އިސްރާއިލްއާ ގުޅޭ ގޮތުން އައިސީޖީއަށް ހުށަހެޅި މައްސަލައެއްގެ އަޑުއެހުމެއްގެ ތެރެއިން --
02 މާޗް 2025 - 13:52
ފަލަސްތީނުގެ ބިންތަކުގައި އދ. އާއި އެހެނިހެން ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން ތިބުން ހުއްޓުވައި، ފަލަސްތީނަށް އެހީވާން އެ ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް އިޒްރޭލުން ހުރަސް އަޅަމުންދާތީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން އެ ކޯޓަށް ލިޔުމުން ބަޔާނެއް ހުށަހަޅައިފި އެވެ.
އެ މައްސަލައަކީ ފަލަސްތީނުގެ އާންމުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ މައި ޖަމްއިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް ގެ މަސައްކަތްތައް ހުއްޓުވާލުމަށް އިޒްރޭލްގެ ގާނޫނު ހަދާ މަޖިލީހުން ނިންމުމުން އައިސީޖޭއަށް ހުށަހެޅި މައްސަލަ އެކެވެ.
ގައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާތައް ދެމުންގެންދާތީ އެ ގައުމުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައި.ސީ.ޖޭ. ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އ.ދ. ގެ އާންމު މަޖިލީހުގެ ޤަރާރަކުން ޑިސެންބަރު، 2024 ގައި ފާސްކޮށްފައިވެ އެވެ.
އެ މައްސަލާގައި ބައިވެރިވެ ރާއްޖޭން މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި ބަޔާނުގައި، އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކުގެ ދަށުން އިޒްރޭލްގެ ޒިންމާތައް ފާހަގަކޮށްފައިވެ އެވެ.
އދ. ގެ މެންބަރެއްގެ ހައިސިއްޔަތުން އިޒްރޭލްގެ މައްޗަށް އޮތް ޒިންމާތައް ބަޔާންކޮށް، އދ. ގެ އެހީ ދޭ ޖަމިއްޔާގެ މަސައްކަތްތައް އިޒްރޭލުން ހުއްޓުވުން މަނާކުރާ ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް ރާއްޖޭގެ ބަޔާނުގައި ވަނީ އަލިއަޅުވާލައިފަ އެވެ.
އިޒްރޭލްގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލް ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި އަސާސީ ހައްގުތަކުން މަހުރޫމްވެ އަދި ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ބިނާކުރުމަށާއި ހަމަޖެހުމަށް ހުރަސް އެޅެމުންދާ ކަމަށާއި އަދި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ޖަރީމާތަކެއް ކަން ވެސް ރާއްޖޭން ވަނީ ފާހަގަކޮށްފަ އެވެ.
ފަލަސްތީނާއި އިޒްރޭލް މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަން ރާއްޖޭން ވަކާލާތުކުރެ އެވެ.
މިކަމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ރާއްޖޭން ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހުމަތު
03 March 2025
ވަރަށް ރަނގަޅު މިހާރު އެބަފެނޭ ފަލަސްތީނުގެ ހައްގުގައި ހަގީގީ ފައިދާ ހުރި މަސައްކަތްތަކެއް ކުރެވެމުންދަ މަންޒަރު
ހިތދިގ
02 March 2025
އިޒްރޭލުގެ ރައްޔިތުން ފަލަސްޠީނުގައި ގަތުލު އާންމު ހިންގާފައި އަރާމު ކޮށްލަން އަންނަނީ ދިވެހިރާއްޖެއަށް........ މިއީ ސަތޭކަ ޕަސެންޓް މުސްލިމް ގައުމަކަށް ވާއިރު މިކަން ހުއްޓުވަން ނުކެރޭ ބަޔަކު ބަޔާނެއް ދިނީމަ ކޮންކަމެއް ވަނީ........ އެންމެ ފުރަތަަމަ އަމިއްލައަށް ކުރެވޭނެ ކަންތައްތަކުގެ ބަޔާނެއް ނެރެ ބަލަ.......
ގެދާނޯމޮސް
02 March 2025
ބައިނަލް އަގްވާމީ ކޯޓާޚިލާފް ވާ މީހުންނާއިމެދު ފިޔަވަޅު އަޅަން ނޫންތަ ނޭޓޯފޯސް އޮންނަނީ ، އެކަމަކު އެބަޔަކު މިގެންދަނީ ކޯޓާވެސް ޚިލާފް ވަމުންނެވެ. ރާއްޖޭގަ ނަމަ މަސްތުވާ ތަކެތި ހުއްޓުވަން ތިބޭ މީހުން ދަނީ ކަނޑައެޅިގެން އެބަޔަކާވެސް ގުޅެމުންނެވެ. ދުނިޔެ ޖެހެން ޖޭހޭ ބޮޑުތާނގަ ޖެހެމުން ގޮސް ނިމިދަނީ އެވެ.
ޢޮރިޖިނަލް ޔަހޫދީ
02 March 2025
ޢިޒްރޭލް މީިހުން ޔަހޫދިއްޔަތު ކިޔަވަން އަންނަންވީ ރާއްޖެއަށް...