އެމްއައިބީއިން ތައާރަފްކުރި ޓެގް: އެ ޓެގް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ --- ފޮޓޯ/އެމްއައިބީ
24 ފެބުރުއަރީ 2025 - 15:20
މޯލްޑިވްސް އިސްލާމިކް ބެންކުން ފައިސާގެ މުއާމަލާތް ކުރެވޭ ޓެގެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކޮށްފި އެވެ.
"ފައިސާ ވެއާ"ގެ ނަމުގައި ތައާރަފްކުރި އެ ޓެގަކީ ކޭޝް ކާޑުގެ ބަދަލުގައި ބޭނުން ކުރެވޭނެ ޓެގެކެވެ. އެ ޓެގު ފޯނުގައި ތަތްކޮށްލައިގެން ނުވަތަ ކީ ޗެއިންގައި އަޅުވާލައިގެން ބޭނުން ކުރެވޭނެ އެވެ. އަދި ޕީއޯއެސް މެޝިނުގައި ކާޑު ޖައްސާލާ ގޮތަށް އެ ޓެގް ޖައްސާލުމުން ފައިސާގެ މުއާމަލާތް ކުރެވޭނެ އެވެ.
އެމްއައިބީއަކީ މިފަދަ ތަފާތު އީޖާދުތައް ފަހުގެ ޓެކްނޮލަޖީގެ އެހީގައި ތައާރަފްކުރާ ބޭންކެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ބެންކުން ވަނީ "ފައިސާ ވެއާ" އަނގޮޓި ސީރީޒްއެއް ވެސް ތައާރަފްކޮށްފަ އެވެ. ގިނަ ޑިޒައިންތަކެއް ހިމަނައިގެން ނެރުނު އެ އަނގޮޓިއަށް ގިނަ ބައެއްގެ ހޫނު ތަރުހީބު ލިބުނެވެ. އެމްއައިބީއިން ބުނީ އެ ބެންކުން "ފައިސާ ވެއާ" އަނގޮޓީގެ އާ ޑިޒައިންތަކެއް ނެރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެމްއައިބީއަކީ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުންދާ ބޭންކެކެވެ. އަދި ބޭންކަށް ނުގޮސް އެކައުންޓް ހުޅުވުމުގެ އިތުރުން އެކި ފެސިލިޓީތައް ވެސް އޮންލައިންކޮށް އެޕްލައި ކުރެވޭނެ އެވެ. އެ ބެންކުން ދަނީ ބެންކުގެ ހިދުމަތްތައް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.
އެމްއައިބީއިން ބުނީީ އީޖާދީ ބަދަލުތަކާއެކު މިއަހަރު ވެސް އާ ހިދުމަތްތަކެއް ތައާރަފްކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy