މާލޭގެ ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ގިއްސާއެއް ދައްކާލަނީ: އެ ތަރުކާރީ ބޭނުންކޮށްގެން ރިހަ އާއި މަސްހުނި ހެދޭނެ.--- ފޮޓޯ: ނިޝާން އަލީ| މިހާރު
04 މާޗް 2025 - 12:24
މި ރޯދަމަހު މާލޭގެ ލޯކަލް މާރުކޭޓުން ފާހަގަވި އެއް ބާވަތަކީ "ގިއްސާ" އެވެ. ތޮރަލާއި ފުފޫ އާއިލާގެ އެ ބާވަތް މާރުކޭޓުގެ ގިނަ ގޮޅިތަކުން މި ފަހަރު ލިބެން ހުރި ވަރު މާ ގިނަ އެވެ.
އާންމުކޮށް މާރުކޭޓުގައި ގިއްސާ ލިބެން ހުރި ނަމަވެސް އެ ބާވަތް ވިއްކަނީ މަދުގޮޅިއަކުންނެވެ. އެކަމަކު ރޯދަމަހާ ދިމާކޮށް، ކުރިން ގިއްސާ ނުވިއްކާ ގޮޅިތަކުން ވެސް އެ ބާވަތް ވިއްކަން ފެށީ ޑިމާންޑު ބޮޑުކަމުންނެވެ.
މާރުކޭޓުގެ ގޮޅިއެއްގައި ހުރި ވިޔަފާރިވެރިއަކު ބުނީ، ރޯދަމަހަށް އެ ބާވަތް އިތުރުކުރީ، އެ އަށް އޮންނަ ޑިމާންޑު ބޮޑުވާނެތީ ކަމަށެވެ. އެއީ އާންމުކޮށް ބިދޭސީން ގިނައިން ގަންނަ ބާވަތެއް ކަމަށް ވިޔަސް ރޯދަމަހު ދިވެހިން ވެސް އެބާވަތް ގަންނަ ވަރު އިތުރު ކަމަށް އޭނާ ބުންޏެވެ.
ރިހަ އާއި މަސްހުނި ފަދަ ބާވަތްތައް ހަދަން ބޭނުންކުރާ ގިއްސާ ލިބެން ހުރި ގިނަ ގޮޅިތަކުން ބުނީ، އެ ބާވަތް ގެނެސްފައިވަނީ އއ. ތޮއްޑޫން ކަމަށެވެ. އޭގެ އަގަކީ ކިލޯއެއް 35ރ. އެވެ.
މާލޭގެ މާރުކޭޓުގައި ވިއްކަން ބަހައްޓާގައި ހުރި ގިއްސާ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ވިޔަފާރިވެރިއަކު ބުނީ، ރޯދަމަހާ ދިމާކޮށް އެ ބާވަތް ދިވެހިން ގަންނަ ވަރު ވެސް އިތުރު ކަމަށެވެ. އެކަމަކު އާންމު ގޮތެއްގައި އެ ބާވަތް އެންމެ ގިނައިން ގަންނަނީ ބިދޭންސީން ކަމަށް އޭނާ ބުންޏެވެ.
"އިންޑިއާ، ބަންގްލަދޭޝް މީހުން ވަރަށް ގިނައިން ގަނޭ. ދިވެހިން ވެސް ކޮންމެވެސް ވަރަކަށް ގަނެ އުޅޭ. ރޯދަމަހު ދިވެހިން ގަންނަ ވަރު އިތުރު. އެހެންވެ، މި ގޮޅި އަށް ވެސް އެ ބާވަތް އިތުރު ކުރީ. ކުރިން ނުވިއްކަން،" އޭނާ ބުންޏެވެ.
މާލޭގެ ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ގިއްސާއެއް ދައްކާލަނީ: އެ ތަރުކާރީ ބޭނުންކޮށްގެން ރިހަ އާއި މަސްހުނި ހެދޭނެ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
މާރުކޭޓުގެ އެހެން ގޮޅިއެއްގައި ހުރި ވިޔަފާރިވެރިއަކު ބުނީ، އެއީ ރާއްޖޭގައި ހައްދަން ފަސޭހަ ބާވަތެއް ކަމަށާއި، އެ ބާވަތް އާންމު ގޮތެއްގައި ހައްދަނީ ދާގަނޑު މައްޗަށް ވެޔޮ އަރުވައިގެންގެނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލާކީ
06 March 2025
ގިއްސާ އަކީ ކޮބާ؟ މަ ހީކުރީ ފުރަތަމަ ޒުކީނީއޭ. ފޮޓޯ ފެނުނީމަ އެނގިއްޖެ ޒުކީނީ އެއް ނޫންކަން. މިޔަށް ކިޔާ އިނގިރޭސި ނަން ބުނަލަ ބަލަ ކޮންމެވެސް ކޮޔަކު
ޢޭ ބީ
05 March 2025
މީ ހުސްދިވެހި ސޭޓުންތައް .
ޕިކުފައިން
04 March 2025
ގިއްސާއޭ؟ އަޑުއެހިތާ އަދި މީނީ. ތިޔަ ކާން ތައްޔާރުކުރާގޮތް އެބަޖެހޭ ބަލަން
ސަމުގާ
04 March 2025
ހެއްދީމާ ތަރުކާރީ ރާއްޖޭގައި ހެދޭނެ. ސަރުކާރުން މިކަމަށް ފޯކަސް އިތުރު ކޮށްގެން ކާމިޔާބު ހޯދޭނެ
ތުއްތީދިބެ
04 March 2025
މީދޯ މޮހޮންމާ ބުނާ ގިއްސާމަސްހުންޏަކީ.
ދެކެދެކެވެސް 2
04 March 2025
ގިއްސާ ފެނުނީމަ މަވެސް ހިތަށްއެރީ ހަމަ ތިހެން.. ހަަހަހަ