އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަނޫރާގު ކަޝްޔަޕް.
06 މާޗް 2025 - 07:06
ބޮލީވުޑަކީ "ޓޮކްސިކް" ތަނެއް ކަމަށް ބުނެ އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަނޫރާގު ކަޝްޔަޕް މުމްބާއި ދޫކޮށް ހިނގައްޖެ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް އަނޫރާގު އިއްޔެ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ މުމްބާއި ދޫކޮށް ދިޔަކަން ކަށަވަރުކޮށްދީފަ އެވެ. އަދި ބޮލީވުޑް ނުވަތަ ހިންދީ ސިނަމާ ދޫކޮށްލީ އެއީ މިހާރު ވަރަށް "ޓޮކްސިކް" ތަނަކަށް ވާތީ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ބޭނުންވަނީ ފިލްމު ހަދާ މީހުންނާ ދުރުގައި އުޅެން. މި އިންޑަސްޓްރީ މި އޮތީ ވަރަށް ޓޮކްސިކް ވެފައި. އެންމެން އުޅެނީ ހަގީގަތާ ދުރު ލަނޑުދަނޑިތަކެއް ހާސިލްކުރަން، ޖެހިޖެހިގެން 500 ކްރޯޑް ނުވަތަ 800 ކްރޯޑް ރުޕީސް ލިބޭނެ ފިލްމެއް އުފައްދަން. އުފެއްދުންތެރި މާހައުލެއް މިހާރު ނެތް،" އަނޫރާގް ބުންޏެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، "ބްލެކް ފްރައިޑޭ" އާއި "ގޭންގްސް އޮފް ވަސޭޕޫރް" ކަހަލަ މޮޅެތި ހިންދީ ފިލްމުތައް އުފެއްދި އަނޫރާގު އޭނާގެ ދިރިއުޅުން ބަދަލުކުރީ ބެންގަލޫރަށެވެ.
މިދިޔަ ޑިސެމްބަރު މަހު ހޮލީވުޑް ރިޕޯޓާ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ވެސް އަނޫރާގް ވަނީ ބޮލީވުޑްގައި މަސައްކަތް ކުރުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. އެ އިންޓަވިއުގައި އޭނާ ބުނެފައިވާ ގޮތުގައި، ބޮލީވުޑްގައި ކަންކަން ހިނގާ ގޮތާ މެދުގައި އޭނާ މާޔޫސްވެ، ކަންބޮޑުވެ އެވެ. އަދި އެ ކަންކަން ރަނގަޅުވާނެ ކަމުގެ އުއްމީދެއް ނެތުމުން ބޮލީވުޑް ދޫކޮށްލައި، އޭނާ މިހާރު ބޭނުންވަނީ ދެކުނު އިންޑިއާގެ ސިނަމާގައި މަސައްކަތްކުރާށެވެ.
އަނޫރާގު މިހާރު ތައްޔާރުވަމުން އަންނަނީ މާދަމާ ރިލީޒްކުރާ އޭނާގެ ބައިވެރިވުން އޮންނަ މަލަޔާލަމް ފިލްމު "ފުޓޭޖް"ގެ ހިންދީ ވާޝަންގެ ޕްރިމިއާ އަށެވެ. އެ ފިލްމުގެ މަލަޔާލަމް ވާޝަން ރިލީޒްކުރީ މިދިޔަ އަހަރު އޮގަސްޓުގަ އެވެ.
އަނޫރާގު ވަނީ ތެލުގޫ ފިލްމެއް ކަމަށްވާ "ޑަކޯއިޓް"ގެ ރޯލެއް ވެސް މިފަހުން ކުޅެފަ އެވެ. އަދިވީ ސެޝް އާއި މުރުނާލް ޓާކުރް ލީޑު ރޯލު ކުޅޭ އެ ފިލްމު ރިލީޒްކުރާ ތާރީހު އަދި އިއުލާން ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނޫރަން
08 March 2025
އަނޫރާގު ތިޔަ ބުނީ ހެޔޮކޮށް، ބޮލީވުޑު ޓޮކްސިކު ކަމުން މިހާރު މަ ވެސް މިހިރީ ގެޔަށް އައިސް ދެން ނުދާނަން އެތާކަށް