މިދިޔަ އަހަރުގެ ކުރީކޮޅު ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ބައެއް މަންދޫބުން.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
06 މާޗް 2025 - 07:53
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ބާއްވަން ތާވަލް ކޮށްފި އެވެ.
އެރޭ 9:15 ގައި ބާއްވާ ކޮންގްރެސްގެ ދައުވަތު، އެފްއޭއެމުން ކްލަބްތަކަށް ފޮނުވާފައި ވާއިރު ކޮންގްރެސްގެ އެޖެންޑާ ވެސް ވަނީ ފައިނަލް ކޮށްފަ އެވެ.
އެޖެންޑާގައި ވަނީ ފިޔަވަޅު އަޅާ ކޮމިޓީ އާއި އިސްތިއުނާފް ކޮމިޓީ އަދި އެތިކްސް ކޮމިޓީ ހޮވަން ހިމަނައިފަ އެވެ. ދެން އެޖެންޑާގައި އޮތީ މިދިޔަ ދެ އަހަރުގެ އެފްއޭއެމްގެ މުއާމަލާތްތައް އޮޑިޓް ކުރާނެ އޮޑިޓް ފާމެއް ކަނޑައެޅުމެވެ.
އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަ ކޮންގްރެސްއެއް ފަހުން ބާއްވާނެ ކަމަށް އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ ޝުޖާއު ވަނީ ކުރިން ވިދާޅުވެފަ އެވެ. ފީފާ އިން ވެސް ވަނީ އެފްއޭއެމްގެ އަސާސީ ގަވާއިދަށް ބައެއް ބަދަލުތައް ގެނައުމަށް ހުށަހަޅައިފަ އެވެ.
މި ފަހަރުގެ ކޮންގްރެސްއަކީ، އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމީޓިއަކާ ހަވާލު ކުރި ފަހުން އެ ކޮމިޓީގެ ބެލުމުގެ ދަށުން ބާއްވާ ފުރަތަމަ ކޮންގްރެސް އެވެ. ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ ނޯމަލައިޒޭޝަން ކޮމިޓީގެ މިހާރުގެ ޗެއާމަން އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.
އެ ކޮމިޓީގެ ޗެއާމަނަކަށް ފީފާއިން މުއިއްޒު ހަމަޖެއްސީ މިދިޔަ ފެބްރުއަރީ 14 ވަނަ ދުވަހު އެވެ. އެ ނިންމުމުގެ ކުރިން ފީފާއިން ވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް އޭރު ހުންނެވި ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޒުހޫރު މަގާމުން ވަކިކޮށްފަ އެވެ.
ފީފާއިން ނިންމީ، ކުރިން ފަސް މެންބަރުން ތިއްބެވި ކޮމިޓީގެ މެންބަރުންގެ އަދަދު ތިނަކަށް ދަށް ކުރުމަށެވެ. އެގޮތަށް ފީފާއިން ނިންމުމުން، އެ ކޮމިޓީގެ މެންބަރުކަމުން ގާނޫނީ އަދި ފައިނޭންސް ދާއިރާގެ ތަޖުރިބާކާރު އަހުމަދު އަލީ އަމިއްލަ އަށް އިސްތިއުފާ ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްޕިތާނު.
06 March 2025
އެފުއޭއެމް އަކީ އުވާލަން ޖެހެ ތަނެއް. ކ.މާލޭގެ ކަންމަތީ ގުރޫޕް ތަކަށް ދައުލަތުގެ ފައިސާ ޙަރަދުކޮށް އެމީހުން ބެރަށް ޗުއްޓީ ހަދަން ފައިސާ ޙަރަދު ކުރާ ތަނެއް
ބީނީސް
06 March 2025
ރާއްޖޭގެ ހުރިހާ ހިސާބެއްގެ ޓީމްތަކަށް ތަބަކަށް ލާފަ ފުރުސަތު ދޭކަށް ނުޖެހެ!. މިހާރުވެސް އެބައޮތް ފުރުސަތު ހަމަ ހިއްވަރު ނެތީ!
ޑުންގާ ކޯޗް
06 March 2025
އެފްއޭއެމްގެ ޤަވާއިދާއި މުބާރާތް އިންތިޒާމްކޮށް ރޭވިފައިވާ ގޮތްތައް ނެގެނަމަ ކޮމެންޓް ނުކޮސް ހުރެޭ. ހުރިހާ މުބާރާތް ތަކެއްގެ ޤަވާއިދު ހަދާފައިވަނީ ކ.މާލޭގެ ކަންމަތީ ގުރޫޕް ތަކަށް ފުރުސަތު ލިބޭ ގޮތަށް. ގެންގް ޓީމް ތައް ކަޑާނަމަ މުބާރާތުގެ މެދުތެރެއިންވެސް ޤަވާއިދު ބަދަލު ކޮށްފައި އެބަހުރި.
މަތީނު.
06 March 2025
ތަބަކަށާއި ތަރުމޯޒަށް އަޅައިގެން ކަލޭމެން ރަށު މީހުން ތިޔަ ކުލޭ އެއްޗެއް ކުޅެކުޅެ ތިބޭ. އެހެން ރަށެއްގައި ކަލޭމެންގެ އެއްވެސް ކަމެއް ކުރާނެ ކަމެއްނެތް. އަދި ޤައުމީ މުބާރާތޭ ކިޔައިގެން މުބާރާތް ވެސް ބާއްވައިގެން ނުވާނެ. ގަބީލާ ކަންމަތީ ލީގު ތައް ބާއްވާ.
އޮނަރަބްލް އަފީފު ދީދީ
06 March 2025
ނަމުގެ ތެރެއަށް "މޯލްޑިވްސް" ލާފައި އޮތް ކަމަށް ވިޔަސް މިއީ އެތަންތަނުގެ ނަމާއި ގުޅުވައިގެން މޯލްޑިވްސް، ޤައުމީ، ދިވެހިރާއްޖެ، ނެޝަނަލް އަދި ދިވެހި ފަދަ ބަސްތައް ހިމަނައިގެން ކ.މާލޭގައި އުފައްދާފައިވާ "އެރަށު" އެސޯސިއޭޝަން ފަދަ ތަނެއް. (އެތުލެޓިކްސް އެސޯސިއޭޝަން ތަފާތު) ކ.މާލެ އެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ޓީމްތަކަށް ފުރުސަތު ލިބޭގޮތަށް ކަންކަން ބަދަލު ނުކުރާނަމަ ބޮޑެތި ހުރިހާ ސިޓީތަކުން FAM ބަލައި ނުގަންނާނެކަން އިޢުލާން ކުރަންވީ.