ހަށިގަނޑުގައި ހުރި ހާއްސަ ލެއެއްގެ ޕްލާސްމާ ހަދިޔާކޮށްގެން ދެ މިލިއަނަށްވުރެ ގިނަ ކުދިންގެ ފުރާނަ ސަލާމަތްކޮށްދިން ޖޭމްސް ހެރިސަން ލޭ ދެނީ: އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަރުވެފައި.
04 މާޗް 2025 - 07:43
ހަށިގަނޑުގައި ހުރި ހާއްސަ ލޭގެ ޕްލާސްމާއިން 2.4 މިލިއަން ކުދިންގެ ފުރާނަ ސަލާމަތްކޮށްދިން އޮސްޓްރޭލިއާ މީހާ މަރުވެއްޖެ އެވެ.
އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ނާސިން ހޯމެއްގައި ޖޭމްސް ހެރިސަން މަރުވީ ނިދީގައި، މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ. މަރުވި އިރު އުމުރަކީ 88 އަހަރެވެ.
"ރަނުގެ އަތް" ކަމަށް މަޝްހޫރުވެފައިވާ ހެރިސަންގެ ލޭގައި ވަރަށް ނާދިރު އެންޓިބޮޑީއެއް ކަމަށްވާ އެންޓި-ޑީ ހުރެ އެވެ. މިއީ މާބަނޑު މީހުންގެ ލޭ، ބަނޑުގައިވާ ދަރިފުޅަށް ހަމަލާ ދިނުމުގެ ނުރައްކާ އޮންނަ ހާލަތުގައި ދޭ ބޭހެއްގައި ބޭނުންކުރާ އެންޓިބޮޑީއެކެވެ.
ހެރިސަންގެ ހަނދާން އާކުރަމުން އޮސްޓްރޭލިއަން ރެޑް ކްރޮސް ބްލަޑް ސާވިސް އިން ބުނީ އޭނާ ލޭ ހަދިޔާކުރަން ފަށަން ނިންމީ އުމުރުން 14 އަހަރުގައި މޭގެ ވަރަށް ބޮޑު ސާޖަރީއެއް ހެދި އިރު ލޭ އަޅަން ޖެހުނު ހިސާބުން ކަމަށެވެ.
އުމުރުން 18 އަހަރުގައި ލޭގެ ޕްލާސްމާ ހަދިޔާ ކުރަން ފެށި ގޮތަށް، އުމުރުން 81 އަހަރު ވަންދެން ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު އޭނާ އެގޮތަށް ޕްލާސްމާ ހަދިޔާކުރަމުން ދިޔަ އެވެ.
އޭނާ އަށް 2005 ވަނަ އަހަރު ވަނީ އެންމެ ގިނައިން ލޭގެ ޕްލާސްމާ ހަދިޔާކުރުމުގެ ރެކޯޑް ލިބިފަ އެވެ. އެކަމަކު 2022 ވަނަ އަހަރު އެ ރެކޯޑް ވަނީ އެމެރިކާ މީހަކަށް ލިބިފަ އެވެ.
ހެރިސަންގެ އަންހެން ދަރިފުޅު ޓްރޭސީ މެލޯޝިޕް ބުނީ އެއްވެސް އަގަކާއި ވޭނަކާ ނުލައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވުނީތީ އޭނާގެ ބައްޕަ ފަހުރުވެރިވާ ކަމަށެވެ.
"އަބަދުވެސް ބުނަމުން ދިޔައީ އެކަމުން ގެއްލުމެއް ނުވާނެ ކަމަށާއި، ސަލާމަތްކުރާ ފުރާނައަކީ އަމިއްލަ ފުރާނައަށް ވެސް ވެދާނެ ކަމަށް،" މެލޯޝިޕް ބުންޏެވެ.
މެލޯޝިޕާއި ހެރިސަންގެ ކާފަ ދަރިންނަކީ ވެސް ލޭގައި އެންޓި-ޑީ ހުރި މީހުންނެވެ.
އެންޓި-ޑީ އިން، ވިހެއުމާއި އަލަށް އުފަންވާ ކުދިންގެ ލޭގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ހީމޯލިޓިކް ޑިޒީޒް ނުވަތަ އެޗްޑީއެފްއެން އިން ސަލާމަތްކޮށްދެ އެވެ. މާބަނޑު ދުވަސްވަރު މިހެން ދިމާވަނީ މައިމީހާގެ ރެޑް ބްލަޑް ސެލްތައް، ބޮޑުވަމުން އަންނަ ތުއްތު ކުއްޖާއާ ނުގުޅޭ ހާލަތްތަކުގަ އެވެ.
މިހެން ދިމާވުމުން، މައިމީހާގެ ދިފާއީ ނިޒާމުން ކުއްޖާގެ ލޭގެ ސެލްތައް ނުރައްކަލެއްގެ ގޮތުގައި ބަލައި، އެ ސެލްތަކަށް ހަމަލާދިނުމަށް އެންޓިބޮޑީޒް އުފައްދަ އެވެ. މިކަމުގެ ސަބަބުން ތުއްތު ކުއްޖާއަށް އެނީމިއާގެ ނުރައްކާ ވަރަށް ބޮޑުވުމާއި ހާޓް ފެއިލްވުން ނުވަތަ މަރުވުން ފަދަ ހާލަތްތަކާ ވެސް ކުރިމަތިވެ އެވެ.
އެންޓި-ޑީ ފަރުވާ 1960 ގެ އަހަރުތަކުގެ މެދުތެރޭގައި ދޭން ފެށުމުގެ ކުރިން، އެޗްޑީއެފްއެން ޖެހޭ ކޮންމެ ދެ ކުއްޖަކުން އެއް ކުއްޖަކު މަރުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިރޯ
04 March 2025
2.4 މިލިއަން ކުދިން ސަލާމަތް ކުރި މީހާ އެޅެނީ ނާސިން ހޯމްގަ، އެތައް ހާސް ކުދިން މަރާ މީހާ އުޅޭނީ ގަނޑުވަރުގަ