ރޯދަ މަސް / ރަށްރަށުން

ކުޑަރިކިލު ގޮނޑުދޮށުގައި 'ރިހި ސިލިންޑަރު' ގޮވައި އެތައް ބަޔަކު މަރުވި ހާދިސާ

މަޑުލު މުހައްމަދު ވަހީދުގެ ކުރުވާހަކަ 'ރިހި ސިލިންޑަރު' ކިޔައިފިން ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ މި ލިޔަން އުޅޭ ހާދިސާ ވަރަށް ފަސޭހައިން ސިކުނޑީގައި ކުރަހާލެވޭނެ އެވެ. އެއީ ވަހީދު، މި ހާދިސާ ހިނގި ރަށަށް ދަތުރު ކުރައްވައިގެން، ބައެއް މުސްކުޅިން ވެސް ކިޔައިދިން ވާހަކަތަކާއި މައުލޫމާތުން ހިޔާލު ލިބިގެން ލިޔުއްވި ވާހަކައެކެވެ.

އެއީ އެއް ވަނަ ބޮޑު ހަނގުރާމައިގެ ކުރީކޮޅެވެ. މީލާދީ ސަނަތުން 1915 ވަނަ އަހަރެވެ. ދިވެހިރާއްޖެ އޮތީ ހަނގުރާމައިގައި މައިދާނުގައި ނޫނަސް މި ގައުމަކީ އޭރު، ހަނގުރާމައިގެ އެންމެ ބޮޑު އެއް ބައިވެރިޔާ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް ރާއްޖެ އަކަށް ވާތީވެ، އޭގެ ދިލަގަނޑު ދިޔައީ ފޯރަމުންނެވެ. ހާއްސަކޮށް މި ރާއްޖެ އޮތީ، ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ ކަނޑުގެ އިސްތިރާޖީ މުހިއްމު ސަރަހައްދެއްގައި ކަމުން، ހަނގުރާމައިގެ އޮއި މި ގައުމުގެ ކަނޑުތަކުގައި ވެސް ދިޔައީ ދެމުންނެވެ.

ނަމަވެސް އޭގެ މާބޮޑު ހިޔާލެއް، ފިކުރެއް މި ރާއްޖޭގެ އާއްމު ރައްޔިތުންގެ ވިސްނުމަކު އޮތް ހެނެއް ހީނުވެ އެވެ. ބަނޑުފުރާނަމުއްތިކުރެވޭނެ ފަދައެއް ހޯދުމަށްޓަކައި ކަނޑުފަޅުން މަހެއް ބެވޭތޯ، ދަނޑުފަނގުން އެއްޗެއް ބިނދެލެވޭތޯ އެހެން މިހެން އުޅެނީ އެވެ. އޭގެ ތެރެއިން ދުވަހެކެވެ. މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށުގެ ދޯނިތައް ދިޔައީ އެ އަތޮޅު އުތުރުބުރިއާ ދެމެދު އޮންނަ ކަނޑުއޮޅިއެއް ކަމަށްވާ، ހަނިކަނޑުގައި މަސްވެރިކަން ކުރަމުންނެވެ. އޭގެ ތެރެއިން، މިހާރު ފަޅުވެފައިވާ ހަކުރު ފުނަދޫ ދޯންޏެއްގެ، ފަޅުވެރިއެއްގެ ލޮލުގައި ކަނޑުމަތީގައި އޮޔާދާ އެއްޗެއް އަޅައިގަތެވެ. ރިހި ކުލައިގެ އެއްޗެކެވެ. ފެންމަތިން ފެންނަނީ ބޮޔެއް ޒާތުގެ އެއްޗެކެވެ. އަޑިއަށް ފައިބާފައިވާ ބަޔާ އެކު ބެލުމުން ހިސާބަކަށް ސިލިންޑަރަކާ ވެސް ވައްތަރެވެ.

އެ ޒަމާނުގެ ސުންތަނަކީ، ގޮތް ނޭގޭ އެއްޗެއް ފެނިއްޖެ ނަމަ އަތޮޅު އޮފީހާ ހަވާލުކުރުމެވެ. އެހެންވެ އެ މަގުސަދުގައި އޭގައި ވާއޮޅައި، ދޯނީގައި ކަފު ޖަހައިގެން އަތޮޅުގެ ދެކުނު ބިތަށް މިސްރާބު ޖެހި އެވެ. ނަމަވެސް އޭރު މާޅޮސްމަޑުލުގައި ވެރިކަން ކުރަމުން އައި ދަރަވަންދު އަށް ސީދާ އޭތި ގެންދިއުމުގެ ބަދަލުގައި އެ ދޯނީގެ ނެވިމީހާ ނިންމީ ކައިރީގައި އޮތް ކުޑަރިކިލަށް ގެންގޮސް އެ ރަށު ކަތީބު ލައްވައި، އަތޮޅު އޮފީހާ ހަވާލުކުރުމަށެވެ. އެހެންވެ ކުޑަރިކިލަށް ގޮސް އެ ރަށު އިރުމަތީ ފަރާތު ގޮނޑުދޮށަށް އެ އެތި ބީއްސާލުމަށް ފަހު، ކަތީބަށް އޭގެ މައުލޫމާތު ދިނީ އެވެ.

ބ. ކުޑަރިކިލުގެ ގޮނޑުދޮށް: ރާއްޖޭގެ އެންމެ ރީތި އެއް ރަށް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖެހިގެން އައީ ހުކުރު ދުވަހެވެ. އޭރު އޭތި އޮތީ ކަތީބު ބެއްލެވުމަށް ފަހު، ރަށުގެ އަތިރިމައްޗަށް އަރުވައިފަ އެވެ. ނަމަވެސް އެ ދުވަހުގެ ހުކުރު ނަމާދަށް ފަހު، އެ ރަށު ރައްޔިތުން ފޯރީގައި ކުރަމުން ދިޔައީ މުޅިން އެހެން ކަމެކެވެ. ދޯންޏެއް ބޭލުމުގެ މަސައްކަތެވެ. އެކަމުގެ ތެރޭގައި މީހުން އުޅެނިކޮށް، ކުއްލިއަކަށް ވަރުގަދަ އަޑެއް އިވުނެވެ. ހީވީ ހައެއްކަ ހޮނުގުގުރި އެއްފަހަރާ ޖެހި ޖެހެންނެވެ. އޮލަ ދުންގަނޑެއް ވެސް އެރި އެވެ. ދެން އިވެން ފެށީ މީހުންގެ ހަޅޭކާއި ރުއިމުގެ އަޑެވެ. ދުންގަނޑު މަޑުވެ، މަންޒަރު ރަނގަޅަށް ފެނުނުއިރު އެތައް ބަޔަކު މަރުވެ ބިންމައްޗަށް ވެއްޓިފައި ތިއްބެވެ. ބައެއް މީހުންގެ ހަށިގަނޑުގެ ގުވަނަވަންތަކާއި ބައިތައް ވަނީ ވަކިވެފަ އެވެ. މުޅި ސަރަހައްދު އޮތީ ލޭކުލައިގަ އެވެ. އެ ދިމާލުން މޫދު އޮތީ ރީނދޫވެފަ އެވެ. ސަލާމަތުން ތިބި މީހުންގެ ތަކުބީރުގެ އަޑުން ރަށް ގުގުމާލި އެވެ.

އެވީ ކިހިނެއް ހެއްޔެވެ؟ ބޮޑު ގޮވުމެއް ގޮވީ އެވެ. އެ ރަށަށް އޭގެ ކުރީ ދުވަހު އެރުވި އެ ގޮތް ނޭގޭ ފާޑުގެ އެތި ގޮވީ އެވެ. އެއީ ސިލިންޑަރެއް ވެސް ނޫނެވެ. ބޮޔެއް ވެސް ނޫނެވެ. އެއީ ކަނޑު މައިނަކެވެ. އެއީ ހަނގުރާމައިގެ އެ ދުވަސްވަރު ބައެއް ގައުމުތަކުން އައްސޭރިފަށުގައި، ރައްކަލަކަށް އަޅާފައި އޮންނަ އެއްޗެކެވެ. ދުޝްމިނުންނަށް އެރިޔަ ނުދިމުމަށެވެ. ފެންމައްޗަށް ބޮޔެއްހެން އަރާފައި އޮންނަ ބައިގެ ތިރީގައި އޮންނަނީ އަޑިއަށް ފައްތާފައިވާ ނަގިއްޔެއް ފާޑު އެއްޗެކެވެ. ލަފާކުރެވެނީ އެ ބައި ކަނޑައިގެން ގޮސް ބެހިގެން ރާއްޖެ ސަރަހައްދަށް ލައްވީ ކަމަށެވެ. ދޯންޏަށް މި ނެގުނީ އެ މައިނެވެ.

ސުވާލަކީ އެއެތި ގޮވީ ކިހިނެއް ހެއްޔެވެ؟ އެކަމާ ގުޅޭގޮތުން ދެ ގޮތަކަށް ވާހަކަ ދެއްކެވެވެ އެވެ. އެއް ގޮތަކީ އެޔާ ކުޅެނިކޮށް ގޮވީ އެވެ. އަނެއް ގޮތަކީ، އެއީ ގޮވާ އެއްޗެއްކަން އެނގި ހުރެމެ، ޒުވާނަކު ގަދަބަސް ބުނެ އެޔާ ކުޅެގެން ގޮއްވާލުމެވެ.

އެ ހާދިސާގައި ހާނިއްކަވި މީހެއް ކަމަށްވާ އިނގުރައިދޫ މޫސާ މަނިކާ ހަވާލާދެއްވައި، އޭނާގެ މުނިކާފަ ދަރިއަކު ލިޔެފައިވާ ގޮތުގައި އެ އެތި ގޮވީ ދޯނި ބާލަން އޭނާ ސަލަވާތްފުޅު ކިޔަވަން އުޅެނިކޮށެވެ. ރާއްޖޭގެ ތާރީހު ދިރާސާކުރާ ޝައްމޫން ޖަލީލް (ލޫކަސް) އޭނާގެ ވެބްސައިޓުގައި ނަކަލުކޮށްފައިވާ އެ ލިޔުމުގައިވާ ގޮތުން އޭރު ދޯނި ބާލަން އައިސް ތިބި މީހުން ދައްކަމުން ދިޔައީ އެ ބޮމުގެ ވާހަކަ އެވެ. އެ މީހުންނަށް އެއީ ބޮމެއް، ނުވަތަ ގޮވާ ފާޑުގެ އެއްޗެއްކަން އެނގެ އެވެ. އެ ވަގުތު އެތަނަށް އައި މަޑުއްވަރި ގޯތި އަލީ ކިޔާ މީހަކު ތިމަންނާއަކީ ބިރުގަންނަ މީހެއް ނޫނޭ، މިހާރު ވެސް ކަނދުގަނޑުން ޖަހާ އޭތި ފަޅާލަފާނަމޭ ބުނި ކަމަށް ވެ އެވެ.

ކުޑަރިކިލުގައި ގޮވި ކަމަށް ބެލެވޭ ވައްތަރުގެ ކަނޑު މައިނެއް. -- ފޮޓޯ: ވާ މިއުޒިއަމް

"އެވަގުތު އެތާ ތިބި މީހުން ގޮވާލި އެވެ. ޅާއައްޔާ ގޮވާޅެ! އަލީ ބުނަނީ ނުގޮވާޅެއެވެ. މިހެން ބުނެ ކަދު ގަނޑުން ބޮމުގައި ޖަހައިފިއެވެ،" އެ ލިޔުމުގައިވެ އެވެ.

"އެވަގުތު ބޮން އެނބުރެން ފެށި އެވެ. އަޅުގަނޑުގެ ކާފަ ކިޔާދިން ގޮތުގެ މިސާލަކީ ވައިޖަހާފައި އޮންނަ ފުއްޕާހަމެއް ތުންނާއްސަ ބިންމަތީގައި ބޭއްވީމައި ވައިދޫވާއިރު ހަން އެބުރޭ ގޮތް، އެ ގޮތަށް އެބުރުމަށް ފަހު ގޮވީ އެވެ."

އެ ވާހަކަ ބ. ކެންދޫ އަބޫބަކުރު މުހައްމަދު (ގާޒީ ބަކުރު) ވިދާޅުވެދެއްވި ގޮތް ތަފާތެވެ. އޭނާއާ ހަވާލާދީ ޝައްމޫން ލިޔެފައިވާ ގޮތުގައި މި އެތި ގޮވީ ހުކުރު ވަގުތުގެ ކުރީގައި އެ ހިސާބުގައި އުޅުނު ކުއްޖަކު ރަށަށް އަރުވާފައި އޮތް އެ ބޮއެގައި ހުރި ރަން އިސްކުރެއް ނައްޓަން އުޅުމުންނެވެ.

"ހުކުރުން ފައިބައިގެން އެންމެން އައީ އޮޑި ފަހަރު ބާލަން ސަލަވާތް ކިޔަވާށެވެ. ސަލަވާތް ކިޔަވާ ނިމުނު ތަނުން ދުން އަރަމުން ދިޔަ ބޮއެ ގޮވައިފި އެވެ. ބޮއެ ގޮވީ އެބުރިފައި ހަރުތަނެއްގައި ޖެހުމަށް ފަހު އެވެ. ގޮވީ ކައިރީ ހުރި އޮޑި ފަހަރާއި ވެސް އެކު އެވެ."

އެއް ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަނޑަށް މައިނެއް ވައްޓާލަނީ. -- ފޮޓޯ: ވޯ ހިސްޓަރީ

ކޮންމެ ގޮތަކަށް ގޮވި ނަމަވެސް، އެ ގޮވުމުގެ ނަތީޖާއަކަށްވީ އެތައް ބަޔެއްގެ ފުރާނަ ގެއްލުމެވެ. އެއް ބަޔަކު ބުނަނީ ނުވަ މީހުން މަރުވި ކަމަށެވެ. އެކަމަކު އެ އަދަދަށް އެ އަށް ވުރެ މާ މަތިވާނެ ކަމަށް ވެސް ބައެއް ތާރީހީ ލިޔުންތައް ބުނެ އެވެ. ގިނަ ބަޔަކު މަރުވީ، އެއީ ދޯނި ބާލަން ރަށުގެ އާބާދީގެ ބޮޑުބައި އެއްވެފައި ތިބި ވަގުތެއް ކަމުންނެވެ. އެ ގޮވި ގޮވުމުގެ އަޑު ކައިރި ރަށްރަށަށް ވެސް އިވުނު ކަމަށްވެ އެވެ.

"ހުކުރުން ފައިބައިގެން އައި ކެންދޫ މީހުންނަށް ވެސް ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު އިވުނެވެ. ކެންދޫ މީހުން އެއަޑު އައި ދިމާއަށް އަތިރިމައްޗަށް ނިކުމެ ބެލި އިރު ކުޑަރިކިލާއި ދިމާއިން ދުން އަރައެވެ،"

ގާޒީ ބަކުރު ވިދާޅުވަނީ، އެ މައްސަލަ ތަހުގީގު ކުރަން ސަރުކާރުން މީހަކު ފޮނުވި ކަމަށެވެ. އެ ކަމުގައި އެ ރަށަށް ވަޑައިގެންނެވީ ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު ހުސެއިން ސަލާހުއްދީން ކަމަށް ވެސް ވާހަކަ ދެއްކެވެ އެވެ. އެކަމަކު، އޭގެ އެއްވެސް ތަފްސީލެއް ނުވަތަ އެފަދަ ތަހުގީގެއްގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތެވެ. ނަމަވެސް، ބޮން ގޮވިކަމާ މެދު ސުވާލެއް އުފެދިފައެއް ނުވެ އެވެ. އެއް ވަނަ ބޮޑު ހަނގުރާމަ އާއި އޭގެ ފަހުން ކުރި ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮން ގޮއްވުމާއި ޓްރޮޕިޑޯ އިން ހަމަލާދީ މަނަވަރު ފެއްތުން ފަދަ އަނދިރި ހާދިސާތައް ހިނގާފައިވެ އެވެ. ބޮންތައް ބައެއް ރަށްރަށަށް ވެސް ލައްގާފައިވެ އެވެ. އެކަމަކު ކުޑަރިކިލުގެ އެ ގޮވުމަކީ، ރާއްޖޭގެ ތާރީހުގައި ހިނގި އެފަދަ އެންމެ ހިތާމަވެރި ހާދިސާ އެވެ.

11 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

08 March 2025

"ފެނިއްޖެ ނަމަ އަތޮޅު އޮފީހާ ހަވާލުކުރުމެވެ.". އެ ޒަމާނަކު އަތޮޅު އޮފީހެއް ނުހުރެޔޭ. ހުންނަނީ، "ވާރުގެ".

The name is already taken The name is available. Register?

ާަަާޢަހުމަދު

08 March 2025

ތާޜީހުން އެގެނީ 1912 ގައި ހިނގާފައިވާ ހާދިސާއެއްކަމަށް

The name is already taken The name is available. Register?

ހަސަންތަކުރުބެ

08 March 2025

ހަރެންގެ ވަރަށްގާތް ރަހުމަތްތެރި ތިޔަރަށުގެ ކަމުވޮށިގެންވާ ބޭކަލަކު އުޅުނު. ތުންތުންމަތިން ތިޔަވާހަކަ ކުޑަރިކިލު މީހުން ކިޔައި އުޅޭގޮތަށް ކިޔައިދިން. އަދި ކުޑަރިކިލުގެ ތަފާތު އެހެންވާހަކައެއްވެސް ކިޔައިދިން. އެއްދުވަހަކު އަތިރިމަތިން ނެގިފުޅިއެއްގެތެރޭ ހުރީ ފަނިބޭސްކަމަށް ބަލައި ރަށުގެ ގިނަބަޔަކު އެބޭސް ބޮއެގެން ގައިގެ ވަރުދޫވެ ނިދިޖެހިފައި ތިބިވާހަކައެއްވެސް ކިޔައިދިން.

The name is already taken The name is available. Register?

އަބްޑޫޅް +

08 March 2025

"ގިނަބަޔަކު އެބޭސް ބޮއެގެން ގައިގެ ވަރުދޫވެ ނިދިޖެހިފައި". ހޫމް. މިޒަމާނުގަ އެޔެށް ކިޔާ އުޅެނީ "ބަނގުރާ". އަބަދުވެސް، ބީރަށްޓެހީންގެ ފަސް ކުޅަނދު މަދު ކަމުގަ، މުސްކުޅިން ބުނެ އުޅުނި.

The name is already taken The name is available. Register?

ވަޓް ނޮންސެންސް

06 March 2025

ކުޑަރިކިލު މައިނު ގޮވި ޙާދިސާ ހިނގީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސް ވަރުގައެވެ. އެއްވަނަ ބޮޑުހަނރާމައޭ ކުރިން ޕޯސްޓްގައި ލިޔެވުނީ އޮޅުމަކުންނެވެ. ވަރަށް ރަނގަޅު ވާހަކައެކެވެ. މާފަ އަކީ އައްޑޫ ހުވަދޫ މީހުން މަންމަ ފަރާތުގެ ކާފަޔަށް ކިޔާ ނަމެވެ. އެގޮތުން މިކަމެއް ހިނގިއިރު ކުޑަރިކިލުގައި އުޅުނީ މަގޭ މާފަ އެވެ. އެއީ އައްޑޫ މީހެކެވެ.

The name is already taken The name is available. Register?

ވާހަކަމީ

06 March 2025

ކެންދޫ މީހަކު ބުނި ކުޑަރިކިލުގައި ބޮން ގޮވައިގެން މީީހަކު ދެބުރިވެގެން އެއްބުރި ކެންދޫއަށް ވެއްޓުނުކަމަށް. އަދި އެމީހާ ބުނި ކެންދޫގައި އުޅުނޭ އެއްފަހަރާ ސަތޭކަ ކާށި ކާލި މީހަކުވެސް. މަަށަކަށް ހިޔެއްނުވޭ މީ ތެދެއްހެނެއް.

The name is already taken The name is available. Register?

ވަޓް ނޮންސެންސް

06 March 2025

މަގޭ މާފަ އަކީ ފަސްޓް ހޭންޑުގައި އެމަންޒަރު ދެކުނު މީހެކެވެ. އަދި އެބުނާ މީހަކު އެފަޅާލަފާނަމޭ ބުނީމަ އެޔާ ނުކުޅޭށޭ ކިޔާފަ އެމީހުންނަށް މާފަ އިންޒާރުވެސް ދިނެވެ. އެހެނީ މާފަ މެންނަށް ހުރީ އިނގިރޭސިންގެ ފަރާތުން ގަމުގައި އެފަދަ އެއްޗެހި ފެނިފައެވެ. އެއްވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ގަމުގައި އެމީހުންގެ ކައިރީގައި މަސައްކަތްކޮށް މިކަހަލަ އެއްޗެހި ފެނި ތަޖުރިބާ ލިބިފައިވާ މީހަކަށް ވާތީ ތިއީ ނުރައްކާތެރި ގޮވާ އެއްޗެކޭ ތިޔާ ނުކުޅޭށޭ ބުނެ އެމީހުނަށް ވަރަށްގިނަ ނަސޭހަތްދީ ހެދިވާހަކަ މާފަ ކިޔައި ދިނެވެ. ލިޔުމުގައި ވާފަދައިން މާފަ އެހެން ބުނެބުނެ ހުއްޓާ ޒުވާނަކު މާފަޔަށް ޗެލެންޖް ކޮށްފަ ތިމަންނަ ތީތި ރޫޅާލާނަމޭ އެއްކަމެއްވެސް ނުވާނެއޭ ބުނެ ޒުވާބުކުރި ވާހަކަވެސް މާފަ ކިޔައިދިނެވެ. އެމީހުން މާފަގެ ބަސް ގަބޫލު ނުކޮށް އޭތި ރޫޅާލަން ދިމާކުރުމުން އެންމެފަހުން މާފަޔަށް މަޖުބޫރުވީ ދުވެފަގޮސް ކައިރީގަހުރި ރުކަކަށް އަރައި ހިމާޔަށް ހޯދާށެވެ. މާފަ ކިޔައިދިން ގޮތުން ުއެ ބޮން ގޮވިތަން ވަރަށް ސާފުކޮށް ރުކުގައި އޮތްއިރު ފެނުނެވެ.

The name is already taken The name is available. Register?

‫ތުއްތޮންބެ

06 March 2025

އ‫ުތުރުގެމީހުން ކާފަޔަކަށް މާފައެކޭނުކިޔާނެ އަދި އިނގެރޭސި ސިފައިން އައްޑޫގައެންމެފުރަތަމަ ތިބެންފެށީ 1940ގެ އަހަރުތަކުންފެށިގެން އެއީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު މިކަމެއް ހިނގައިގެން މިއުޅެނީ ފުރަތަމަ ބޮޑުހަނގުރާމައިގެ ދުވަސްވަރަު 1915ގެ ހިސާބުގައި.

The name is already taken The name is available. Register?

އަބްޑޫޅް +

08 March 2025

މައްސަލަޔަކީ 1912 ވަނަ އަހަރު، ގަން ކީއްކުރަން، ރާއްޖޭގެ އެހެން ތަނެއްގައިވެސް އިގިރޭސީންނެއް ފައިބާ ނުތިބޭ. މާފަ ޔާ މުންނަ ތިޔަ ކިޔައިދިނީ ފުލޯކު ވާހަކަޔަކަށް ވުމާ ވައްތަރީ.

The name is already taken The name is available. Register?

ފޮޓޯ

06 March 2025

މާމަދީ ފޮޓޯ

The name is already taken The name is available. Register?

މީމުޝީނު

06 March 2025

އަޅުގަނޑު 80 ގެ ފަހުކޮޅު ކުޑަރިކިއްޔަށް ދިޔައިރުވެސް ވަރަށް ބޮޑު ވަޅުގަނޑެއް އޮވެއެވެ. އަތިރިމަތީ ސަރަހައްދުގައި އޮންނަ އެ ވަޅުގަނޑަކީ ބޮންގޮވި ވަޅުގަނޑޭ މީހުން ކިޔައިއުޅެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454