ކޯރަސްގެ އެވޯޑާ އެކު ބީއެމްއެލްގެ ސީއީއޯ ޝަރީފް ހަވާލުވެވަޑައިގަންނަވަނީ.
20 ނޮވެމްބަރ 2025 - 12:33
މާލީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޯރަސްގެ ފަރާތުން "އައުޓްސްޓޭންޑިން އެޗީވްމަންޓް އޮފް ދަ އިޔާ އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު ރާއްޖޭގެ އެންމެ ބޮޑު ބޭންކަށް ދީފި އެވެ.
ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލް އަށް އެ ފަހުރުވެރި އެވޯޑް ދިނީ ދުބާއީގައި ބޭއްވި "ރީއިންވެންޓް ފޯރަމް 2025" އެވެ.
މި އެވޯޑު ބީއެމްއެލް އަށް ދިނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުއާ އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޭންކިން ހިދުމަތް ގާއިމުކޮށް، މާލީ ބައިވެރިވުން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ވަނީ މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ފެށި ޕްރޮޖެކްޓެއްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ހިދުމަތް ފަށައިފަ އެވެ. ބޭންކިންގެ ހިދުމަތްތައް ފުޅާކުރުމަށް ހިންގި އެ މަޝްރޫއު ނިންމާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމް ބަހައްޓައި، އެތައް ހާސް ދިވެހީންނަށް ފަސޭހަކަމާ އެކު ވާސިލުވެވޭނެ ބޭންކިން ހިދުމަތް ހޯދޭނެ މަގު އެ ބެންކުން ވަނީ ފަހިކޮށްދީފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަަހަދަކަށް އެ ބެންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، ކޯރަސްގެ އެވޯޑު ލިބުމަކީ ބީއެމްއެލް އަށް ލިބުނު ފަހުރެއް ކަމަށެވެ. އަދި މިކަމުން ހާމަވަނީ އެ މަޝްރޫއުގެ މުހިންމު ކަމާއި ބޭނުންތެރިކަން ކަމަށް ވެސް ވިދާޅުވި އެވެ.
ދުބާއީގައި ބޭއްވި ރީއިންވެންޓް ފޯރަމް 2025" ފޯރަމްގައި ބީއެމްއެލްގެ ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ.
"ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް އަދި އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން." އޭނާ ވިދާޅުވި އެވެ.
ކޯރަސް އަކީ މާލީ ދާއިރާގައި ދުނިޔޭގެ އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ. އެއީ ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމެއްގެ 1،200 މާލީ އިދާރާގެ ފުރިހަމަ ތާއީދު ލިބިފައިވާ ބްރޭންޑެެއް ވެސް މެ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސާވިސް ބޭންކިން ސެންޓަރު، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލަން ބެންކިން ހިދުމަތްތައް ބީއެމްއެލްއިން އަންނަނީ ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމަރޭގެ
20 November 2025
ޢަދި ތަންކޮޅެއް މަދު ތި އެވޯޑް ބަލާ ދިޔަ މީހުން
ނާރާނެ މައްޗަކަށް
20 November 2025
ހުރިހާ ކްރިޕްޓޯ ގަނެވޭނެ ސައިޓްތަކުގަ ކާޑުތައް ބޭނުން ނުކުރެވޭނެހެން ހަދާފަ ކޮން މާލީ ބައިވެރިވުން އިތުރުކުރުމެކޭ ތިކިޔަނީ!؟
މޭބިސްކަދުރު
20 November 2025
ބައިނަލްއަގްވާމީ މާލީ ވަރުގަދަ އިދާރާތަކުން ބަލައިގަތީ އޭޓީއެމް ބެހެއްޓުން އެއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގަ. އެކަމަކު އިދިކޮޅު ސިޔާސީ މީހުން ބުނަނީ ތިކުރީ ބޭކާރު ކަމެކޭ. އާދޭހެވެ! ހިޔަޅަށް މޭބިސްކަދުރު ނުބައިވިހެން ވީއެވެ!
އޭޓީއެމް
21 November 2025
އެއްވެސް މީހަކު ނުބުނޭ އޭޓީއެމް ބެހެއްޓުމަކީ ބޭކާރު ކަމެކޭ. ބޭކާރު ކަމަކަށްވަނީ ފައުޖު ހަދާފަ ސީޕްލޭން ޗާޓަރު ކޮށްގެން ރައީސް ގޮސް އެތަން ހުޅުވާފަ އެއީ މިގަރުނުގަވެސް ހިންގުނު އެންމެ ބޮޑު ޕްރޮޖެކްޓްގެ ގޮތުގަ ދައްކަން އުޅޭތީ. އެކުރާ ހަދަރަކީ ބޭކާރު ހަރަދޭ މީހުން މި ކިޔަނީ
ކުދުރޭޑިއޯ
20 November 2025
ދިރާގާއި އުރީދޫއާއި މިހާރު ބީއެމްއެލް މިތަންތަނަށް ހާދަ އެވޯޑެކޭ މިލިބެނީ، ކޮންނެވެސް ކަމެއް ރަގަޅަށް ދާތީ ދޯ