ރޯދަ މަސް / ނޫރު

ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން

އުތުރު އެމެރިކާ ސަރަހައްދަށް ފެނުނު އިރުކޭތަ ބަލަނީ: މެކްސިކޯއިން ފެށިގެން ކެނެޑާއާ ހިސާބަށް އިއްޔެ އަކީ ހާއްސަ ދުވަހަކަށްވީ ކުރިއަށް އޮތް 20 އަހަރު ވެސް ދެން އެކަހަލަ ރީތި މަންޒަރެއް ނުފެންނާނެތީ. އިރުކޭތަ ހިފަނީ އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ އިރު ފައްތަރުވީމަ.-- ފޮޓޯތައް: އޭއެފްޕީ

(އިއްޔެގެ ބަޔާ ގުޅޭ)

އެ މީހެއްގެ ހިތުގައި މާތް ﷲ އަށް ލަދުވެތިކަން އުފެދިފައިވާ ނަމަ މާތް ﷲ ރުހިވޮޑިގެން ނުވާ އަޑެއް އޭނާގެ ކަންފަތަކުން ނާހާނެ އެވެ. މާތް ﷲ ނަހީ ކުރައްވާފައިވާ ތަންތަން އޭނާގެ ލޮލަކުން ނުބަލާނެ އެވެ. ދޮގުހެދުމާއި ދެބައޮޑުވުމާއި އާޑަފުރައްސާރަ ކުރުމާއި ނެތިމޮށުން ފަދަ ކަންކަމުން ދޫ ރައްކާތެރިކުރާނެ އެވެ. އެއީ ތިމާގެ ކަންފަތުން އަހާ ކޮންމެ އަޑަކާއި، ތިމާގެ ލޮލުން ދެކޭ ކޮންމެ މަންޒަރަކާއި، ތިމާގެ ދުލުން ބޭރުކުރާ ކޮންމެ ލަފްޒެއްމެ އައްސަވައި ބައްލަވާވޮޑިގެންވާ ﷲ ސުބްހާނަހޫ ވަތައާލާ އަށް އެނގިވޮޑިގެންވާނެތީ އެކަމަށް އޭނާ ލަދުވެތިވާތީ އެވެ.

ދެ ވަނަ ކަމަކީ، ބަނޑާއި އެ ބަނޑާ ގުޅިފައިވާ އެހެން ގުނަވަންތައް ރައްކާތެރިކުރުމެވެ. މި އިރުޝާދުގެ މުރާދަކީ، މާތް ﷲ ނަހީ ކުރެއްވި އެންމެހައި ކަންކަމުން، ތިމާގެ ބަނޑާއި އެ ބަނޑުގައި ޝާމިލުވާ (އެތެރެހަށީގެ) އެންމެހައި ގުނަވަންތައް ރައްކާތެރިކުރުމެވެ. މާތް ﷲ ހަރާމް ކުރެއްވި ތަކެތި ކެއުމުންނާއި ހަލާލު ކުރެއްވި އެއްޗެއް ވިޔަސް ހަރާމް ގޮތުގައި ކެއުމުން ދުރުހެލިވުމެވެ. އަދި ތިމާގެ ބަނޑާ ގުޅިފައިވާ އެންމެހައި ގުނަވަންތައް، މާތް ﷲ ނަހީ ކުރެއްވި އެންމެހައި ކަންކަމުން ރައްކާތެރިކުރުމެވެ.

ބަނޑާ ގުޅިފައިވާ ނުވަތަ އެތެރެހަށީގެ ގުނަވަންތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ހިތަށެވެ. އެހެނީ ލަދުވެތިކަން އުފެދެނީ، އަދި ލަދުވެތިކަން ސާބިތުވެ ދެމިހުންނަ ތަނަކީ ހިތެވެ. ލަދުވެތިކަމުގެ ބިންގަލަކީ ވެސް ހިތެވެ. އެ މީހެއްގެ ކިބައިން ލަދުވެތިކަން ފައުޅުވާނީ ވެސް އެ މީހެއްގެ ހިތުގައި ލަދުވެތިކަން ހުރި މިންވަރަކުންނެވެ.

