އެންމެ މަތިވެރި އެންމެ މަތީ ދަރަޖައިގެ، އަދި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ލަދުވެތިކަމަކީ ﷲ އަށް ވާންޖެހޭ ލަދުވެތިވުން.
05 މާޗް 2025 - 07:41
ޞަޙާބީ ބޭކަލެއް ކަމަށްވާ އަޝައްޖު ޢަބްދުލް ޤައިސްއާ މުހާތަބު ކުރައްވައި، ކީރިތި މާތް ނަބިއްޔާ މުހައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ ހަމަކަށަވަރުން ތިބާގެ ކިބައިގައި، މާތް ﷲ ލޯބިވެވޮޑިގަންނަވާ ދެ ސިފައެއް ވެ އެވެ. އެއީ ހިލްމުވެރިކަމާއި ލަދުވެތިކަމެވެ.
އިސްވެ ދެންނެވި ހަދީސުން އެނގެނީ މީހެއްގެ ކިބައިގައި ހިލްމުވެރިކަމާއި ލަދުވެތިކަމުގެ ސިފަ ހުރެއްޖެ ނަމަ އެ މީހަކު ދެކެ ﷲ ސުބްހާނަހޫ ވަތައާލާ ލޯބިވެވޮޑިގަންނަވާނެ ކަމެވެ. އަދި ލަދުވެތިކަން ހިމެނެނީ އީމާންކަމުގެ ތެރެއިންކަން ބަޔާން ކުރައްވައި އިތުރު އެކަލޭގެފާނު ހަދީސް ކުރައްވާފައިވަނީ؛ އީމާންކަން ހަތްދިހަ އެތައް ބަޔަކަށް ބެހިގެންވެ އެވެ. ލަދުވެތިކަމަކީ އީމާންކަމުގެ ބައިތަކުގެ ތެރެއިން އެއް ބައެވެ.
ލަދުވެތިކަމުގެ މާތްކަމާއި މަތިވެރިކަމާ ބެހޭ ގޮތުން ޞަޙީޙް ބުޚާރީ އާއި މުސްލިމްގައި ރިވާވެގެންވެ އެވެ. ޢިމްރާން ބްނު ޙުޞައިން ރިވާކުރެއްވި އެވެ. ހަމަކަށަވަރުން ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) މިފަދައިން ހަދީސް ކުރެއްވި އަޑު އެހީމެވެ؛ (الْحَيَاءُ لاَ يَأْتِي إِلاَّ بِخَيْرٍ) ލަދުވެތިކަމުގެ ސަބަބުން ހެޔޮ ކަމެއް މެނުވީ ނުލިބޭ ހުއްޓެވެ. އިމާމް މުސްލިމްގެ އެހެން ރިވާޔަތެއްގައި ވަނީ، ލަދުވެތިކަމުގައި މުޅިން ވެސް ވަނީ ހެޔޮ ކަމެވެ.
ނަމަވެސް އުފެދޭ ސުވާލަކީ، އެހައި މަތިވެރި އެހައި މާތް ލަދުވެތިކަމަކީ ކޮބައި ހެއްޔެވެ؟ ލަދުވެތިކަމަކީ މާތް ﷲ ލޯބިވެވޮޑިގަންނަވާ ސިފައެއް ކަމުގައި ވަނީ ކީއްވެ ހެއްޔެވެ؟ އަދި ލަދުވެތިކަމަކީ އީމާންތެރިކަމުގެ ބައިތަކުގެ ތެރެއިން ބައެއް ކަމުގައި ވަނީ ކީއްވެ ހެއްޔެވެ؟
އެންމެ މަތިވެރި، އެންމެ މަތީ ދަރަޖައިގެ، އަދި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ލަދުވެތިކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށްޓަކައި ވާންޖެހޭ ލަދުވެތިވުމެވެ. އެންމެހައި މަހުލޫގުން ހަލްގު ކުރެއްވި އިލާހަށްޓަކައި ވާން ޖެހޭ ލަދުވެތިވުމެވެ. ތިބާ އަށް އެކަލާނގެ ޒާތުފުޅު ނުފެނުނަސް، ތިބާ ވީ ކޮންމެ ތަނެއްގައި ކޮންމެ ހާލެއްގައި ތިބާގެ ހުރިހާ ކަމެއް ދެކެދެނިވޮޑިގެންވާ ކަލާނގެއަށްޓަކައި ވާން ޖެހޭ ލަދުވެތިވުމެވެ. ފައުޅުގައި ކުރާ ކަންކަމާއި ސިއްރުން ކުރާ ކޮންމެ ކަމެއްމެ އެންމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއަށްޓަކައި ވާން ޖެހޭ ލަދުވެތިވުމެވެ.
