ރޯދަ މަސް / ރަމަޟާން 2025 މީހުން

މިއަށް ވުރެ ހިތްދަތިކަމެއް ނެތް؛ ލިބުނު ހުރިހާ ދަރިން މަރު

ދ. ކުޑަހުވަދޫން،  އާސިމާ ނިޒާރު، މިހާރު

05 މާޗް 2025 - 08:49

36 comments

ބަނޑުބޮޑުވާ ކޮންމެ ފަހަރަކު ޒުލެއިހާ އިސްމާއިލް (ދަލޭކަ) ވަރަށް ފޮނި ހުވަފެންތައް ދެކެ އެވެ. ކުރީ ފަހަރު އެހެންވިއަސް، މި ބުރު، ހެޔޮ ހާލުގައި ހުރި ކުއްޖަކު ބަލާ ބޮޑުކުރެވޭނެ ކަމަށް، ބަނޑުބޮޑުވި ނުވަ ފަހަރު ވެސް އޭނާ އުއްމީދުކުރި އެވެ. އެގޮތަށް ނުވާންވީ ސަބަބެއް ދަލޭކައިގެ ޅަ ސިކުނޑިއަށް އޭރު ނުވިސްނެ އެވެ. ބަނޑުބޮޑުވެ ނުވަ މަސް ފުރޭއިރު ވެސް އެއްވެސް އުނދަގުލެއް ނުވެ އެވެ. އަދި ބަނޑުގައި ރިއްސައިގަތުމުން ކޮންމެ ފަހަރަކު ވެސް މާ ބޮޑު އުނދަގޫތަކެއް ނުވެ ވިހެ އެވެ.

އެކަމަކު، ވިހެއުމުގެ ތަދުތަކުގައި އުޅެނިކޮށް، ކޮންމެ ފަހަރަކު ވެސް މި ލިބެނީ އެ އަށް ވުރެ ބޮޑު ހިތާމައެކެވެ. ވިހެއިތާ 24 ގަޑިއިރުގެ ތެރޭގައި އޭނާގެ ހަ ދަރިން މަރުވި އެވެ.

އެއް އަހަރާ ހަތަރު މަސް ތެރޭގައި ވެސް ކުއްޖަކު ނިޔާވި އެވެ.

ދަލޭކަގެ ދެމަފިރިންނަށް ޖުމަލް ނުވަ ކުދިން ލިބުނު އިރު ބޮޑުވެ ވަޒީފާއާ ހަމައަށް ދެވޭވަރުވީ ދެ ފިރިހެން ކުދިންނަށެވެ. އެ ކުދިން ވެސް ވަރަށް ކައިރިކައިރީގައި ނިޔާވީ އެވެ. ކޮންމެ ދަރިއަކު ވެސް އުފަންވާއިރަށް ދަލޭކަގެ ދުއާއަކީ ކުރީގެ ހިތާމަ މިފަހަރު ކުރަން ނުޖެހޭނެ ކަމަށެވެ.

"ކޮންމެ ފަހަރަކު ވެސް ހިތަށް އަރަނީ ރަނގަޅުވާނެއޭ. ވިހާއިރު ވެސް އަނެއްކާ ކޮންމެ ކުއްޖަކު ވެސް ރަނގަޅު. އޭރު އޮންނަނީ ފޫޅުމައިންނަށް ދެއްކުން. އެ މީހުން ވެސް ބުނަނީ ބަރާބަރޭ. ވިހާއިރު ވެސް ނުލާހިކު ރަނގަޅު، ބަރާބަރު. [ވިހެއުމުގެ ތެރޭގައި ވެސް އެއްވެސް މައްސަލައެއް ނުޖެހޭ]،" ދަލޭކަ، 64 ބުންޏެވެ.

ދ. ވާނީން މީގެ އަހަރުތަކެއް ކުރިން މި އަތޮޅު ކުޑަހުވަދު އަށް ބަދަލުވެ، ދިރިއުޅުން އާރަސްތުކުރި ފަހާގޭގެ ގޯތިތެރޭގައި ހުރެ މި ވާހަކަތައް ކިޔައިދެން ދަލޭކަ އަދި މުހައްމަދު ރަޝީދު، 80 އަށް އެއްގޮތަކަށް ވެސް ފަސޭހައެއް ނޫނެވެ. ނަމަވެސް، ބަލައި ބޮޑުކުރަން ލިބުނު ދެ ދަރިންގެ ހެޔޮ ވާހަކަތައް މީހުންނަށް އަންގަން އެ ދެމަފިރިން ބޭނުންވެ އެވެ.

ދަލޭކަ. އޭނާއަށް ލިބުނު ނުވަ ކުދިން ވެސް ވަނީ މަރުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަލޭކަ ބުނިގޮތުގައި އޭނާގެ އުމުރުން 17 އަހަރުގައި ކައިވެނިކޮށް، ފުރަތަމަ ދަރިފުޅު ލިބުނީ 22 އަހަރުގަ އެވެ. އޭރު އޭނާ އަށް އެއްވެސް ދައްޗެއް ނުވެ އެވެ. ވިހެއުމުން ތުއްތު އަންހެން ދަރިފުޅު ރޯން ފެށި އެވެ. އޭގެ ފަހުން މާ ބޮޑު ކަމެއް ފާހަގަނުވެ ހުއްޓައި، ބާރަށް ރޮއެލާފައި ވިހައިގެން 24 ގަޑިއިރު ނުވަނީސް ދަރިފުޅު މަރުވީ އެވެ.

ދެ ވަނަ ދަރިފުޅު މަރުވީ އެއް އަހަރާއި ހަތަރު މަހުގަ އެވެ އެވެ. ދަލޭކަ ބުނީ ގޮތް ނޭނގޭ ހުމެއް ޖެހި، އެއްގޮތަކަށް ވެސް ރަނގަޅު ނުވާތި ދެއްކީ ރަށުގައި އުޅޭ ހެލްތު ވޯކަރަށް ކަމަށެވެ. އިތުރު މައްސަލައެއް އުޅޭ ކަމެއް އެ ހެލްތު އޮފިސަރު ނުބުނެ އެވެ. ދިވެހި ބޭސް ވެސް ކުރި އެވެ. ރަނގަޅަށް ހިނގައި، ދުވެ އުޅުނު ކުއްޖާ އެއްގޮތަކަށް ވެސް ރަނގަޅު ނުވެ އެކަމުގެ ތެރޭގައި ނިޔާވީ އެވެ.

ކުޑަކޮށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ތިން ވަނަ ދަރިފުޅު، އަލީ ރިޔާޒު އަދި އޭގެ ދެ އަހަރު ފަހުން ލިބުނު އިސްމާއިލް ރިޒާއާ އެކުގަ އެވެ.

އޭގެ ފަހުން ލިބުނު ފަސް ކުދިން ވެސް 24 ގަޑިއިރުގެ ތެރޭގައި މަރުވީ އެވެ. އެއްފަހަރު އެއްމާބަނޑު ދެ ކުދިން ވެސް ލިބުނެވެ.

ދަލޭކަ، ބުނީ ކުދިންތައް މަރުވާތީ ރަޝީދު، 80، އާ ދެ މީހުންގެ ތެލެސީމިއާ ޓެސްޓު ވެސް ހެދި ކަމަށެވެ. އެ ޓެސްޓުގައި އިތުރު މައްސަލައެއް ހުރި ކަމަކަށް ނުދައްކަ އެވެ.

