ޖަލްސާ ހޫނުވެ، މީކާއިލް ތަޅުމުން ނެރުމުގެ ތެރެއިން: އޭނާގެ ނަން އިއްވާފައިވަނީ ނިޒާމީ މައްސަލަ ނަންގަވައި އިހުސާން ދެއްކި ވާހަކަތަކަށް ޖަވާބުދޭތީ --
25 ފެބުރުއަރީ 2025 - 10:56
އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިނިސްޓަރުގެ ޖަވާބުދާރީވުމުގެ ވަގުތުގައި ތަކުރާރުކޮށް ނިޒާމީ ނުކުތާ ނެންގެވުމުން، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި ތަޅުމުން މިއަދު ނެރެފި އެވެ.
އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު އިހުސާންގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ މިއަދުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށް ކުރިއަށް ގެންގޮސްފަ އެވެ.
އިހުސާން ވަނީ އޭނާ އަށް ކޮށްފައިވާ ތުހުމަތުތަކަށް ވަކިވަކިން ޖަވާބު ދެއްވައިފަ އެވެ.
އިހުސާން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، މީކާއިލް ވަނީ ތަކުރާރުކޮށް އެކި ފަހަރު މަތިން ނިޒާމީ ނުކުތާ ނަންގަވައި މިނިސްޓަރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. ތަޅުމުގައި ނެތް ބައެއް ބޭފުޅުންނާއި ތަޅުމުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ތުހުމަތުތައް އަމާޒުކޮށް އިހުސާން ވާހަކަ ދެއްކެވުމުން އެކަން އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިޒާމީ ނުކުތާ ނަންގަވައި މީކާއިލް ގެންދެވީ ވިދާޅުވަމުންނެވެ.
ހޯމް މިނިސްޓަރުގެ އިތުބާރުނެތްކަމުގެ މައްސަލަ ހިނގަހިނގާ އޮއްވާ، ގޮނޑިން ނުތެދުވެ، ތަކުރާރުކޮށް ނިޒާމާ ބެހޭ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތަށް އެދެމުން ދަނިކޮށް، އަޅުގަނޑުގެ ނަން އިއްވާ، ތަަޅުމުން ނެރުނީ ކަނޑައެޅިގެން މަޖިލިސް ގަވާއިދާ، އަމަލުކުރަމުންދާ އުސޫލާ ހިލާފަށް. pic.twitter.com/5rWTBeMn5u
— Meekail Naseem (@MickailNaseem) February 25, 2025
ފުރަތަމަ ނިޒާމީ ނުކުތާ ނަންގަވައި ތަޅުން ހޫނުވާން ފެށުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ދެ ފަހަރު މަތިން ނަސޭހަތް ދެއްވައި، އިތުރަށް ތަކުރާރުވާ ނަމަ ތަޅުމުން ނެރޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
އޭގެ ގިނަ އިރުތަކެއް ފަހުން، އިތުރު ނިޒާމީ މައްސަލަތަކަކަށް ފުރުސަތު ދެއްވުމަށް ފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ހިތްހަމަނުޖެހިވަޑައިގެން މީކާއިލްގެ ނަން އިއްވައިފަ އެވެ.
މީކާއިލް ތަޅުމުން ނެރުމުގެ ތެރެއިން --
މީކާއިލް ތަޅުމުން ނެރުނީ ސާޖަންޓް އެޓް އާމްސް ތޮލްހަތު ހަސަން ވަޑައިގެން ވާހަކަ ދެއްކެވުމުން ވެސް، އެއްބާރުލުން ނުދެއްވުމުން ހަ ސެކިއުރިޓީންގެ އެހީތެރިކަމާ އެކު އެވެ.
ތަޅުމުން ނެރުމާ ގުޅިގެން މީކާއިލް "އެކްސް" ގައި ވިދާޅުވީ ގޮނޑިން ނުތެދުވެ، ތަކުރާރުކޮށް ނިޒާމާ ބެހޭ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތަށް އެދިވަޑައިގަންނަވަމުން ގެންދަވަނިކޮށް އޭނާ ތަޅުމުން ނެރުނީ މަޖިލިހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުންދުސް
25 February 2025
ޑީއެންއާރު ޑޭޓާ ބޭސް ކަހާލައިގެން ވައްކަންކޮށްފަ، މަޖުލިސް މެޖޯރިޓީ އޮތީމައި މިއަދު ތިވެވިދާނެ. 2028 ވެސް އަންނާނެ. ވެރިކަމުން ބާލާނެ!
އެކޮއި
25 February 2025
ބުމައިންނާނއި އަތުން ވާހަކަ ދައްކާ މަންޒަރު ހާދަ ހަޑިއޭ
ކައުންސެލަރު...
25 February 2025
އުކީމާ އުކިމީހާ ގޯސްވީ.. އެކަމަކު މިމީހުންނަކީ އަދަބެއް އަޚުލާގެއް ސުލޫކެއް ހަމައެއް ލަމައެއް އޮތްބައެއްނޫން.. މަށަށް އަދިވެސް ފާރުމަތިން އުކާލެއްމަދީ!! ސަހާދެއްމިބުނީ