ލަދުވެތިކަމަކީ، ސިއްރާއި ފައުޅުގައި އަލިކަމާއި އަނދިރީގައި ވިޔަސް، މަހުލޫގުން ކުރާ އެއްވެސް ކަމެއް، ވަންހަނާވެވޮޑިގެން ނުވާ ރަސްކަލާނގެ ޙަޟްރަތުން، އިންސާނާގެ ކިބައިގައި ލައްވަވާފައިވާ ސިފަ އެވެ. ނަމަވެސް އިންސާނާގެ ކިބައިގައި އެ ސިފަ ހުންނަ ގޮތާއި މިންވަރު ބިނާވެފައިވަނީ އޭނާގެ އީމާންކަމުގެ މައްޗަށެވެ.
އަޅުގަނޑުމެން އެންމެ ފުރަތަމަ ލަދުވެތިވާން ޖެހެނީ، އެކަލާނގެ އަޅުގަނޑުމެންގެ މައްޗަށް ބައްލަވާވޮޑިގެންވާތީ އެވެ. އެކަލާނގެ އަޅުގަނޑުމެންގެ މައްޗަށް ބައްލަވާވޮޑިނުގަންނަވާ އެންމެ ހިނދުކޮޅެއް، ނުވަތަ ހިނދުކޮޅެއްގެ ބިލިއަން ބައިކުޅަ ބައިގެ މިންވަރު ވެސް ނުދެ އެވެ. އެހެންކަމުން، އަޅުގަނޑުމެން ލަދުވެތިވާން ޖެހެނީ، އެކަލާނގެ ރުހިވޮޑިނުގެންނަވައިފާނެ ފަދަ ކިތަންމެ ކުޑަ ކަމެއް ވިޔަސް ކުރެވިދާނެތީ އެވެ. އެކަމާ މެދު ލަދުވެތި ވާނީ، އީމާންތެރިކަމުގައި ސާބިތުވެ ހުންނަ މީހާ އެވެ.
އެ މިންވަރަށް ހިތުގައި އީމާންތެރިކަން ހަރުލައި ހުންނާނީ ތިން ކަމެއް އެ މީހެއްގެ ކިބައިގައި ފުރިހަމަވެގެންނެވެ.
ފުރަތަމަ ކަމަކީ، މާތް ﷲ ތިމާއަށް ދެއްވި ނިއުމަތްތަކާއި އެކަލާނގެ ދީލަތިވަންތަކަމާއި އޯގާވަންތަކަން ތިމާގެ ހިތުގައި ސާބިތުވެފައިވުމެވެ.
ދެ ވަނަ ކަމަކީ، އެކަލާނގެ އަޅުގަނޑުމެންނަށް އަމުރު ކުރެއްވި ކަންކަން ކުރުމުގަޔާއި އެކަލާނގެ މަނާ ކުރެއްވި ކަންކަމުން ދުރުހެލިވުމުގައި އެންމެ ފުރިހަމަ އަށް އަމަލު ނުކުރެވޭ ކަމުގެ ދެރަޔާއި މޮޅިވެރިކަން އިހުސާސް ކުރެވުމެވެ.
ތިން ވަނަ ކަމަކީ، ތިބާ ވީ ކޮންމެ ހާލެއްގައި ވީ ކޮންމެ ތަނެއްގައި، ފައުޅުގަޔާއި ސިއްރުގައި ތިބާ ކުރާ ހުރިހާ ކަމެއް އެކަލާނގެ ދެކެދެނެވޮޑިގެންވާކަން ތާއަބަދުމެ ހަނދާނުގައި ހުރުމެވެ.
އެ މީހެއްގެ ހިތުގައި މާތް ﷲއާ މެދު ލަދުވެތިކަން އުފެދިފައިވާ ނަމަ ބަދު އަހުލާގީ އަމަލުތަކާ ދުރުހެލިވާނެ އެވެ. ހަޑިހުތުރު މުއާމަލާތްތައް ދޫކޮށްލާނެ އެވެ. ހާރާމް ކަންތަކުން ނަފުސު ރައްކާތެރި ކުރާނެ އެވެ. އޭގެ ބަދަލުގައި އޭނާގެ ނަފުސު އެދި ގޮވާނީ، މާތް ﷲ ވާޖިބު ކުރެއްވި ކަންކަމާއިގެން މަޝްއޫލުވުމަށެވެ. އޭނާގެ ނަފުސު ދައުވަތު ދޭނީ މަކާރިމުލް އަހުލާގުގެ ސިފައިން ޒީނަތްތެރިވުމަށެވެ.