މިކަމަށް އިޝާރާތް ކުރައްވައި، ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރައްވާފައިވެ އެވެ؛ أَلاَ وَإِنَّ فِي الْجَسَدِ مُضْغَةً، إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ‏.‏ أَلاَ وَهِيَ الْقَلْبُ މާނައީ؛ ފަހެ ހަމަކަށަވަރުން ހަށިގަނޑުގައި ގަނޑު ލޭކޮޅެއްވެ އެވެ. އެ ގަނޑު ލޭކޮޅު އިސްލާހު ވެއްޖެ ނަމަ، މުޅި ހަށިގަނޑު އިސްލާހު ވެދެ އެވެ. އަދި އެ ގަނޑު ލޭކޮޅު ފާސިދު ވެއްޖެ ނަމަ، މުޅި ހަށިގަނޑު ފާސިދު ވެދެ އެވެ. ފަހެ އެއީ ހިތެވެ.

އިންސާނެއްގެ ހިތުން ލަދުވެތިކަން ގެއްލިއްޖެ ނަމަ، ދެން އެ މީހެއްގެ ކިބައިން ފެންނާނީ އަނެކުން ދުށުމަށް ނޭދޭ އެންމެހައި ސިފަތަކެވެ. އިވޭނީ އަނެކުން އަހަން ބޭނުންނުވާ އަޑުތަކެވެ. ކުރަމުން ދާނީ މާތް ﷲ ނަހީ ކުރެއްވި އެންމެހައި ކަންކަމެވެ. މިއީ އިންސާނީ ތާރީހުގެ ފެށުމާ ހަމައިން ވެސް މިކަން އޮތް ގޮތް ކަން ބަޔާން ކުރައްވައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ إنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الْأُولَى: إِذَا لَمْ تَسْتَحِي فَاصْنَعْ مَا شِئْتَ މާނައީ؛ ކުރީގެ އުންމަތްތަކުގެ ނަބީ ބޭކަލުންގެ ބަސްފުޅުތަކުގެ ތެރެއިން މީސްތަކުން ލިބިގަނެފައިވާ ނަސޭހަތެއް ވެ އެވެ؛ ތިބާ ލަދު ނުގަންނަ ނަމަ، ބޭނުން ކޮންމެ ކަމެއް ތިބާ ކުރާނެތެވެ.

ސިއްރުގައި ވިޔަސް އަދި ފައުޅުގައި ވިޔަސް ކިތަންމެ ކުޑަ ވިޔަސް އަދި ބޮޑުވިޔަސް ފާފައެއް ނުކުރުމަކީ ރޯދައިގެ އެންމެ މުހިންމު ސިފަ އެވެ.

އެ މީހެއްގެ ހިތުގައި މާތް ﷲއާ މެދު ލަދުވެތިކަމެއް ނެތް މީހާގެ ހިތުގައި މީސްތަކުންނާ މެދު ވެސް ލަދުވެތިކަމެއް ނޯންނާނެ އެވެ. އެހެންކަމުން، އެފަދަ މީހަކު ކޮށްފައި ނުކުރާކަށް ވަކި ކަމެއް ނޯންނާނެ އެވެ. ތިމާގެ ހިތުގައި މާތް ﷲއާ މެދު ކުޑަވެސް ލަދުވެތިކަމެއް ހުރިއްޔާ، މާތް ﷲ މާތްކުރެއްވި އިންސާނަކާ ދިމާއަށް، އަދި އިންސާނީވަންތަކުގެ ގޮތުން ތިމާގެ އަހަކާ ދިމާއަށް ހަޑިހުތުރު ބަހެއް ނުބުނާނެ އެވެ. ތިމާގެ ހިތުގައި މާތް ﷲއާ މެދު ކުޑަވެސް ލަދުވެތިކަމެއް ހުރިއްޔާ، ހަލާލު މަސައްކަތުން މީހުން ހޯދާފައި ހުންނަ މުދާ ހަރާމް ގޮތުގައި ވަގަށް ނަގައި ފޭރިގަނެގެން ބޭނުމެއް ނުކުރާނެ އެވެ.

ތިން ވަނަ ކަމަކީ، ދުނިޔަވީ ދިރުއުޅުމުގެ ދަންފަޅި ހަމަވާނެ ވަގުތެއް އެބަ އޮތް ކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމެވެ. އެއީ މަރާ ބައްދަލުވާނެ ވަގުތެވެ. އެހެންކަމުން، މަރާއި މަރާ ގުޅިފައިވާ އެންމެހައި ކަންތައް ހަނދުމަ ކުރުމެވެ. މި އިރުޝާދުގެ މުރާދަކީ، މަރުވާނެ ކަމާއި މަރުގެ ސަކަރާތާއި މަރުވުމަށް ފަހުގައި ކަށްވަޅުގައި ސުވާލު ކުރެވޭނެ ކަމާއި ކަށްވަޅުގެ އަޒާބާއި ނިއުމަތުގެ މަތިން ހަނދާންކޮށް އެ ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ބިރުވެތިވާށެވެ!

ބިރުވެތިވާން ޖެހެނީ، ތިމާ އަށް ކުރެވިފައިވާ ފާފަތަކުގެ ސަބަބުން މަރުގެ ސަކަރާތަކީ ވޭންދެނިވި ކަމަކަށް ވެދާނެތީ އެވެ. ކަށްވަޅުގައި ކުރެވޭ ސުވާލުތަކަށް ތިމާ ދޭނެ ޖަވާބެއް ނެތި، އަނގަ ބަންދުވެދާނެތީ އެވެ. އަދި އެކަމުގެ ސަބަބުން ކަށްވަޅުގެ އަޒާބާ ކުރިމަތިލާން ޖެހިދާނެތީ އެވެ. ބިރުވެތި ވާން ޖެހެނީ، ތިމާގެ ކަށްވަޅަކީ ނަރަކައިގެ ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑަކަށް ވެދާނެތީ އެވެ.

ހަތަރު ވަނަ ކަމަކީ، އާހިރަތް އެދޭ މީހާ، ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން ދޫކޮށްލުމެވެ. މި އިރުޝާދުގެ މުރާދަކީ، ދުނިޔަވީ ދިރިއުޅުމުގެ އުފަލާއި މަޖަލުގެ ތެރެއަށް ނަފްސު ދޫކޮށްލައިގެން އުޅޭ ދަންފަޅިއެއް ކަމުގައި ދުނިޔަވީ ދިރިއުޅުން ނުހެދުމެވެ. ތިމާގެ އާހިރަތް ގެއްލޭ މިންވަރަށް ދުނިޔޭގެ އުފަލަށް ބޫތުކައިގެން ނުއުޅުމެވެ. ދުނިޔަވީ ދިރިއުޅުމުގެ އުފަލާއި އަރާމާއި ލައްޒަތަށް ހިތް ލެނބިގެންދާ ކޮންމެ ފަހަރަކު ހަނދާނަށް ގެންނަންވީ، އާހިރަތުގެ ގޮވަތީގައި މާތް ﷲ ލައްވަވާފައިވާ ނިއުމަތްތަކުގެ މަތިންނެވެ. މި ދުނިޔޭގައި ލިބެން އޮތް ކޮންމެ އުފަލަކާއި އަރާމަކީ އޭގެ ވަކި މިންވަރެއް ކަނޑައެޅިފައިވާ ވަގުތީ ކަންކަމެވެ. އެހެނެއް ކަމަކު، އާހިރަތުގެ އުފަލާއި އަރާމަކީ އޭގެ ވަކި މިންވަރެއް އަދި ނިމުމެއް ނެތް ދާއިމީ ނިއުމަތްތަކެވެ.

ހަނދާނުގައި ބަހައްޓަންވީ، ދުނިޔަވީ ހަޔާތަކީ ތުއްތު ކުއްޖެއްގެ ގޮތުގައި މައިމީހާގެ ބަނޑުން އުފަންވެ، ޒުވާނަކަށްވެ، ދެން އެ އަށް ފަހުގައި ފުރާފުރިހަމަވެފައިވާ ބޮޑުމީހަކަށްވެ، އޭގެ ފަހުގައި މުސްކުޅިވެ އަދި ބައެއް ހާލަތުގައި އެއްވެސް އެއްޗެއް ނޭނގޭ އެންމެ ނިކަމެތި އުމުރަށް (އަރްޛަލިލް ޢުމުރަށް) ދެމިގެންދާ ވަރަށް ކުރު ދަންފަޅިއެއް ކަމެވެ. އެހެނެއް ކަމަކު، އުޚުރަވީ ހަޔާތަކީ، ނޫކަށި ފުރާގެ ޒުވާނެއްގެ ގޮތުގައި ފެށުމަށް ފަހު، އެއްވެސް ބަދަލެއް ނައިސް، އެ ޒުވާންކަން މަތީގައި ހޭދަކުރާ، ނިމުމެއް ނެތް ދާއިމީ ހަޔާތެއް ކަމެވެ. މި ހަތަރު ކަންތައް އެ ގޮތުގައި ކޮށްފި މީހާ، މާތް ﷲ އަށް ލަދުވެތިވުން ހައްގު ވެގެންވާ ގޮތުގައި ލަދުވެތިވެއްޖެކަން ކަށަވަރެވެ.

ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރައްވާފައިވާ ގޮތުގައި (وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ) ލަދުވެތިކަމަކީ އީމާންކަމުގެ ބައިތަކުގެ ތެރެއިން އެއް ބައެވެ. އެހެންކަމުން އެ މީހެއްގެ ހިތުގައި މާތް ﷲއާ މެދުގައި ލަދުވެތިކަން ސާބިތުވެފައިވާ މީހާގެ ކިބައިން ފެންނާނީ ފުރިހަމަ މުއުމިނެއްގެ ސިފަތަކެވެ. އެ މީހެއްގެ ކިބައިގައި ލަދުވެތިކަން އިތުރުވާ މިންވަރަކަށް އެ މީހެއްގެ އީމާންތެރިކަން އިތުރުވާނެ އެވެ. މާތް ﷲ އަށް ލަދުވެތިވާ މީހަކު ނަމަ އެކަލާނގެ ނަހީ ކުރެއްވި ކަމެއް އޭނާގެ ކިބައިން މާތް ﷲ ދެކެވޮޑިގެންފާނެތީ އޭނާ ލަދުގަންނާނެ އެވެ. މާތް ﷲ ނަހީ ކުރެއްވި ބަހެއް އޭނާގެ ދުލުން ބޭރުވާ އަޑު މާތް ﷲ އައްސަވާވޮޑިގެންފާނެތީ އޭނާ ލަދުގަންނާނެ އެވެ. މާތް ﷲ ނަހީ ކުރެއްވި ތަނެއް އޭނާގެ ދެ ލޮލުން ބަލަނިކޮށް މާތް ﷲ އޭނާއަށް ބައްލަވާވޮޑިގެންފާނެތީ އޭނާ ލަދުގަންނާނެ އެވެ.

މި ލަދުވެތިކަން އެ މީހެއްގެ ހިތުގައި އޮންނަ ނަމަ އޭނާގެ ގުނަވަންތަކުން ކުރާނީ މާތް ﷲ އަމުރުކުރެއްވި ކަންކަމެވެ. މާތް ﷲ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުމަށް އޭނާ ގަދައަޅައި މަސައްކަތް ކުރާނެ އެވެ. އެކަމުގެ ސަބަބުން، އެފަދަ މީހުންގެ ކިބައިން އަނެކުންނަށް އުނދަގުލާއި ގެއްލުމެއް ނުލިބޭނެ އެވެ. އެފަދަ މީހުންނަކީ މާތް ﷲ ލޯބިވެވޮޑިގެންވާ މީހުން ކަމަށް ވާތީ، މީސްތަކުން ވެސް އެ މީހުންގެ ދެކެ ލޯބިވާނެ އެވެ. އެ މީހުންނަށް އިހުތިރާމައި ގަދަރު ކުރާނެ އެވެ.

މިފަދަ ބަރަކާތްތެރި މޫސުމަކީ އަޅުގަނޑުމެންގެ ކިބައިގައި މި ފަދަ ސިފަތައް ހަރުލެއްވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ރޯދައަކީ އޭގެ ޒާތުގައި އިންސާނާގެ ނަފްސު ތަރުބިއްޔަތު ކޮށްދޭ އަޅުކަމަކަށް ވާއިރު، މިއީ މާތް ﷲ އާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި ލަދުވެތިކަމާއި ބިރުވެތިކަން އުފެއްދުމަށް ނުހަނު ރަނގަޅު ފުރުސަތެކެވެ. އެހެނީ ރޯދައިގެ އަޅުކަން އަޅުގަނޑުމެންނަށް އުނގަންނައިދެނީ، ހަށިގަނޑުގެ އެތެރެ ފުށާއި ބޭރު ފުށުގެ އެންމެހައި ފާފަތަކުން ދުރުހެލިވެގެން އުޅުމަށެވެ.

ސިއްރުގައި ވިޔަސް އަދި ފައުޅުގައި ވިޔަސް، ކިތަންމެ ކުޑަ ވިޔަސް އަދި ބޮޑުވިޔަސް ފާފައެއް ނުކުރުމަކީ، ރޯދައިގެ އެންމެ މުހިންމު ސިފަ އެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން އެންމެ ނަސީބުވެރި މީހުންނަކީ، މި ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވުމުގެ ކުރިން ނަފްސުތައް އިސްލާހުކޮށް، ހިތްތަކުގައި މާތް ﷲ އާ މެދުގައި ލަދުވެތިކަން އުފައްދައި އީމާންތެރިކަން އިތުރުކުރާ މީހުންނެވެ. (ނިމުނީ)

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންޠިޤް

06 March 2025

ވަރަށް ރަނގަޅު ނަސޭޙަތެއް އަދި ހަނދާންކޮށްދިނުމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454