ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި އެއްފަހަރާ 90 ރީސައިކްލާ އޭޓީއެމްގެ ހިދުމަތް ފަށައި، ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޑޮލަރު އޭޓީއެމްގެ 70 އޭޓީއެމާއި ރުފިޔާ އޭޓީއެމްގެ 20 އޭޓީއެމްގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް އާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުންނާއި ސަރުކާރުން އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. 

މިރޭ އިފްތިތާހުކުރި ރުފިޔާ އޭޓީއެމްތައް ބަހައްޓާފައި ވަނީ ބީއެމްއެލްގެ ބްރާންޗްތައް މިހާރު ވެސް ހިންގަމުންދާ ރަށްރަށުގަ އެވެ. އަދި 70 ރަށެއްގައި ބެހެއްޓި ޑޮލަރު އޭޓީއެމްތަކުގެ ތަފްސީލު: 

  •  ހއ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
  • ހދ. އަތޮޅު: 5 ޑޮލަރު އޭޓީއެމް 
  • ށ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
  • ނ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
  • ރ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
  • ބ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
  • ޅ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • ކ. އަތޮޅު: 10 ޑޮލަރު އޭޓީއެމް
  • އއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • އދ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
  • ވ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • ފ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
  • މ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • ދ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
  • ތ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
  • ލ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • ގއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • ގދ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • ޏ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
  • ސ. އަތޮޅު: 5 ޑޮލަރު އޭޓީއެމް  

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ރީސައިކްލާ އޭޓީއެމްގެ ހިދުމަތް އެއްފަހަރާ ދޭން ފެށުމަކީ، ދުނިޔޭގެ އެއްވެސް ބޭންކަކުން މިހާތަނަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

ބީއެމްއެލްގެ އޭޓީއެމް އަދި ބްރާންޗުގެ ހިދުމަތް ފުޅާކުރަން މިރޭ ބޭއްވި ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް
ބީއެމްއެލްގެ އޭޓީއެމް އަދި ބްރާންޗުގެ ހިދުމަތް ފުޅާކުރަން މިރޭ ބޭއްވި ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

"އެހެންވީމާ މިއީ ދުނިޔޭގެ ރެކޯޑެއް،" އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން، އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އިތުރު ހަ ރަށެއްގައި ގާއިމްކުރި ބީއެމްއެލްގެ އާ ބްރާންޗްތައް ވެސް އިފްތިތާހުކޮށް ދެއްވައިފަ އެވެ.

އާ ބްރާންޗްތައް ހުޅުވި ރަށްތަކަކީ:

1. ހދ. ހަނިމާދޫ

2. އއ. ތޮއްޑޫ

3. ތ. ވިލުފުށި

4. ސ. ހުޅުދޫ

5. ތ. ހިތަދޫ

6. ހދ. ކުޅުދުއްފުށި

އެ ބްރާންޗްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ހުޅުވި ބްރާންޗަކީ ވިޔަފާރިތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ބިޒްނަސް ސެންޓަރެއް ކަމަށާއި އަދި މާދަމާއިން ފެށިގެން އެ ބްރާންޗްތަކުން ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ބުނީ އެ ބްރާންޗްތައް މަސައްކަތް ކުރާނީ ކަސްޓަމަރުންނާ ގާތުން އަދި ކަސްޓަމަރުން ތިބި ތަނަކުން ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ ހުރިހާކަމެއް ޑިޖިޓަލްވެގެން ދާ ޒަމާނެއްގައި ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވެގެން ދިއުމަކީ ބޭންކުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އެ ބްރާންޗްތަކުގެ މުވައްޒަފުންނަކީ އަބަދު ބްރާންޗްތަކުގެ ތިބޭނެ މުވައްޒަފުންނަށް ނުވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެ މުވައްޒަފުންގެ ރޯލަކީ ގޭގެއަށް ވެސް އަދި ވިޔަފާރިތަކަށްވެސް ޒިޔާރަތް ކުރުން. ބްރާންޗް ގާއިމްކުރާ ރަށާއި ކައިރި އެހެން ރަށްތަކަށް ދަތުރު ވެސް ކުރުން. ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުގެ މައުލޫމާތު ދިނުން. އަދި ފައިނޭންޝަލް ލިޓެރަސީ ކުރިއެރުވުމާއި ސްކޭމްތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުން،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ވަމުންދިޔަ ކަމުގައި ވިޔަސް ބޭންކު ދެމި އޮންނާނީ ކަސްޓަމަރުންނާ ވަރަށް ގާތުން ހިދުމަތް ދިނުމަށް ތައްޔާރުވެގެންނެވެ.