު ލުމުގެ ބަދަލުގައި" ތިޔަ 13 ރަށުގައި ދިރިއުޅޭ މީހުންގެތެރެއިން ދަރަވަންދޫ، އޭދަފުށި އަދި ތުޅާދޫ ނޫން އެހެން ރަށްރަށުގައި އުޅެމުންދާ މީހުން މިދެންނެވި 3 ރަށަށް ވަކިން ޚާއްސަކޮށް ދަރަވަންދޫ އާއި ތުޅާދުއަށް ބަދަލުކޮށް އެމީހުނަށް އުޖާލާ ދިރިއުޅުމެއް ހޯދާދިނުން މާ ރަނގަޅު ވާނެ.
ޞިލްވާ
12 August 2025
ދަރަވަންދޫ އަކީ ކުރިމަގުގަ ހިއްކެން އޮތް ރަށެެއް ނޫން. ޢެހާ ބޮޑު ރަށެެއްވެސް ނޫން. ތިބުނާ ޖާގައެެއްވެސް ނެތް: މޮޅެތި ވާހަކަ މި ދައްކަނީ.
އޮނަރަބްލް އަފީފު ދީދީ
11 August 2025
ރާއްޖެ އެއްފަސްކޮށް 50 ހަކަށް ރަށުގައި މީހުން ދިރިއުޅޭގޮތަށް ހަމަޖެއްސުމުގެ ޤައުމީ ތަރައްޤީގެ ޕްރޮޤްރާމް ފެއްޓުމުގެ ގޮތުން އެކަން ފަށައިގަތުމަށް އެންމެ ރަނގަޅު އަތޮޅަކީ ބ.އަތޮޅު ކަމަށްދެކެން. ރަނގަޅަށް އިންތިޒާމް ކޮށް ރޭވުން ތެރިކަމާއި އެކު އޭދަފުށި ނޫން ބ.އަތޮޅުގެ އެހެން ހުރިހާ ރަށްތަކެއްގެ މީހުން ދަރަވަންދުއާއި ތުޅާދުއަށް ބަދަލު ކުރަން މަސައްކަތް ކޮށްފިނަމަ 2028 ގެ އިންތިޚާބުގެ ކުރިން ބ.އަތޮޅަކީ 3 ރަށުގައި މީހުންދިރިއުޅޭ އަތޮޅަކަށް ހަދާ ލެވޭނެ.
އޮނަރަބްލް އަފީފު ދީދީ
11 August 2025
މަތީގައި ދެންނެވިގޮތަށް 13 ރަށުގައި މީހުން ދިރިއުޅޭ ބ.އަތޮޅުގައި 2028 ގެ ފަހުން މީހުންދިރިއުޅޭނީ ހަމަ އެކަނި އޭދަފުށި، ދަރަވަންދޫ އަދި ތުޅާދޫގައި ކަމަށް ކަޑައަޅައިފި ނަމަ ދުނިޔޭގެ އެންމެ މަޝްހޫރު ލަޤްޒަރީ އެތައް ރިސޯޓް އެއަތޮޅެއްގައި އޮތް ބ.އަތޮޅުގެ ރައްޔިތުންނަކީ ކ.މާލެ ފިޔަވާ އެމީހުންދިރިއުޅޭ ރަށުން އަސާސީ ހުރިހާ ހިދުމަތްތައް ލިބިގެން ރާއްޖޭގައި މީހުންދިރިއުޅޭ އެންމެ ރަނގަޅު 3 ރަށް އޮތް އަތޮޅު ކަމަށް ވެގެން ދާނެ ކަމާއިމެދު ޝައްކެއްނެތް.
ާައާއިޝާ
11 August 2025
ماشاء الله