މި ތިން ސިފަ އެ މީހެއްގެ ހިތުގައި އަށަގެންފައިވާ ނަމަ މާތް ﷲއަށްޓަކައި އޭނާ ވަރަށް މަތީ މިންވަރަކަށް ލަދުވެތިވާނެ އެވެ. އެ ލަދުވެތިކަމުގެ ސަބަބުން، އެ މީހެއްގެ ކިބައިން ދެން ފެންނަމުން ދާނީ އެންމެހައި ހެޔޮ ކަންކަމެވެ. އޭނާގެ ބަސްމަގުގައި ހުންނާނީ ތެދުވެރިކަމާއި ރިވެތި ވަޢުޡެވެ. އޭނާގެ އަމަލުތަކުގައި ހުންނާނީ އިހުލާސާތެރިކަމާއި ސީދާ ކަމެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ގުނައި އަދަދު ނުކުރެވޭހާ ގިނަ ނިއުމަތްތަކެއް އަޅުގަނޑުމެންނަށް ދެއްވައިފަ އެވެ. މި ކައުނުގައި ވާހައި އެއްޗެއް އިންސާނާގެ ހިދުމަތުގައި ލެއްވެވި އެވެ. އިންސާނާ އިމްތިހާން ކުރެއްވުމުގެ ގޮތުން، އެ ނިއުމަތްތަކުގެ ބޭނުން ހިފުމުގައި އިހުތިޔާރާއި ބާރު ދެއްވި އެވެ. މާތް ﷲ ހުއްދަ ކުރެއްވި ގޮތަށް އެ ނިއުމަތްތަކުގެ ބޭނުން ކުރުމާއި އެކަލާނގެ ނަހީ ކުރެއްވި ކަންކަމުގައި އެ ނިއުމަތްތަކުގެ ބޭނުން ހިފުމުގެ އިހުތިޔާރު ދެއްވި އެވެ.
އެ މީހެއްގެ ހިތުގައި މާތް ﷲއާ މެދު ލަދުވެތިކަން އުފެދިފައިވާ ނަމަ ބަދު އަހުލާގީ އަމަލުތަކާ ދުރުހެލިވާނެ އެވެ. ހަޑިހުތުރު މުއާމަލާތްތައް ދޫކޮށްލާނެ އެވެ. ހާރާމް ކަންތަކުން ނަފުސު ރައްކާތެރި ކުރާނެ އެވެ. އޭގެ ބަދަލުގައި އޭނާގެ ނަފުސު އެދި ގޮވާނީ، މާތް ﷲ ވާޖިބު ކުރެއްވި ކަންކަމާއިގެން މަޝްއޫލުވުމަށެވެ. އޭނާގެ ނަފުސު ދައުވަތު ދޭނީ މަކާރިމުލް އަހުލާގުގެ ސިފައިން ޒީނަތްތެރިވުމަށެވެ.
މާތް ﷲ އަށް ލަދުވެތިވުމަކީ ދުލުން ބުނެލާ ބަހެއް ނޫނެވެ. އެހެނެއް ކަމަކު އެއީ، މުއުމިނު އިންސާނާގެ ހިތުގައި ސާބިތުވެ، އޭނާގެ އަމަލުތަކުން ފައުޅުވާ ސިފައެކެވެ. މި ކަމާ ބެހޭ ގޮތުން، ޢަބްދުﷲ ބްނު މަސްޢޫދުގެ އަރިހުން ރިވާވެގެންވެ އެވެ؛ ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)، އެކަލޭގެފާނުގެ އަޞްޙާބުންނަށް އެއް ދުވަހަކު ޙަދީޘްކުރެއްވިއެވެ؛ (اسْتَحْيُوا مِنَ اللَّهِ حَقَّ الْحَيَاءِ) މާތް ﷲ އަށް ލަދުވެތިވުން ހައްގު ގޮތުގައި، ތިޔަބައިމީހުން އެކަލާނގެ އަށް ލަދުވެތިވާށެވެ. ދެން އެ ބޭކަލުން ދެންނެވި އެވެ. މާތް ﷲ އަށް ހަމްދުކުރަމެވެ. އޭ ﷲގެ ނަބިއްޔާ އެވެ! ތިމަންބޭކަލުން މާތް ﷲ އަށް ލަދުވެތިވަމެވެ. ދެން އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ؛ (لَيْسَ ذَلِكَ وَلَكِنَّ مَنِ اسْتَحْيَى مِنَ اللَّهِ حَقَّ الْحَيَاءِ فَلْيَحْفَظِ الرَّأْسَ وَمَا وَعَى وَلْيَحْفَظِ الْبَطْنَ وَمَا حَوَى وَلْيَذْكُرِ الْمَوْتُ وَالْبِلَى وَمَنْ أَرَادَ الْآخِرَةَ تَرَكَ زِينَةَ الدُّنْيَا فَمَنْ فَعَلَ ذَلِكَ فَقَدِ اسْتَحْيَى مِنَ اللَّهِ حَقَّ الْحَيَاءِ) މި ނަބަވީ ބަސްފުޅުގެ ތަފްސީރަކީ؛ މާތް ﷲ ދެކެ ލަދުވެތިވުމަކީ ތިޔަ ހީކުރާ ފަދައިން އޮތް ކަމެއް ނޫނެވެ. އަދި ކިއެއްތަ، މާތް ﷲ އަށް ލަދުވެތިވުން ހަގު ވެގެންވާ ގޮތުގައި ލަދުވެތިވާ މީހަކު ނަމަ، ފަހެ އެ މީހެއްގެ ބޮލާއި އެ ބޮލާ ގުޅިފައިވާ އެހެން ގުނަވަންތައް ރައްކާތެރިކުރާށެވެ! އަދި އެ މީހެއްގެ ބަނޑާއި އެ ބަނޑާ ގުޅިފައިވާ އެހެން ގުނަވަންތައް ރައްކާތެރިކުރާށެވެ! އަދި މަރާއި މަރާ ގުޅިފައިވާ އެންމެހައި ކަންތައް ހަނދުމަ ކުރާށެވެ! އަދި އާހިރަތް އެދޭ މީހާ، ދުނިޔޭގެ ޒީނަތްތެރިކަން ދޫކޮށްލާހުށި ކަމެވެ. ފަހެ، މި ކަންކަން މި ގޮތަށް ކޮށްފި މީހާ މާތް ﷲ އަށް ލަދުވެތިވުން ހަލްގު ވެގެންވާ ގޮތުގައި ލަދުވެތިވެއްޖެ އެވެ.
މި ނަބަވީ ބަސްފުޅުން ލިބޭ އިރުޝާދަކީ، މައިގަނޑު ހަތަރު ކަމެއް ފުރިހަމަވެގެން މެނުވީ، ﷲ ސުބްޙާނަހޫ ވަތަޢާލާއާ މެދުގައި އެ މީހެއްގެ ހިތުގައި ލަދުވެތިކަމެއް ނުއުފެދޭނެ ކަމެވެ.
އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ބޮލާއި އެ ބޮލާ ގުޅިފައިވާ އެހެން ގުނަވަންތައް ރައްކާތެރިކުރުމެވެ. މި އިރުޝާދުގެ މުރާދަކީ، މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން މެނުވީ ތިމާގެ ބޮލާއި އެ ބޮލާ ގުޅިފައިވާ އެހެން ގުނަވަންތައް ބޭނުން ނުކުރުމެވެ. އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ސަޖިދަ ނުޖެހުމެވެ. ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުވެތިވުމަށް ކުރުނީސް ނުކުރުމެވެ. ބޮލާ ގުޅިފައިވާ ގުނަވަންތަކަކީ، ދެ ކަންފަތާއި ދެ ލޮލާއި އަނގަޔާއި ދެ ތުންފަތާއި ނޭފަތެވެ.
އެ މީހެއްގެ ހިތުގައި މާތް ﷲ އަށް ލަދުވެތިކަން އުފެދިފައިވާ ނަމަ މާތް ﷲ ރުހިވޮޑިގެންނުވާ އަޑެއް އޭނާގެ ކަންފަތަކުން ނާހާނެ އެވެ. މާތް ﷲ ނަހީ ކުރައްވާފައިވާ ތަންތަން އޭނާގެ ލޮލަކުން ނުބަލާނެ އެވެ. ދޮގުހެދުމާއި ދެބައޮޑުވުމާއި އާޑަފުރައްސާރަ ކުރުމާއި ނެތިމޮށުން ފަދަ ކަންކަމުން ދޫ ރައްކާތެރިކުރާނެ އެވެ. އެއީ ތިމާގެ ކަންފަތުން އަހާ ކޮންމެ އަޑަކާއި ތިމާގެ ލޮލުން ދެކޭ ކޮންމެ މަންޒަރަކާއި ތިމާގެ ދުލުން ބޭރުކުރާ ކޮންމެ ލަފްޒެއްމެ އައްސަވައި ބައްލަވާވޮޑިގެންވާ ﷲ ސުބްހާނަހޫ ވަތައާލާ އަށް އެނގިވޮޑިގެންވާނެތީ އެކަމަށް އޭނާ ލަދުވެތިވާތީ އެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy