06 މާޗް 2025 - 12:19
މިދިޔަ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ދަށަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކުރީ 214،000 ޓޫރިސްޓުންނެވެ. މިދިިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އަށް އައިސްފައި ވަނީ 217،000 ޓޫރިސްޓުން ކަމަށް ވާއިރު މި އަހަރުގެ އެ މުއްދަތަށް ބަލައިފި ނަމަ 1.5 ޕަސެންޓު ވަނީ ދަށްވެފަ އެވެ.
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދަދު ދަށްވިއިރު، މި މަހުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެ އަށް ޒިޔާރަތްކުރީ 28،000 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރާ ދާދި އެއްވަރެކެވެ.
މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް 214،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް 450،000 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ ފަސް ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް އައިސްފައި ވަނީ 435،000 ޓޫރިސްޓުންނެވެ.
އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން ވަނީ 60،000 ޓޫރިސްޓުން އައިސްފަ އެވެ. ދެވަނައިގައި އޮތް ރަޝިއާ އިން 45،000 ޓޫރިސްޓުންމ ތިން ވަނައިގައި އޮތް އިނގިރޭސި ވިލާތުން ވެސް 45،000 ޓޫރިސްޓުން ވަނީ އައިސްފައި އެވެ. އިޓަލީން މި އަހަރުގެ މިހާތަނަށް އައިސްފައިވަނީ 43،000 ޓޫރިސްޓުންނެވެ.
މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ރިސޯޓުކަކަށެވެ. ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަން 316،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ޖުމްލަ ޓޫރިސްޓުންގެ އަދަދުގެ 69 ޕަސެންޓެވެ.
މިދިޔަ އަހަރު ރާއްޖެ އަށް ވަނީ ދެ މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލް
06 March 2025
ވެލާނާ އިިްންޓަރނޭޝަނަލް އެއާޕޯޓްގެ އާޓަމިނަލް ހުޅުވިގެން ނޫނީ ދެން ރާއްޖޭގެ ޓޫރިސްޓް އެރައިލްވަލް މަތިވާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ މިހާރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދަކީ ވެލާނާ އެއާޕޯޓް އެތެރެވެވޭނެ އެންމެގިނަ އަދަދު ކަމަށްވާތީއެވެ. ފުލައިޓްތައް ޖައްސާއިރުއާއި ފުރާއިރު އެއާޕޯޓް ބާރުބޮޑުވެގެން ކިތަންމެ ފަހަރަކު ފުލައިޓްތައް ޑިލޭވެއެވެ. އާޓާމިނަލް ހުޅުވުމާއިއެކު ލަސްތަކެއްނުވެ ރާއްޖޭގެ ފަތުރުވެރިކަމަށް އާރޯކަން ލިބިގެންދާނެއެވެ.
ފެބްރުއަރީ 28
06 March 2025
މިދިޔަ އަހަރަށްވުރެ މިއަހަރު ފެބްރުއަރީމަހު %3.5 ދުވަސް މަދުވެސްވާނެ
އަދާހަމަ
07 March 2025
އެގްރީޑް، މިދިޔަ އަހަރާ މިއަހަރާ ދެމެދު ހުރި ފަރަޤަކީ 3000 ކަމަށް ވާއިރު އެއީ އެވްރެޖްކޮށް ދުވާލަކު ރާއްޖެ އަންނަ މީހުންގެ ގާތް ގަނޑަކަށް ދެބައިކުޅަ އެއްބައި. އަޅުގަނޑަށް ވެސް ފެންނަނީ ރަނގަޅަށް ތަފާސް ހިސާބު ހެދިނަމަ މިއަހަރު ފެބްރުއަރީ މަހު ފަތުރުވެރިން އައި ޢަދަދު ނިސްބަތުން މިދިޔަ އަހަރަށް ވުރެ ގިނަ ވާނެހެން.