ރަނެއް، މަލެއް ފަދަ ދެ ކުދިން

ރިޒާ އަދި ރިޔާޒް އުޅެ ބޮޑުވީ އެއްކޮށެވެ. ދެ މީހުންގެ އުމުރުގައި މާ ބޮޑު ފަރަގެއް ނެތުމުން ހުރިހާ ކަމެއްގައި ވެސް ދެ މީހުންގެ އެންމެ ބޮޑު ހިތްވަރަކަށް ހުރީ އެކަކު އަނެކަކެވެ. ދަލޭކައިގެ އެންމެ ފޮނި ހަނދާނަކީ ވެސް އެ ދެ މީހުން އެއްފަހަރާ ގޭގައި ހިތާނުކުރެވުނު ދުވަހެވެ.

"ހިތާނުކުރި ދުވަހު ހިތަށް އެރީ ދައްތައަށް އިރާދަކުރެއްވިއްޔާ ދެ ދަރިން ލިބުނިއްޔޭ މި. މި ދެ ކުދިންނޭ ދެން ދައްތަމެން ގޮވައިގެން ކުރިއަށް ދާނީ ބޮޑުވެގެން. ވަރަށް އުފަލުގައި އުޅުނީ، ލައްޗަށް ދިމާވީ މި ކަންތައް. ވަރަށް އުފަލުން ދެ ކުދިން އުޅުނީ ދައްތަމެންނާއެކު. ވަރަށް ލޯބިވާނެ ދެ ކުދިން ދައްތަ ދެކެ،" ދެމަފިރިން އެކުގައި ތިބެ، ދިން އިންޓަވިއުގައި ދަލޭކަ ބުންޏެވެ.

ބަސްއަހައިގެން ދެ ދަރިން ބޮޑުވެ، ވަޒީފާއަށް ރަށުން ބޭރަށް ފުރައިގެން ދިއުމުން އެންމެ އިންތިޒާރުކުރަމުން ދިޔައީ، ދަލޭކަ ބުނިގޮތުގައި ދަރިންގެ ފޯނު ކޯލަށެވެ. ކިތައްމެ ބުރަކޮށް އުޅުނަސް އެ ދެ ކުދިން މަދުވެގެން އެއް ފަހަރު ގުޅާލާނެ އެވެ. ގަޑިން ގަޑިއަށް ކައިގެން އުޅޭތޯ ބަލަ އެވެ.

އިސްމާއިލް ރިޒާ (ކ) އަދި ކުރިން މަރުވި އޭނާގެ ބޭބެ އަލީ ރިޔާޒް. ދެ މީހުން މަރުވީ ނުވަ މަސް ދުވަހުގެ ތެރޭގައި.

ރަށު ސްކޫލުން ގްރޭޑު 10 ނިންމައި 18 އަހަރުވުމުން އެކަކު ވަނީ ފުލުހަށެވެ. ދެން ހުރީ މީހާ ވަނީ ސިފައިންގެއަށެވެ.

ސިފައިންގޭގެ ވަޒީފާގައި އުޅެނިކޮށް 38 އަހަރުގައި ރިޔާޒު މަރުވީ ތަމްރީނެއްގައި ހުޅުމާލޭގައި އުޅެފައި ގިރިފުއްޓަށް ދިޔަތަނާ ހާޓް އެޓޭކެއް ޖެހިގެން އޮކްޓޯބަރު، 2019 ގަ އެވެ.

އެ ހިތްދަތިކަމުގައި އުޅެނިކޮށް ދުނިޔޭގައި އެ ދެމަފިރިންގެ ދެން ހުރި ހަމައެކަނި ދަރިފުޅު، ޕޮލިސް ސާޖަންޓް ރިޒާ އޭގެ ނުވަ މަސް ފަހުން މަރުވި އެވެ.

"ބޭބެ ނިޔާވި ދުވަހު ވެސް [ރިޒާ] ވަރަށް ދެރަވި. ދެން ތިމަންނައަށް ކަމެއް ދިމާވެއްޖިއްޔާ މަންމައާ ބައްޕަ އެކަނިވީއޭ. އެހެން އޭނާ ބުނީ،" ދަލޭކަ ބުންޏެވެ.

