05 މާޗް 2025 - 12:15
ވިރާތު ކޯލީ ހެދި 84 ލަނޑާ އެކު، އޮސްޓްރޭލިއާ ހަތަރު ވިކެޓުން ބަލިކޮށް އިންޑިއާ އިން އައިސީސީ ޗެމްޕިއަންސް ޓްރޮފީގެ ފައިނަލުން އިއްޔެ ޖާގަ ހޯދައިފި އެވެ.
ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އޮސްޓްރޭލިއާ ކުޅެން އަރައި 49.3 އޯވަރުގެ ތެރޭގައި 264 ލަނޑު ހެދި އެވެ.
ޖަވާބުގައި އިންޑިއާ ކުޅެން އަރައި 267 ލަނޑު ހެދީ ހަ ކުޅުންތެރިން ނުބައިވެގެން 48.1 އޯވަރުގެ ތެރޭގަ އެވެ.
މުބާރާތުގެ ފައިނަލުގައި އިންޑިއާ ބައްދަލުކުރާނީ ޕާކިސްތާނުގެ ލާހޫރުގައި މިއަދު ކުޅޭ ދެ ވަނަ ސެމީ ފައިނަލުގައި ދެކުނު އެފްރިކާ އާއި ނިއުޒީލެންޑް ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ. އާދީއްތަ ދުވަހު ފައިނަލް މެޗު އޮންނާނީ ދުބާއީގަ އެވެ. ޕާކިސްތާނުން ހޯސްޓް ކުރި ނަމަވެސް އިންޑިއާގެ ހުރިހާ މެޗެއް އޮންނަނީ ދުބާއީގަ އެވެ.
އިއްޔެގެ މެޗުގައި އޮސްޓްރޭލިއާގެ އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 73 ލަނޑު ހެދި ކެޕްޓަން ސްޓީވް ސްމިތު އާއި، 61 ލަނޑު ހެދި އެލެކްސް ކެރީ އެވެ.
އިންޑިއާގެ އިނިންސްގައި މައްސަލަތަކެއް ދިމާވީ ކުރީކޮޅު ކެޕްޓަން ރޯހިތު ޝަރްމާ އާއި، ޝުމްބަން ގިލް ނުބައިވުމުންނެވެ. އެކަމަކު ދެން އެރި ކޯލީ އާއި ޝްރެޔަސް އިޔާރް ވަނީ އިންޑިއާ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދީފަ އެވެ. ވިރާތު 84 ލަނޑު ހެދިއިރު، ޝްރެޔަސް 45 ލަނޑު ހެދި އެވެ.
ފަހުން އިޔާރް ނުބައިވުމުން ކޯލީ ވަނީ ކޭއެލް ރާހުލްއާ އެކު ރަނގަޅު ޕާޓްނާޝިޕެއް ހަދައިފަ އެވެ. އެކަމަކު ކޯލީ ސައްތައެއް ހެދުމާ ދިމާލަށް ދަނިކޮށް، ނުބައިވީ އެވެ. އޭގެ ފަހުން އިންޑިއާ ސަލާމަތްކޮށްދިނީ ރާހުލް އާއި ހަރްދިކް ޕަންޑަޔާ އެވެ. ހާއްސަކޮށް ހަރްދިކް ނުބައިވުމުން ރާހުލް ފަހު ވަގުތު މޮޅަށް ކުޅުނެވެ. އިންޑިއާ މޮޅުވީ ރާހުލް ހަޔަކަށް ޖެހި ބޯޅައިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy