މިދިޔަ އަހަރު ޕާކިސްތާނުގެ ރެއިލްވޭ ސްޓޭޝަނެއްގައި ބޮމެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވި ހާދިސާއަށް ފަހު މީހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ: އިއްޔެ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައި. -- ފޮޓޯ: އޭއެފްޕީ
06 މާޗް 2025 - 06:53
ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހުންނަ އަސްކަރިއްޔާގެ ކޮމްޕައުންޑެއްގެ ތެރެއަށް ދެ ކާރެއްގައި ބޮން ހަރުކޮށްގެން ވަދެ އަމިއްލައަށް މަރުވެގެން އިއްޔެ ދިން ހަމަލާއެއްގައި އާންމުންގެ 13 މީހަކާއި ސިފައިންގެ ފަސް މީހަކު މަރުވެއްޖެ އެވެ.
ޕާކިސްތާނުގެ ސިފައިންނާއި ފުލުހުންނަށް ހަމަލާ ދިނުން އިތުރުވެފައި ވާއިރު ދިން މި ހަމަލާގައި މަރުވި އާންމުންގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނެ އެވެ. މި ހަމަލާ ދިނުމުގައި، ހަތަރު މީހަކު އަމިއްލައަށް މަރުވި ކަމަށް ސަލާމަތީ ބާރުތަކުން ބުންޏެވެ.
ހަމަލާ ދިނީ އަފްޣާނިސްތާނާ ކައިރީގައި އޮންނަ، ހަމަނުޖެހުން ބޮޑު ޚައިބަރު ޕަހްތޫންހުވާ ޕްރޮވިންސްގެ ޑިސްޓްރިކްޓެއް ކަމަށްވާ ބަންނޫގަ އެވެ. މިތަން އޮންނަނީ ކުރިން ހަރުކަށި ފިކުރުގެ މައި މަރުކަޒެއްގެ ގޮތުގައި އޮތް، ކުރިން އަމިއްލަ އަށް ވެރިކަމެއް ކުރަމުން އައި ގަބީލާ ސަރަހައްދުތަކާ ޖެހިގެންނެވެ.
"ޓެރަރިސްޓުން ބަނޫ ކެންޓަށް ވަދެފައިވަނީ ތަފާތު ދެ ދިމާލަކުން. މިއަދު ހެނދުނު އެތައް ގަޑިއިރެއް ވަންދެން ހިންގި ވަރުގަދަ އޮޕަރޭޝަނަކަށް ފަހު، ހަމަލާދިން އެންމެން ވަނީ ނައްތާލެވިފައި،" ޕްރޮވިންސް މިނިސްޓަރު ޕަހްތޫން ޔާރް ހާން އޭއެފްޕީއަށް ވިދާޅުވި އެވެ.
އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ ކޮމްޕައުންޑަށް ވަތް މީހުންނާ ދެކޮޅަށް ސިފައިން ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދިން ކަމަށާއި ސިފައިންގެ ފަސް މީހަކު ހިތްވަރާ އެކު ޓެރަރިސްޓުންނާ ކުރިމަތިލުމުގެ ތެރޭ ބަޑީގެ ހަމަލާތަކުގައި ކަމަށެވެ.
އެ ބަޔާނުގައިވަނީ ޓެރަރިސްޓުންގެ 16 މީހަކު މަރާލާފައިވާ ކަމަށާއި އޭގެ ތެރޭގައި އަމިއްލައަށް މަރުވެގެން ހަމަލާދިން ހަތަރު މީހުން ވެސް ހިމެނޭ ކަމަށެވެ. އަދި ބަޑީގެ ހަމަލާތަކުގައި، އެތަނާ ކައިރި މިސްކިތަކާއި އާންމުންގެ ގެދޮރަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ބުންޏެވެ.
ސިފައިންނަށް ދިން ހަމަލާގެ ޒިންމާ އުފުލާފައިވަނީ 2001 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ނޭޓޯ ކޯލިޝަނާ ދެކޮޅަށް އަފްޣާނިސްތާނުގެ ތާލިބާނުން ކުރި ހަނގުރާމައިގައި ތާލިބާނުންނަށް އަމަލީ ގޮތުން އެއްބާރުލުން ދިން ހާފިޒް ގުލް ބަހާދުރު ހަތިޔާރު އެޅި ޖަމާއަތުގެ ފެކްޝަނަކުންނެވެ.
އާބާދީ 250 މިލިއަނަށް އަރާ ޕާކިސްތާނަށް މިދިޔަ އަހަރަކީ ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭ އެންމެ ނުރައްކާތެރި އަހަރު ކަމަށް އިސްލާމްއާބާދުގެ އެނަލިސިސް ގްރޫޕް "ސެންޓާ ފޯ ރިސާޗް އެންޑް ސެކިއުރިޓީ ސްޓަޑީޒް" އިން ބުނެފައިވެ އެވެ. މިދިޔަ އަހަރު ދިން މިފަދަ އެކި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،600 އަށް އަރަ އެވެ. ހަމަލާތައް ގިނައީ އަފްޣާނިސްތާނުގެ ބޯޑަރު ކައިރި ސަރަހައްދުތަކުގަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރޭ
06 March 2025
މުޅި ދުނިޔޭގައި ޚާއްސަކޮށް އިސްލާމީ ގައުމުތަކުގައި ލޭ އޮހޮރުވުންތައް ގިނަ. ހިތާމަހުރި ކަންކަން. ދުނިޔޭގެ ނިމުން މިވަނީ ގާތްވަމުން. ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އަދުލު އިންސާފު މިހާރު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