ރިޒާ ކައިވެނިކޮށް، ތިން ދަރިންނާއެކު އުޅުނީ މައިންބަފައިން ކައިރީގަ އެވެ. އެ އާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ރިޔާޒުގެ ވެސް އެހީތެރިކަމާއެކު ރިޒާ އެވެ.

ރަޝީދު، އޭނާގެ އަންހެނުން ވާހަކަދައްކާއިރު އަޑުއަހަނީ. ކުދިން ވަކިވިތާ އަހަރުތަކެއް ވިއަސް އެ ދެމަފިރިންނަށް އެ ހިތާމަތަކުން ދުރަކަށް ނުދެވޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަލޭކަ ބުނީ ރިޒާ ޕޮލިސް ސްޓޭޝަނުގައި ހުއްޓާ ކުއްލިއަކަށް އުނދަގޫތަކެއްވާތީ ފުރަތަމަ ގެންދިޔައީ ރަށު ހޮސްޕިޓަލަށެވެ. އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލަން ވެސް ތައްޔާރުވުމުން ހީލާފައި ސަލާމް ވެސް ކޮށްލި އެވެ. އެކަމަކު، އޮކްސިޖަން ލެވެލް ދަށްވާތީ މަތިންދާބޯޓަށް ނޭރުވި އަނެއްކާ ގެންދަން ޖެހުނީ ހޮސްޕިޓަލަށެވެ. އެހާ ހަމައަށް ވެސް އޭނާގެ ސިއްހީ އިތުރު މައްސަލައެއް ނެތެވެ.

ރިޒާ ބޯޓަށް އަރުވަން އުޅޭތީ ދަލޭކަ ވެސް އަނބުރާ ގެއަށް ދިޔައީ އެވެ. ފަތިސް ނަމާދު ކޮށްލައިގެން ހެނދުނުގެ ޒިކުރުތައް ކިޔަން އިންދައި ހަގު ދަރިފުޅު ހާލު ދެރަވި ހަބަރު ދޭން ދިޔައީ އެއްބަނޑުއެއްބަފާ މީހެއްގެ ދަރިއެކެވެ.

"އެހެންބުނި ބާރަށް އޭނާ ރޯން ފެށީ. ރޯން ފެށީމަ ދެން ބުނީ ދައްތަގެ ދެން ހުރި ފުރާނަ ވެސް އެ ގެންދެވީއޭ. ﷲ މިއަޅާއަށް ކެތްތެރިކަން ދެއްވާށިއޭ،" ދަލޭކަ ބުންޏެވެ.

ދަލޭކަ ބުނީ ޒުވާން އުމުރުގައި ދެ ދަރިން ވަކިވިއަސް މިހާރު ވެސް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދެ ކުދިން ރަނގަޅަށް ތަރުބިއްޔަތުކުރެވި، ރަނގަޅަށް ކަންތައް ކުރެވުމެވެ.

މިއީ ތަގުދީރު، ޝުކުރުވެރިވަން

މި ފަހަކާ ޖެހެންދެން ވެސް ރަޝީދު މަހަށް ގޮސްގެން ރަނގަޅު އާމްދަނީއެއް ހޯދި އެވެ. ގެ ހަދަން ފަށައި، ދެފަހަރެއްގެ މަތިން އެ ދެމަފިރިން ހައްޖުގެ އަޅުކަން އަދާކުރި އެވެ. އެހެންވެ، ދެ ކުދިންގެ ފަރާތުން ލޯތްބާއި އަޅާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް އެ ދެ މީހުން ބޭނުމެއް ނުވި އެވެ.

އެކަމަކު، ރިޒާ ގޭގައި އުޅެން ފަށައި އޭނާގެ ދޮށީ އަންހެން ދަރިފުޅަށް ކޮޓަރިއަކާއެކު ގެ އިތުރަށް ރަނގަޅަށް ހަދަން ފެށި އެވެ. ކުރިން ހުރި ވަރަށް ވުރެ އުސްކޮށް، ސިޓިން ރޫމުގައި ކޮޓަރިއެއް ހަދަން ފެށި އެވެ. ނަމަވެސް، މަސައްކަތް ނުނިމެނީސް ރިޒާ މަރުވި ގޮތަށް ގެ ހުރީ އެގޮތުގަ އެވެ.

އޭގެ ފަހުން، ރިޒާގެ އަންހެނުންނާއި ކުޑަކުދިންގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރިއަސް، އެ ގުޅުމަކަށް ފަނޑުކަމެއް ނާދެ އެވެ. ރިޔާޒުގެ ކުދިންނާއި އަންހެނުން ވެސް ގަވައިދުން ގުޅަ އެވެ.

"ވަރަށް ރަނގަޅު އެ ކުދިން ގުޅާ ހާލު ބަލާ ހަދާ." ދަލޭކަ ބުންޏެވެ.

ދަލޭކަ އަދި ރަޝީދު. ދެ މީހުންގެ ކައިވެންޏަށް 45 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައެއް ފަހަރު މި ކަހަލަ ހިތްދަތި ހާލަތްތައް ކުރިމަތިވުމުން ދިރިއުޅުން މަތިން ފޫހިވެ، ކައިވެނިތައް ރޫޅޭ ހިސާބަށް ދެ އެވެ. ދަލޭކަ ބަލައިދޭން އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮގެ ދަރިންތައް އެބަތިއްބެވެ. އެކަމަކު، ހިތްވަރުކޮށްފައި އެ ދިރިއުޅުން ކުރިއަށް ގެންދަނީ އެވެ.

"ދިރިއުޅުން ވަރަށް އެކަނިވެރި. އެކަމަކު، ދަންދެން ކެތްތެރިވެ ހުންނާނީ،" އޭނާ ބުންޏެވެ.

"ދުއާއަކީ ދެ ދަރިން ގެންދެވި ފަދައިިން މީހަކަށް އުނދަގުލެއް ނުކޮށް އަހަރެން ވެސް ކަލާނގެ ހަޒްރަތަށް ގެންދެވުން. މީހަކަށް އުނދަގުލެއް ނުކޮށް ކާކުތޯ ބަލާނީ. މިހެން ބުންޏަސް ބަލާނެ މީހުން ތިބޭނެތީ ﷲ އަހަރެމެންނަށް އެހެން މިންވަރު ކުރެއްވީ،"

އެމްއެންޑީއެފްގެ މަސައްކަތެއްގައި އުޅެނިކޮށް ނިޔާވެފައި ވާތީ ރިޔާޒުގެ ޕެންޝަން ފައިސާ އާއި މެޑިކަލް ހަރަދުތައް އާއިލާ އަށް ލިބޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ. އެ ޕެންޝަން ފައިސާ ދަލޭކަ ދޫކޮށްލީ ރިޔާޒުގެ ދަރިފުޅަށެވެ. ފުލުހުންގެ ފަރާތުން ތިން ކުދިންގެ ތެރެއިން ކޮންމެ ކުއްޖަކަށް އަދި މައިންބަފައިންނަށް މަހަކު 2،100ރ. ލިބެ އެވެ. ދަލޭކަ ބުނީ ރިޒާ މަރުވިތާ އަހަރެއް ފަހުން އެ ފައިސާ ލިބެން ފެށީ ވެސް އާއިލާ މީހުން މަސައްކަތް ކޮށްގެން ކަމަށެވެ.

މިހާރު އެ ދެމަފިރިންގެ ދިރިއުޅުން ހަމަޖައްސަނީ ރަޝީދަށް ލިބޭ 5،000ރ. ގެ އެލަވަންސް އަދި ފުލުހުންގެ ވަޒީފާގައި އުޅެނިކޮށް ދަރިފުޅު މަރުވުމުން ލިބޭ އެލަވަންސުންނެވެ.

ރަޝީދުގެ މިހާރުގެ ދިރިއުޅުމަކީ ދީނީ ކަންތައްތައް އަދާކޮށް ހިތްހަމަޖައްސާލަން ބޭރުތެރެއަށް ނުކުމެ އުޅުމެވެ. ގޭތެރޭގައި ކުރަންޖެހޭ ކަންކަން ނިންމައި، ވަލަށް ވަދެ އޮށް ހޮވައި އަވަށްޓެރިންނަށް ޒިޔާރަތްކުރުމަކީ ދަލޭކައިގެ ކޮންމެ ދުވަހެއްގެ އާދަ އެވެ.

އެކަމަކު، ދުވަހުގެ ބުރަ މަސައްކަތުން ހަށިގަނޑަށް ވަރުބަލިކަން އިހުސާސްވިއަސް، އޭނާ ބަލައި ބޮޑުކުރި ދެ ދަރިންގެ ހަނދާންތައް ސިކުނޑިއަކުން ނުދެ އެވެ. ޅަފަތުގައި ހަތް ދަރިން މަރުވި ގޮތާ މެދު އަދި ވެސް ވިސްނި، ރޭގަނޑު ހަމަ ނިދި ނުލިބެ އެވެ.

ނަމަވެސް، އޭނާ ބުނީ މިއީ ތަގުދީރު ކޮށްފައިވާ ގޮތް ކަމަށެވެ. އެކަމާ ޝުކުރުވެރި އެވެ.

"ކުދިން ގެންދިޔަ ގޮތަށް ބަލާ އަންނާނެއޭ، ކިރިޔާ ކަމެއް ވާއިރަށް ހިތަށް އަރަނީ އެހެން،"

"ﷲ ދައްތަމެން އިމްތިހާނުކުރި ގޮތް މިއީ. އިރާދަކުރެއްވިއްޔާ މި އިމްތިހާނުން ފާސްވާނެ." އޭނާ ބުންޏެވެ.

36 ކޮމެންޓް, 213 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 93%
icon angry icon angry 0%
icon wow icon wow 1%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިލްކް

06 March 2025

އަޅުގަނޑު ދަންނަން އައްޔަ ސަރ. ވަރަށް ރަގަޅު ސިފަވަންތަ ސޯލްޖަރެއް. އަޅުގަނޑުމެން ގެ ކައިރީގައި ކުއްޔަށް ދިރިއުޅުނީ. ކުރިންވެސް މި އާއިލާގެ ވާހަކަ އައްޔަ ސަރ ނިޔާވިއިރު އެނގުނު. ވަރަށް ހިތްދަތިވި ވާހަކަތަކެއް.. މާތް ﷲ އަލީ ރިޔާޒު ސަރ އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާ އެ މަރުހޫމުގެ ފާފަތައް ފުއްސަވާށި.. މާތްﷲ ދައްތައާއި ބޭބެއަށް ކެތްތެރިކަން ދެއްވައި އެދަރިންނަން ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށި. އާމީން

The name is already taken The name is available. Register?

ހުނަފާ

06 March 2025

ވަރަށް ހިތަށް އަސަރު ކޮއްފި، ރޮވިއްޖެ ހަމަ.. އީމާންތެރިކަމާއި، ކެތްތެރިކަމުގެ ނަމޫނާއެއްތީ.. މާތްﷲ ދައްތައާއި ބޭބެއަށް ކެތްތެރިކަން ދެއްވައި އެދަރިންނަން ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށި. އާމީން

The name is already taken The name is available. Register?

އައިމިނާ

05 March 2025

ކޮންފަދަ އީމާންތެރިކަމަކާއި ކެތްތެރި ކަމެއް. ﷲމާތް ދެކަނބަލުންނަށް ހެޔޮ ރަޙްމަތްލައްވާށި.

The name is already taken The name is available. Register?

އައިމިނާ

05 March 2025

ކޮންފަދަ އީމާންތެރި ކަމާއި ކެތްތެރިކަމެއް.ހެޔޮ ރަޙްމަތް ލައްވާށި.

The name is already taken The name is available. Register?

ޙަސީ

05 March 2025

ރޮވިއްޖެ ހަމަ. ކެތްތެރިކަމުގެ އިންތިހާ ތިޔައީ. ދައްތަޔާއި ބޭބެެއަށް ޙެޔޮރަހުމަތާއި ހެޔޮގޮތް މިންވަރު ކުރައްވާށި. ކުދިން ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވާށި. އާމީން.

The name is already taken The name is available. Register?

ފަޅުމަސް

05 March 2025

ހިތަށް އަރަނީ މިއީ ދެމަފިރިންގެވެސް އަލަތު ކައިވެނި ބާއޭ؟ ދަލޭކައާއި މުޙައްމަދު ރަޝީދު ކައިވެނި ކުރި އިރު މުޙައްމަދު ރަޝީދުގެ އުމުރުން 33 އަހަރު ވެދާނެ.. އެ ޒަމާނަށް ބަލާއިރު ކައިވެނި ނުކޮށް ހުރުން ދުރު.. އެހެންކަމުން، މުޙައްމަދު ރަޝީދުގެ އިތުރު ދަރިން ތިބިތޯ އާއި އެ ކުދިންގެ ސިއްހީ މައްސަލައެއް ހުރޭތޯ ސުވާލު ހިތުގައި އުފެދޭ..

The name is already taken The name is available. Register?

އަންޒަމާން

05 March 2025

ނަސީބެއް އެޒަމާނުގަ ޑިޕްރެށަންއާއި އެންޒައިޓީ ރާއްޖެއައް ފާޅުނުވެއޮތްކަން.އެހެންނޫންނަމަ މިދައްތަމެން ބޭބެމެން ސަލާމަތްނުވީސް.

The name is already taken The name is available. Register?

ތެދެއް

06 March 2025

ވަރަށްބޮޑު ތެދެއް. މިހާރު ފެންފޮދެއް ބޯލަން އުނދަގޫވިއަސް ދެންވަނީ ނަފްސާނީ. ދެން ޖެހޭނީ ހެސްކިޔާފައި ބޭސްކާން. އެކަމަކު ކާބަފައިންގެ ފަރާތުން ފެނިފައިވާ މަންޒަރު މުޅިން ތަފާތު

The name is already taken The name is available. Register?

އިއްތިފާގު

05 March 2025

ސުބުޙާނަﷲ މިވަރުގެ ހަބަރެއް ކިއުނުކަމެއް ނޭނގެ. މަާތް ﷲ މި ކުދިންނަށް ޖަންނަތުލް ފިރުދައުސް މިންވަރުކުތައްވާށި އާމީން. ދައްތަގެ ދެމެފިރިންނަށް ރަހްމަތްލައްވާށި ކެތްތެރިކަމުގެ ޖަޒާ ފޮނިވާނެ އިންޝާﷲ

The name is already taken The name is available. Register?

ދަލޭކާ

05 March 2025

ދެމަފިރިންނަށް ހެޔޮރަހުމަތްލައްވައ ދެމަފިރިން ބޭނުނވާފައިދިން ކަންތައް ވުމަށް ދުޢާކުރަން!

The name is already taken The name is available. Register?

ޢައިރިން

05 March 2025

ވ ގަދަޔަށް ރޮވިއްޖެ. ހާދަ ހިތްސާފު ހިތްވަރުގަދަ ކެތްތެރި ދެމަފިރިންނެވެ. މަޙުރޫމުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި ދައްތަ އާއި ބޭބެއަށް އަމާން އޮމާން ދުވަސްތަކެއް ދެއްވާށި އާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454